ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވަޒީރުންގެ މަޖިލީހަށް އައްޔަންކުރެއްވި ބޭފުޅުންގެ އިތުރު ހަތަރު ވަޒީރަކަށް ރުހުން ހޯދަން ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުއްވައިފި އެވެ.

ރައީސް ޔާމީންގެ ކެބިނެޓަށް އައްޔަންކުރެއްވި ވަޒީރުންގެ ތެރެއިން މިހާތަނަށް ރުހުން ހޯދަން މަޖިލީހަށް ހުށަހަޅާފައި ނުވަނީ ހަމައެކަނި ހަތަރު ބޭފުޅެކެވެ.

ރައީސް އޮފީހުން ބުނީ ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ނޮވެމްބަރު 21 ވަނަ ދުވަހު އައްޔަންކޮށްފައިވާ ބޭފުޅުންނަށް، ގާނޫނުއަސާސީގެ 129 ވަނަ މާއްދާގެ ރ. ގައިވާ ގޮތުގެމަތީން މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހެޅުއްވި ހަތަރު ބޭފުޅުންނަކީ އެޑިޔުކޭޝަން މިނިސްޓަރު ޑރ. ޢާއިޝަތު ޝިހާމް އާއި ހެލްތް އެންޑް ޖެންޑަ މިނިސްޓަރު ޑރ. މަރްޔަމް ޝަކީލާ އާއި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު އަދި ބަންޑާރަނައިބު މުހައްމަދު އަނިލް އެވެ.

ރައީސް އޮފީހުން ބުނީ އެ ނަންތައް ފޮނުއްވުމާއެކު، ރައީސުލްޖުމްހޫރިއްޔާ ވަޒީރުންގެ މަޖިލީހަށް ޢައްޔަންކުރެއްވި ހުރިހާ ބޭފުޅުންގެ ނަންފުޅުތައް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާ ނިމުނީ ކަމަށެވެ.