27 Nov 2013, 14:03
އުމުރުން ދުވަސްވީ މީހުންނަށް ކިޔުގައި މަޑުނުކޮށް ހިދުމަތް ދޭ ގޮތަށް ޑިޕާޓްމަންޓް އޮފް އިމިގްރޭޝަންސް އެންޑް އެމިގްރޭޝަނުން ހަމަޖައްސައިފި އެވެ.
އިމިގްރޭޝަނުން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އެ ޑިޕާޓްމަންޓަށް ހިދުމަތް ހޯދަން އަންނަ 65 އަހަރުން މަތީގެ މީހުންނަށް މިއަދުން ފެށިގެން ކިއުގައި މަޑުނުކޮށް ހިދުމަތް ލިބޭނެ ކަމަށެވެ. ނަމަވެސް އެދިލައްވާ ހިދުމަތަކީ ސީދާ އެފަރާތަކާ ގުޅުން ހުރި ހިދުމަތަކަށް ވާން ވާނެ އެވެ.
އެގޮތުން ޕާސްޕޯޓެއް ހެއްދުމަށް އަންނަ ނަމަ އެ ޕާސްޕޯޓަކީ ސީދާ އެފަރާތެއްގެ ޕާސްޕޯޓެއް ކަމުގައި ވާންޖެހޭނެ ކަމަށާއި ވިސާ ނުވަތަ ކޯޓާއާއި ގުޅުން ހުރިކަމެއްގައި ނަމަ، އެއީ ސީދާ އެމީހެއްގެ ނަމުގައި ރާއްޖެ ގެނެސްފައިވާ ފަރާތެއް ކަމުގައި ވާން ޖެހޭނެ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.
މީގެ އިތުރުން ރާއްޖެއިން ފުރައިގެން ދާން ނުވަތަ ރާއްޖެ އަންނަ އުމުރުން ދުވަސްވީ މީހުންނަށް ވެސް ކިއުގައި މަޑުނުކޮށް އެ ހިދުމަތް ލިބޭނެ ކަމަށާއި ނަމަވެސް އެ މީހަކާ އެކު އެކުގައި ދަތުރު ކުރާ ފަރާތްތަކަށް މި ހިދުމަތް ނުލިބުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ވެސް އިމިގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަނުން މިގޮތަށް ހަމަޖައްސާފައި ވަނީ އާ ސަރުކާރުގެ މެނިފެސްޓޯގައިވާ "ހިދުމަތްދޭ ކޮށިގަނޑުތަކުން ހިދުމަތް ހޯދުމަށް އުމުރުން ދުވަސްވީ މީހުން ކިއޫގައި ނުޖެހި ހިދުމަތް ލިބޭނެ އިންތިޒާމް ހަމަޖައްސެވުން،" މި ޝިއާރުގެ ދަށުންނެވެ. އިމިގްރޭޝަންގެ އިތުރުން ޓްރާންސްޕޯޓް މިނިސްޓްރީ އާއި އައިޖީއެމްއެޗުން ވެސް ވަނީ މި ޝިއާރަށް އަމަލް ކުރަން ފައިފަ އެވެ.