27 Nov 2013, 15:06
މިދިޔަ އަހަރާއި ހަމައަށް ރާއްޖޭގައި 9973 މަސްވެރިޔަކު ރަޖިސްޓުރީކޮށްފައިވާ ކަމަށް ޑިޕާޓްމެންޓް އޮފް ނެޝަނަލް ޕުލޭނިންގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ޑިޕާޓްމެންޓް އޮފް ނެޝަނަލް ޕުލޭނިންއިން މިއަދު ނެރެފައިވާ "ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ އަހަރީ ފޮތް 2013" ގައި ބުނެފައިވާ ގޮތުގައި މިދިޔަ އަހަރުގެ ނިޔަލަށް ރާއްޖޭގައި 9973 މަސްވެރިޔަކު ވަނީ ރަޖިސްޓުރީކޮށްފަ އެވެ. އޭގެ ތެރެއިން އެންމެ ގިނަ މަސްވެރިން ރަޖިސްޓުރީ ކޮށްފައިވަނީ ލ،ށ އަތޮޅުންނެވެ.
ތަފާސް ހިސާބްތަކުން ދައްކާ ގޮތުން މިދިޔަ އަހަރު ރާއްޖެއަށް ވަނީ 120،001 މެކްޓިކް ޓަނުގެ މަސް ބާނާފަ އެވެ. އެއީ 2011 ވަނަ އަހަރު ބޭނި 120،800 މެކްޓިކް ޓަނާއި އަޅާބަލާއިރު 0.7 ޕަސެންޓް ދަށް އަދަދެކެވެ. އަދި ތަފާސް ހިސާބްތަކަށް ބަލާއިރު 2008 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި މަސް ބާނާ އަދަދު ދަށް ވަމުން އަންނަ ކަން ފާހަގަވެ އެވެ. މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނައިން ބާނާފައި ވަނީ ކަޅުބިލަމަހެވެ. އެއީ ރާއްޖެއަށް ބޭނި މަހުގެ 40 ޕަސެންޓެވެ.
މި ސަރުކާރުގެ އެންމެ ބޮޑު އެއް ވައުދަކަށް ވެފައި ވަނީ "ބެޔަސް ނުބެޔަސް" މަސްވެރިޔަކަށް މަދުވެގެން 10000ރ. ގެ އާންމުދަނީއެއް ލިބޭނެގޮތް ހަމަޖެއްސުމެވެ. ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެފައި ވަނީ އެ ޕޮލިސީ ހިންގާނީ އިންޝުއަރެންސް ސްކީމެއްގެ ތެރެއިން މަސްވެރިންގެ އަތުން ވެސް ފައިސާ ނަގާ ގޮތަށް ކަމަށެވެ. އަދި މަސްވެރިން އަތުން ނަގަނީ ކިހާވަރެއް ކަމެއް އަދި ނުނިންމާއިރު އެގޮތަށް ކަންތައްތައް ކުރީމަ މަސްވެރިންނަށް 10000ރ. ގެ އާމްދަނީ ނުލިބޭ މަސް މަހު ނުލިބޭ ބައި އެ އިންޝުއަރެންސް ސްކީމުގެ ތެރެއިން ދައްކައިދޭނެ ކަމަށް މިނިސްޓާ ވިދާޅުވިއެވެ.