އެޑިއުކޭޝަން މިނިސްޓްރީގެ ސްޓާފް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން މިދިޔަ އަހަރު ބެންގަލޫރަށް ކިޔަވަން ފޮނުވި ބައެއް ދަރިވަރުންނަށް މިނިސްޓްރީން ދޭ ސްޓައިޕެންޑް [މަހު ހަރަދު] މަދުވުމުގެ ސަބަބުން ގިނަ ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އެ ދަރިވަރުން ބުނެފި އެވެ.


ސަން އޮންލައިން އަށް މައުލޫމާތު ދެމުން ބެންގަލޫރުގެ ގާޑަން ސިޓީ ކޮލެޖުގައި ކިޔަވަމުން އަންނަ ދަރިވަރަކު ބުނީ، އެ ކޮލެޖުން ދިން ޓިއުޝަން ފީ ހިލޭ ސްކޮލަޝިޕްތަކެއްގެ ދަށުން 15 މީހުން ޑިގްރީ އަދި މާސްޓާސް ފެންވަރުގެ ކޯސް ހެދުމަށް ބެންގަލޫރަށް ފުރީ، ބޮޑެތި އިނާޔަތްތަކުގެ ދަށުން ކިޔަވަން ގޮސްފައިވާ ދަރިވަރުންނެކޭ އެއް ގޮތަށް ފަސް އަހަރު ދުވަހުގެ ބޮންޑެއްގައި އެޑިއުކޭޝަން މިނިސްޓްރީއާ އެކު ސޮއިކޮށްފައި ކަމަށެވެ.


އެހެން ނަމަވެސް، އެމީހުންނާ ދޭތެރޭ މިނިސްޓްރީން ކަންތައް ކުރަމުން އަންނަނީ އިންސާފުން ނޫން ކަން ފާހަގަކޮށް އޭނާ ބުނީ، ސްޓާފް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން ފޮނުވާފައިވާ އެހެން ދަރިވަރުންނަށް ޕޭ ލީވްގެ އިތުރަށް 300 އަށް ވުރެ މަތީގެ ސްޓައިޕެންޑެއް ދޭއިރު، އެމީހުންނަށް ޕޭ ލީވް ހަމަޖައްސައިދީފައިނުވާ ކަމަށެވެ. އަދި ކޮންމެ މަހަކަށް ސްޓައިޕެންޑްގެ ގޮތުގައި ދެނީ ވެސް އެންމެ 83.33 ޑޮލަރު ކަމަށް ވެސް އޭނާ ބުންޏެވެ. އެއީ ބެންގަލޫރުގައި ހުރުމުގެ ޚަރަދާއި ކެއުމާއި އަދި ކިޔެވުމުގެ ޚަރަދަށް ބަލާއިރު ވަރަށް ކުޑަ އަދަދެއް ކަން ވެސް އޭނާ ފާހަގަކުރި އެވެ.


"ހަމައެކަނި ލަންޗް ނެގިއަސް 83 ޑޮލަރަކުން ނުވޭ.. އަސްލު މިތާ އުޅެވޭނީ މިނިމަމް [މަދުވެގެން] 300 ޑޮލަރު ލިބިގެން. ކުއްޔާއި އެއްޗެހި މިހުންނަނީ 100 ޑޮލުގެ ތެރޭގައި. ދެން ކެއުމަށާއި އެއްޗެހި އިތުރަށް ދާނެތާ. އެ އެއްޗެހި ވެސް އެހާ އަގުބޮޑު.. ވަރަށް އުނދަގުލުގައި ދަރިވަރުން އުޅެނީ. އެކަމަކު ސޮއިކުރި ދުވަހު މިނިސްޓަރު ވިދާޅުވި މިއީ ( 83 ޑޮލަރަކީ) ވަރަށް ބައިވަރޭ. ޚަރަދުކޮށްފައި ބާކީ ވެސް ހުންނާނެއޭ. އެއްގޮތަކަށް ވެސް ހިއެއް ނުކުރޭ މިހެން ވާނެ އެކޭ ދަރިވަރުން،" އޭނާ ކިޔައިދިނެވެ.


