27 Nov 2013, 16:52
ޔޫމެޓް ކޮންސްޓްރަކްޝަންގެ އޮފީހުގައި އަލިފާން ރޯކޮށްލި ކަމަށް ތުހުމަތު ކުރެވޭ މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި އެވެ.
އެ މައްސަލައިގައި ދައުވާ އުފުލާފައި ވަނީ ސ. ފޭދޫ ނަލަރީތިގެ، މުޙައްމަދު އައިމަން 26، ގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ދައުވާ އިއްވަވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ ހ. ލަންޗުމީޑުގޭގެ ހަ ވަނަ ބުރީގައި ހިންގާ ޔޫމެޓް ކޮންސްޓްރަކްޝަންސްގެ އޮފީހަށް އިތުރު މީހަކާ އެކު ވަދެ އެތަނުން ވައްކަން ކުރުމަށްފަހު އައިމަން އެތަނުގައި އަލިފާން ރޯކޮށްލާފައިވާ ކަމަށެވެ. އެހެންކަމުން ރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ޅ) އާ ހަވާލާދީ އެ ގާނޫނުގެ ހަވަނަ މާއްދާގެ (ށ) ގެ ދަށުން އޭނާގެ މައްޗަށް އުފުލާ ދައުވާ އަކީ ޓެރަރިޒަމްގެ ދައުވާ ކަމަށް ވެސް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.
ދައުވާ އަށް ޖަވާބުދާރީވާން ފުރުސަތު އެރުވުމުން އައިމަން ބުނީ ދައުވާ އަށް އިންކާރުކުރާ ކަމަށާއި މައްސަލައިގައި ކުރިއަށްދާން ބޭނުންވަނީ ވަކީލަކާ އެކު ކަމަށެވެ.
އެ ދައުވާގެ އިތުރުން އޭނައާ އިތުރު މީހެއްގެ މައްޗަށް ވަނީ ޖަމާއަތް ހަދައިގެން ވައްކަން ކުރުމުގެ ކުށުގެ ދައުވާ ވެސް އުފުލާފަ އެވެ.
ދައުލަތުން ދައުވާ އިއްވުމުން އައިމަންއާއި ސ. ހުޅުދޫ ރައިހާނުގެ ޝިމްތާން އަލީ 26، ވެސް ވަނީ ދައުވާ އަށް އިންކާރުކޮށްފަ އެވެ.
އެ މީހުން ވަގަށްނަގާފައިވާ ކަމަށް ބުނާ ތަކެތީގެ އަގު ދައުލަތުން ހުށަހަޅާފައި ނުވާތީ އެތަކެތީގެ އަގު ހުށަހެޅުމަށް ގާޒީ މިއަދު ވަނީ ދައުލަތަށް އަންގާފަ އެވެ.