ގެއަކުން 11،000 ރުފިޔާ އާއި މޯބައިލް ފޯނެއް ވަގަށް ނެގި މީހަކު ހޯދަން ވީޑިއޯ އާއްމުކޮށްފި އެވެ.

ފުލުހުން އާއްމުކޮށްފައިވާ ވީޑިއޯއަކުން ފެންނަ މީހާ ގެއެއްގެ ތެރެއަށް ވަދެ ކުޑަދޮރަކުން އޭނާގެ ވައާތް ފަރާތުން ބޭރަށް ބަލަހައްޓައިގެން އިރުކޮޅަކު ހުރެ އެވެ. އެއަށްފަހު ކުޑަދޮރުން އިމާރާތުގެ ތިރިއަށް ގިނަ އިރުތަކެއް ވަންދެން ބަލަހައްޓައިގެން ހުރުމަށް ފަހު އެނބުރިދާތަން ފެނެ އެވެ. އަދި ދެވަނަ ފަހަރަށް އެނބުރު އައިސް ކުޑަދޮރުން ބަލަހައްޓައިގެން ހުރެފައި އަނެއްކާ ވެސް އެނބުރިދާ ތަން އަނެއްކާ ވެސް ފެނެ އެވެ.

ފުލުހުން ބުނީ އެ ވީޑިއޯއިން ފެންނަ މީހަކީ މިމަހުގެ ދިހަ ވަނަ ދުވަހުގެ ރޭ އިރާކޮޅު 8:30 ވަގުތެއްގައި މާފަންނުގެ ގެއަކަށް ވަދެ ވައްކަން ކުރި ކަމުގެ ތުހުމަތުގައި ފުލުހުން ހޯދަމުން އަންނަ މީހެއް ކަމަށެވެ.

ފުލުހުން ބުނީ އެމީހާ ވައްކަން ކޮށްފައިވަނީ އެގޭ ހަތަރު ވަނަ ފަންގިފިލައަށް ސިޑިން އެރުމަށްފަހު ސިޑިއާ ދިމާލުގައި ހުރި ކުޑަދޮރަކުން ބެލްކަންޏަށް ނުކުތުމަށް ފަހު، ޖެހިގެން ހުރި ގޭ ތެރެއަށް ވަދެ ކަމަށެވެ.

މި މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިލައްވާފައިވާ ފަރާތެއްވާ ނަމަ ވީއެންމެ އަވަހަކަށް މޯލްޑިވްސް ޕޮލިސް ސާވިސްގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 ނުވަތަ މޯލްޑިވްސް ޕޮލިސް ސާވިސްގެ ހޮޓްލައިން 3322111 އަށް ގުޅުއްވައި މައުލޫމާތު ހިއްސާ ކުރުމަށް ވެސް ފުލުހުން ވަނީ އެދިފަ އެވެ.

http://www.youtube.com/watch?v=UuKV56RWGnQ