27 Nov 2013, 17:37
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑރ. މުހައްމަދު ޖަމީލު އަހުމަދުގެ އަރިހަށް، އިންޑިޔާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރަޖީވް ޝަހާރޭ މިއަދު އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި، އިންޑިޔާ ސަފީރު ނައިބު ރައީސަށް މަރުޙަބާއާއި ތަހުނިޔާ ވިދާޅުވި އެވެ.
ނާއިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ޒަމާނުއްސުރެ ރާއްޖެއާއި އިންޑިޔާއާ ދެމެދު އޮންނަ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވައިލެއްވި އެވެ. މި ސަރުކާރުން އެންމެ އިސްކަމެއް ދެއްވާ ކަންކަން ނާއިބު ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރައްވަމުން، ވިޔަފާރިއާއި، ބޭރުގެ އިންވެސްޓްމަންޓްތަކާއި، އިޖުތިމާއީ ދާއިރާއިން ގުޅުން ބަދަހިކުރެއްވުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި އެވެ.
ދިވެހިންނާއި އިންޑިޔާގެ ރައްޔިތުންނާ ދެމެދު އޮންނަ ހާއްސަ ގުޅުމުގެ މައްޗަށް ބައްލަވާލައްވަމުން، ރާއްޖެއާއި އިންޑިޔާއާ ދެމެދު އަބަދުވެސް ވަރަށް ގާތްގުޅުމެއް އޮންނަ ކަމުގައި ވިދާޅުވި އެވެ. އަދި ދެ ގައުމުގެ އިސްވެރިންގެ ދެމެދުގައި ވެސް، ކުރިއްސުރެ އޮންނަ ރަނގަޅު ގުޅުން އިންޑިޔާގެ ސަފީރު ފާހަގަކުރެއްވި އެވެ.
މި ބައްދަލުކުރެއްވުމުގައި، އިންޑިޔާ ސަރުކާރުން ރާއްޖޭގައި ކުރިއަށް ގެންދަވާ އެކިއެކި މަޝްރޫޢުތަކާ ބެހޭގޮތުންނާއި، ކުރިއަށް ރޭވިފައި ހުރި މަޝްރޫޢުތަކާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. އަދި ކުރިއަށް އޮތް ތާނގައި، އިންޑިޔާ އާއި ރާއްޖެއާ ދެމެދު ގުޅުންބަދަހި ކުރެވޭނެ އިތުރު ދާއިރާތަކުގެ މައްޗަށްވެސް ދެބޭފުޅުން ބައްލަވައިލެއްވި އެވެ.