އެފްސީ ބާސެލްގެ މިސްރު ފޯވާޑް މުހައްމަދު ސަލާހް ފަހުވަގުތު ޖެހައިދިން ލަނޑުން 1-0 އިން ޗެލްސީ ބަލިވި ނަމަވެސް ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރަށް އެޓީމް ކޮލިފައި ވެއްޖެ އެވެ.

ސްވިޒަލޭންޑްގައި ރޭ ކުޅުނު ގްރޫޕް އީގެ މެޗުން ބާސެލްއަތުން ބަލިވި ނަމަވެސް ޗެލްސީއަށް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުވީ މި ގުރޫޕްގައި ރޭ ޝާލްކާ އާއި ސްޓައޯ ބުކަރެސްޓް ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވުމުންނެވެ.

ގްރޫޕް ސްޓޭޖްގައި ކޮންމެ ޓީމަކަށްވެސް ބާކީ އެއް މެޗު އޮތްއިރު ގްރޫޕްގެ އެއްވަނައިގައި ޗެލްސީ އޮތީ ނުވަ ޕޮއިންޓާ އެކު އެވެ. ރޭގެ މެޗުން މޮޅުވެ އަށް ޕޮއިންޓާ އެކު ދެވަނައިގައި ބާސެލް އޮތްއިރު، ހަތް ޕޮއިންޓާ އެކު ތިން ވަނައިގައި އޮތީ ޝާލްކާ އެވެ. ތިން ޕޮއިންޓާއެކު ގްރޫޕުގެ ފުލުގައި އޮތް ބުކަރެސްޓަށް ވަނީ ދެވަނަ ބުރުގެ ފުރުސަތު ގެއްލިފަ އެވެ.

ބާސެލްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފްގައި ޗެލްސީއަށް ރަނގަޅު އެންމެ ހަމަލާއެއްވެސް އުފެއްދިފައި ނުވާއިރު ބާސެލްއިން ކޮންޓްރޯލް ކުރަމުން ގެންދިޔަ މެޗުގައި އެޓީމަށްވެސް ޗެލްސީގެ ގޯލް ފޫއަޅުވައިލެވޭ ގޮތެއް ނުވިއެވެ. ދެވަނަ ހާފްގައި ޗެލްސީގެ ކުޅުން ރަނގަޅު ކުރި ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އެންމެ ތިން މިނިޓަށް ވެފައިވަނިކޮށް ސަލާހް ވަނީ ޕީޓާ ޗެކްގެ ބޯމަތިން އެޓީމުގެ ގޯލަށް ބޯޅަ ފޮނުވާލައިގެން ޗެލްސީ ސިއްސުވާލާފަ އެވެ.

ރޭގެ މެޗަށްފަހު ޗެލްސީގެ ކޯޗް ހޯޒޭ މޮރީނިއޯ ބުނީ، ރޭގެ މެޗުން ޗެލްސީ ބަލިވުން ހައްގު ކަމަށާއި މުޅިމެޗުގައިވެސް އޭނާގެ ޓީމަށް ރަނގަޅު ކުޅުމެއް ދެއްކިފައި ނުވާކަމަށެވެ.

"ވަރަށް ދަށް ކުޅުމެއް ފެނިގެން ދިޔައީ. މިއީ ބަލިވުން ހައްގު މެޗެއް،" މޮރީނިއޯ ބުންޏެވެ. "ފުރަތަމަ މިނިޓުން ފެށިގެންވެސް އަހަރެން ހިތްހަމަ ޖެހޭގޮތަށް އެންމެ ހިނދުކޮޅަކުވެސް ކުޅެފައި ނެތް."

ބާސެލްގެ މި މޮޅާއެކު މުރާތު ޔަކިންގެ ޓީމުން ވަނީ ގްރޫޕް ސްޓޭޖްގައި މޮރީނިއޯގެ މައްޗަށް ދެފަހަރު ކާމިޔާބު ހޯދައިފަ އެވެ. އެގޮތުން ގްރޫޕް ސްޓޭޖްގައި މިދެޓީމް ކުޅުނު ފުރަތަމަ މެޗު ޗެލްސީގެ ދަނޑުގައި ބާސެލް ކާމިޔާބުކުރީ 2-1 އިންނެވެ.