ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އެކަނިވެރި މައިންނަށް ދޭން ފެށި ފައިސާ ކައިވެނިކުރި ފަހުން ވެސް އެކި ފަރާތްތަކަށް ދީފައިވާކަން ހެލްތު މިނިސްޓްރީގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.

އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހިމް ސޮއިކުރައްވައި ނެރުއްވި ރިޕޯޓުގައި އެކަނިވެރި މައިންނަށް ދޭ ފައިސާ ލިބޭ ފަރާތްތަކުގެ ތެރެއިން މާލެއިން 88 ފަރާތެއް ކައިވެނިކުރި ފަހުން 894،000ރ. ދީފައިވާ ކަމަށެވެ. އަދި އަތޮޅުތަކުން ރެންޑަމްކޮށް ނެގި 13 ރަށަކުން 59 ފަރާތަކަށް 299،000ރ. 2010 ން 2012 ޖޫންގެ ނިޔަލަށް ދީފައިވާކަން އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އެ އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ އެ ފައިސާ އަކީ އެކަނިވެރި މައިންނަށް ދޭ އެހީއެއް ކަމަށްވާތީ، އެ ފައިސާ ދިނުމަށް ކަނޑައަޅާފައިވާ އުސޫލްތަކުން ނޫނީ އެއްވެސް ފަރާތަކަށް ނުލިބޭ ގޮތް ހަދަން ޖެހޭ ކަމަށެވެ. އަދި އެ އުސޫލުގެ ދަށުން ނޫނީ ފައިސާ ނުލިބޭ ގޮތަށް ކަމާ ގުޅޭ ހުރިހާ އިންތިޒާމްތަކެއް ރާވައި، އިދާރީ ގޮތުން ހަމަޖައްސަން ޖެހޭ ކަންކަން ހަމަޖައްސައިގެން ނޫނީ ނުދިނުމަށް އެ ރިޕޯޓުގައި އަންގާފައިވެ އެވެ.

އެ ރިޕޯޓުގައި ބުނެފައި ވަނީ އެކަނިވެރި މަޔަކަށްވީތީ ފައިސާ ލިބެމުންދާ މީހަކު ކައިވެނިކޮށް އެ މައުލޫމާތު އެންސްޕާއަށް ނުދީ އެ ފައިސާ ނަގާ ނަމަ އެ ފަދަ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ވެސް އަންގާފައިވެ އެވެ.

އޮޑިޓާ ޖެނެރަލްގެ ރިޕޯޓުގައި ކައިވެނިކުރުމަށްފަހު ވެސް ފައިސާ ނަގާފައިވާ ފަރާތްތަކުން ފައިސާ ހޯދައި ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކުރަން ވެސް ލަފާދީފައިވެ އެވެ.