އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާކުރާ ކޮމެޓީގެ މަސައްކަތް ނިންމައި، އެ ކޮމެޓީގެ ރިޕޯޓް އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ބަޖެޓް ކޮމެޓީއަށް އަންގަވައިފި އެވެ.

ޝާހިދު މިއަދު ބަޖެޓް ކޮމެޓީގެ މުގައްރިރަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ އަންނަ މަހުގެ 15 ވަނަ ދުވަހަށް ކޮމިޓީގެ ރިޕޯޓް ލިބިވަޑައިގަތުމުން ބަޖެޓް ރިޕޯޓްގެ މަރުޙަލާތައް ކުރިއަށް ގެންދަވަން ގަސްދު ކުރައްވާ ކަމަށެވެ. އެގޮތުން އެކަމާއި ގުޅޭ ތާވަލެއް ކޮމެޓީގެ މުގައްރިރަށް ފޮނުވާފައި ވާނެ ކަމަށް މަޖިލީހުގެ ރައީސްގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.

"15 ޑިސެމްބަރ 2013 ވާ އާދީއްތަދުވަހުގެ ނިޔަލަށް 2014 ވަނަ އަހަރަށް ލަފާކުރައްވާ ދައުލަތުގެ ބަޖެޓް ދިރާސާ ކުރައްވާ ކޮމިޓީގެ ރިޕޯޓް މަޖިލީހުގެ ރައީސަށް ފޮނުއްވައިދެއްވުމަށް ބަޖެޓް ދިރާސާ ކުރައްވާ ކޮމިޓީގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު ވަނީ އެދިވަޑައިގެންފައި" މަޖިލީހުން ބުންޏެވެ.

ބަޖެޓް ކޮމެޓީގެ ރިޕޯޓް އަންނަ މަހުގެ 15 ވަނަ ދުވަހަށް ނިންމައި މަޖިލީހުގެ ރައީސް އަށް ހަވާލު ކުރުމަށް ކޮމެޓީއަށް އަންގާފައިވާކަން މަޖިލީހުގެ ރައީސް ވަނީ މަޖިލީހުގެ މެންބަރުންނަށް ސިޓީއަކުން އަންގަވާފަ އެވެ.

އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓް ދިރާސާކުރާ ކޮމެޓީގެ ރިޕޯޓް ނިމިގެން އަންއިރު ބަޖެޓަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ކޮމެޓީ ވަނީ ނިންމާފަ އެވެ. އެގޮތުން ކުރީގެ ރައީސް ވަހީދުގެ ސަރުކާތުން ހުށަހަޅާފައިވާ 16.4 ބިލިޔަން ރުފިޔާގެ ބަޖެޓަށް ބަދަލު ގެނައުމުގެ ފުރުސަތު އާ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ ސަރުކާރަށް ވަނީ ދީފަ އެވެ.