27 Nov 2013, 14:58
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިންގެ އަބްދުލް ގައްޔޫމް ވެރިކަމަށް ވަޑައިގަތުމަށްފަހު ރާއްޖެއިން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު ގޮތުގައި އަވައްޓެރި އިންޑިއާއަށް ވަޑައިގަތުމުގެ ދައުވަތު ދީފި އެވެ.
އެމަނިކުފާނަށް އެ ދައުވަތު ދެއްވީ އިންޑިއާގެ ބޮޑުވަޒީރު މަންމޯހަން ސިންގެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވެރިކަމަށް ވަޑައިގަތުމަށްފަހު، އެންމެ ފުރަތަމަ ރަސްމީ ދަތުރުފުޅެއް ކުރެއްވީ އިންޑިއާއަށެވެ. ވެރިކަމުގައި ފުރަތަމަ ދަތުރުފުޅުގައި އެ ބޭފުޅުން އިންޑިއާއަށް ވަޑައިގެންނެވީ މަންމޯހަންގެ ބޮޑުވަޒީރުކަމުގައި އެމަނިކުފާނުގެ ދައުވަތަށެވެ.
ރައީސް އޮފީހުގެ ސްޕޯކްސްޕާސަން އިބްރާހިމް މުއާޒު އަލީ މިއަދު ވިދާޅުވީ އިންޑިއާއަށް ވަޑައިގަތުމުގެ ދައުވަތު ރައީސް ޔާމީނަށް މަންމޯހަން ދެއްވީ، އިންތިހާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން މަންމޯހަން ފޮނުއްވި މަރުހަބާގެ ސިޓީފުޅަށް ރައީސް ޖަވާބުދެއްވުމުން ކަމަށެވެ.
އިންޑިއާއަށް ވަޑައިގަތުމުގެ ދައުވަތު ރައީސް ޔާމީނަށް ލިބިވަޑައިގެންނެވިޔަސް، ދަތުރުފުޅު ކުރައްވާނެ ދުވަހެއް އަދި ހަމަނުޖެހޭ ކަމަށް މުއާޒު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރާއްޖެ ވަޑައިގަތުމުގެ ދައުވަތު މަންމޯހަންއަށް ވެސް ރައީސް ޔާމީން ދެއްވާފައިވާ ކަމަށެވެ.
މަންމޯހަން ފޮނުއްވި މަރުހަބާގެ ސިޓީފުޅަށް ޖަވާބު ދެއްވައި، ރައީސް ޔާމިން ފޮނުވި ސިޓީގައި ވިދާޅުވާ ގޮތުން ވަޑައިގެންނެވެން އޮތް އެންމެ އަވަސް ފުރުސަތެއްގައި ރާއްޖެ ވަޑައިގެންނެވުމަށް ދައުވަތު ދެއްވާ ކަމަށެވެ.
މަންމޯހަންއަށް ރައީސް ޔާމީން ފޮނުވި ސިޓީގައި އިންޑިއާއަށް އިސްކަން ދެއްވާނެ ރައީސް ވިދާޅުވި ކަމަށް އިންޑިއާ ސަރުކާރާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ބުނެފައިވެ އެވެ.
"އިންޑިއާއާ އެކު އޮންނަ ގުޅުމަށް އިސްކަންދޭނެ ކަމުގެ ޔަގީންކަން މިފުރުސަތުގައި އަރުވަމެވެ. އަޅުގަނޑުމެން ދެގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ވަރުގަދަ ކުރެވޭނެ ގޮތްތައް ހޯދުމަށް އަޅުގަނޑު ޝައުގުވެރިވަމެވެ،" ރައީސް ޔާމީނުގެ ސިޓީފުޅުގައި ވިދާޅުވެފައިވާ ކަމަށް އިންޑިއާ ސަރުކާރުން އިއްޔެ ބުނެފައިވެ އެވެ.