ފޫޅުމާ ފޯމުގައި ދޮގު މައުލޫމާތު ލިޔުނު އަންހެނަކު އެއް އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

އެ ހުކުމް ކޮށްފައި ވަނީ ކ. ގުރައިދޫ ދޫރެސް އާމިނަތު އަޒުފާގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައި ވަނީ ކައިވެންޏަކާ ނުލައި މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހުގެ ހަވީރު 4:30 ހާއިރު ވިހާފައިވާ އަންހެން ކުއްޖާ އަކީ ސ. ހިތަދޫ ސައިމާގޭ މައުސޫމްގެ ދަރިއެއް ކަމަށް ބުނެ ފޫޅުމާ ފޯމްގައި ދޮގު މައުލޫމާތު ލިޔެފައިވާ ކަމަށެވެ.

އެ ހުކުމްގައި ބުނެފައި ވަނީ ފޫޅުމާ ފޯމް ފުރިހަމަކޮށް އަޒުފާގެ އަތަށް ދިނުމުން ފޯމުގައި ހުރި ކުއްޖާގެ ބައްޕައާ ބެހޭ މައުލޫމާތު އަމިއްލައަށް އެ ފޯމުން ކަނޑާލާފައިވާކަން އޭނާގެ އިއުތިރާފުން ޝަރީއަތަށް ސާބިތުވާތީ ދޮގު ހެކި ދިނުމުގެ ކުށުން އޭނާ ކުށްވެރިވާ ކަމަށެވެ.

މިއީ އަޒުފާގެ މައްޗަށް މިފަދަ ކުށެއް ސާބިތުވާ ފުރަތަމަ ފަހަރު ކަމަށްވިޔަސް އެއް އަހަރަށް ޖަލަށްލާން ހުކުމް ކޮށްފައި ވަނީ އެ އަމަލުގެ ސަބަބުން އޭނާއަށް ތުއްތު ކުއްޖެއްގެ ކަރާމާތަށް އަރައިގަނެވި، ތުއްތު ކުއްޖާއަށް ޅަފުރާގައި ލިބެންޖެހޭ އެތަކެއް ހައްގުތަކަކުން އެ ތުއްތު ކުއްޖާ މަހުރޫމްވެފައިވާތީ ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.

އޭނާގެ އިހުމާލުން ތުއްތު ކުއްޖާ މަރުވެފައިވާ ކަމަށް ބުނެ ދައުލަތުން ވަނީ އަޒުފާގެ މައްޗަށް ކުއްޖަކު މެރުމުގެ ކުށުގެ ދައުވާ ވެސް އުފުލާފަ އެވެ. ނަމަވެސް ދައުލަތުގެ ފަރާތުން އޭނާއަށް ވަކީލަކު ހަމަޖައްސާފައި ނުވާތީ އެ މައްސަލަ އަދި ނިމިފައެއް ނުވެއެވެ.

އޭނާގެ މައްޗަށް ޒިނޭކުރުމުގެ ކުށް ސާބިތުނުވާ ކަމަށް ވެސް ވަނީ ހުކުމް ކޮށްފަ އެވެ. އެ ހުކުމްގައި ބުނެފައި ވަނީ ޒިނޭކުރި ކަމަށް ތަހުގީގު މަރުހަލާގައި އަޒުފާ އިއުތިރާފުވި ނަމަވެސް ޝަރީއަތުގެ މަޖިލީހުގައި އެ އިއުތިރާފުން އޭނާ ރުޖޫއަވެފައިވާ ކަމަށެވެ.