އޭނާ ބުނި ގޮތުގައި، ހިއުމަން ރިސޯސަސް އިން ކަނޑައަޅާފައިވާ ރޭޓްތަކުގެ ދަށުން އިންޑިއާ އަށް ކިޔަވަން ފޮނުވާ ދަރިވަރުންނަށް މަހަކު 360 ޑޮލަރުގެ އެލަވަންސަކާއި އަދި އަހަރަކަށް ދެކޮޅު ޓިކެޓް ދޭން ޖެހެ އެވެ. ނަމަވެސް، އެ އަދަދަށް ފައިސާ ނުދޭއިރު، މިނިސްޓްރީން ޓިކެޓް ހަމަޖައްސައި ދީފައި ވަނީ ކޯހަށް ފުރުމަށާއި އަދި ކޯސް ނިންމުމަށް ފަހު އެނބުރި ރާއްޖެ އައުމަށް ކަމަށް ވެސް އޭނާ ބުންޏެވެ.


އެހެންކަމުން މާލީ ގޮތުން ދަރިވަރުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާތީ، އެތައް ފަހަރެއްގެ މަތިން ފާއިތުވި ދޮޅު އަހަރުގެ ތެރޭ ސްޓައިޕެންޑް އިތުރުކޮށްދިނުމަށް މިނިސްޓްރީ އަށް ހުށަހަޅާފައިވާ ކަމަށާއި ނަމަވެސް، އެކަން މިނިސްޓްރީން ހަމަޖައްސައިދީފައި ނުވާ ކަމަށް އޭނާ ބުންޏެވެ.


"ނައިބު ރައީސް މިކޮޅަށް (ބެންގަލޫރަށް) ވަޑައިގެންނެވި އިރު ވެސް ހުށަހެޅިން މި ޝަކުވާ. ރައީސްގެ އެންވޯއީ އަށް ވެސް. އެކަމަކު ކޮންމެ ފަހަރު ބައްދަލުކުރީމަ ވިދާޅުވަނީ ޑިސްކަސް ކުރަމުންނޭ ދަނީ. އެކަމަކު އަދިވެސް ހަމަޖެހޭ ގޮތެއް ނުވޭ،"


ސަން އޮންލައިނުން ސުވާލު ދެންނެވުމުން ޑިޕާޓްމަންޓް އޮފް ހަޔާ އެޑިޔުކޭޝަން ހިންގެވުމާ ޙަވާލުވެ ހުންނެވި ފާތިމަތު އާމިރާ ވިދާޅުވީ، ގާޑަން ސިޓީ ކޮލެޖަށް ދަރިވަރުން ދިޔައީ، އަމިއްލަ އަށް ޚަރަދުތައް ކުރާ ގޮތަށް ރުހި، އެއްބަސްވެގެން ކަމަށެވެ. އަދި މިނިސްޓްރީން ދޭ 83 ޑޮލަރަކީ ހަމައެކަނި އެ ކުދިންގެ ޚަރަދުތައް ލުއިކޮށްދިނުމުގެ ގޮތުން ދޭ އެހީއެއް ކަމަށް ވެސް އާމިރާ ވިދާޅުވި އެވެ.


"މިނިސްޓްރީން ކޮންމެ ވެސް ވަރެއްގެ އެހީއެއް އެކުދިންނަށް ދެއްވަމުން ގެންދަވަނީ. ދެން އެކުދިންނަށް ލިބޭ އެއްޗެއް މަދު އެހެން. އެކުދިން ހުރިހާ ޚަރަދެއް އޭތިކޮޅުން ކުރާ ކަމަށް ވަންޏާ ނުވާނެ. އެހެންނަމަވެސް، ފުރަތަމަ އޮރިޖިނަލް އެގްރިމެންޓުގައި އޮތީ އެހެނެއް ނޫން،" އާމިރާ ވިދާޅުވި އެވެ.


ނަމަވެސް، އެ ދަރިވަރުންގެ މާލީ ހާލަތު މިނިސްޓްރީ އަށް ވިސްނޭ ކަމަށާއި އެހެންކަމުން އެކުންދިންނަށް އެލަވަންސް އިތުރުކޮށްދެވޭތޯ އަދިވެސް ބަލަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.