27 Nov 2013, 13:03
ނ. ކެނދިކުޅުދޫ ގެއެއްގެ ތެރޭ "ހައްޔަރު"ކޮށްގެން ގެންގުޅުނު ދޫނިތަކަކަށް ފުލުހުން ހިމާޔަތްދީފި އެވެ.
ފުލުހުން ބުނީ ކެނދިކުޅުދޫ ގެއެއްގެ ތެރޭ ގެންގުޅެމުންދިޔަ 10 ދޫންޏަކަށް އެ އަތޮޅު މަނަދޫ ޕޮލިސް ސްޓޭޝަނުން މިހާރު ހިމާޔަތް ދީފައިވާ ކަމަށެވެ.
އިއްޔެ ހަވީރުގެ ވަގުތެއްގައި އެ ދޫނިތައް މަނަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔައީ ހިމާޔަތް ކޮށްފައިވާ ދޫނިތަކެއް ކެނދިކުޅުދޫ ގެއެއްގެ ތެރޭ ގެންގުޅެމުންދާތީ އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަން އެންވަޔަރްމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ފުލުހުންގެ ކިބައިން އެދުމުންނެވެ.
އެގޮތުން ފުލުހުން ހިމާޔަތްދީފައިވާ 10 ދޫނީގެ ތެރޭ ހިމެނެނީ ދެ ފިނދަނައިލޮޅި އާއި ބޮނޑަނައަކާއި ފިނދަނައެއްގެ އިތުރުން ވައްލައަކާއި ދެ އަލަކާއި ބުޅިތުންބަކާއި ރޭރަކާއި ކަޅު ބުޅިތުންބެކެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ފުލުހުންގެ ބެލުމުގެ ދަށުގައި މިވަގުތު ތިބި ދޫނިތައް ފިޔަފަޅައިގެން އޭގެ އަމިއްލަ ޒާތުގައި އުދުހިގެން ދަންދެން އެތަކެއްޗަށް ކާންދީ ބަލަހައްޓަމުން ގެންދާނެ ކަމަށެވެ.
ރާއްޖޭގައި އުޅޭ ތަފާތު އެކި ވައްތަރުގެ ދޫނިތަކަށް ސަރުކާރުން ހިމާޔަތް ދީފައިވީނަމަވެސް އެސޮރުމެން ހިފައި ފިޔަކޮށައިގެން އަދިވެސް ބައެއް ގޭގައި ގެންގުޅެމުން ދެއެވެ.
މިދިޔަ 2011 ވަނަ އަހަރު ވެސް ވަނީ އެއީ ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ދޫނިތަކުގެ ތެރެއިން އެކި ފަރާތްތަކުން ހިފައި ހައްޔަރުކޮށްގެން ގެންގުޅޭ ދޫނިތައް އަތުލައި އެތަކެތި ސަރުކާރުގެ ބެލުމުގެ ދަށަށް ގެންދިއުމުގެ މަސައްކަތް ކޮށްފަ އެވެ.
ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ދޫނި ހިފުމަކީ ގާނޫނާ ހިލާފު، އަދި އެކަމަށް އަދަބު ލިބޭ ކުށެކެވެ. ފުލުހުން ބުނީ ކެނދިކުޅުދޫގައި ދޫނިތައް ހައްޔަރުކޮށްގެން ގެންގުޅުނު މީހުންނާ މެދު ފިޔަވަޅު އަޅާނީ އީޕީއޭއިން ކަމަށެވެ.