އަންނަ މަހުގެ 23 ކުރިން ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ދިރާސާކޮށް ނިންމުމަށް ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީއަށް މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އަންގަވައިފި އެވެ.

މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު މަޖިލީހުގެ މެންބަރުންނަށް އަންގަވާފައި ވަނީ އަންނަ މަހުގެ 23 ކުރިން ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ދިރާސާކޮށް ނިމިއްޖެނަމަ، އަންނަ ހަމުގެ 29ވާ އާދީއްތަ ދުވަހު ބާއްވާ ޖަލްސާއަށް އެ މައްސަލަ އެޖެންޑާ ކުރެވިދާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީން ވަނީ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ދިރާސާ ކުރަން ފަށާފަ އެވެ. އެ ކޮމެޓީގެ މުގައްރިރު އަލީ ވަހީދު "ސަން"އަށް މިއަދު ވިދާޅުވީ ވަޒީރުންނާ ބެހޭ މައުލޫމާތު ދައުލަތުގެ މުއައްސަސާތަކުން ހޯދައި ކޮމިޓީގައި ބަހުސް ފަށާނީ އަންނަ މަހުގެ 15 ގެ ފަހުން ކަމަށެވެ.

ރުހުން ހޯދަމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވާފައި ވަނީ 11 މިނިސްޓަރުންގެ ނަންފުޅެވެ. އެއީ ހޯމް މިނިސްޓަރު އުމަރު ނަސީރާއި އިސްލާމިކް މިނިސްޓަރު ޑރ. މުހަންމަދު ޝަހީމް އަލީ ސައީދާއި އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދާއި ފިޝަރީޒް މިނިސްޓަރު ޑރ. މުހަންމަދު ޝައިނީ އާއި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒާއި އެންވަޔަރަންމަންޓް އެންޑް އެނާޖީ މިނިސްޓަރު ތޯރިގު އިބްރާހީމާއި ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހީމާއި ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބު އާއި ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމާއި ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު އަދި ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދެވެ.

ރުހުން ހޯދަން މަޖިލީހަށް ނުފޮނުވާ ނަންފުޅުތަކަކީ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމާއި ހެލްތު އެންޑް ޖެންޑާ ޑރ. މަރްޔަމް ޝަކީލާ އާއި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލުގެ އިތުރުން އެޓާނީ ޖެނަރަލް މުހައްމަދު އަނިލްގެ ނަންފުޅެވެ.