ޔުއެފާ ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖްގައި ރޭ އާސެނަލްއާއި ބޮރޫޝިއާ ޑޯޓްމަންޑް ކުޅުނު މެޗުތައް ކާމިޔާބުކޮށް ދެވަނަ ބުރުން ޖާގައެއް ހޯދުމުގެ އުންމީ ދެޓީމުން ވެސް އާކޮށްފިއެ އެވެ.

އާސެނަލްގެ އަމިއްލަ ދަނޑުގައި ރޭ ފްރާންސްގެ މާސޭއާ ދެކޮޅަށް ކުޅުނު މެޗު އެޓީމުން ކާމިޔާބުކުރީ 2-0 އިންނެވެ. އެމެޗުގައި އާސެނަލްއަށް ދެ ލަނޑުވެސް ކާމިޔާބުކޮށްދިނީ އެޓީމުގެ އިންގްލެންޑް މިޑްފީލްޑަރު ޖެކް ވިލްޝެއާ އެވެ. މި މެޗުގައި އާސެނަލްގެ ފުރަތަމަ ލަނޑު ވިލްޝެއާ ކާމިޔާބުކުރީ މެޗު ފެށިގެން އެންމެ 30 ސިކުންތު ތެރޭގަ އެވެ. އަދި ދެވަނަ ލަނޑު ކާމިޔާބުކުރީ 65 ވަނަ މިނިޓްގަ އެވެ.

ގްރޫޕް އެފްގައި ރޭ އަމިއްލަ ދަނޑުގައި އެންމެ ފަހުގެ ރަނަރަޕް ބޮރޫޝިއާ ޑޯޓްމަންޓް އިޓަލީގެ ނަޕޯލީ އަތުން މޮޅުވީ 3-1 ލަނޑުންނެވެ. ޑޯޓްމަންޑްގެ ފުރަތަމަ ލަނޑު މެޗުގެ 10 ވަނަ މިނިޓްގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ މެޗުގައި މާކޯ ރެއުސް އެވެ. އަދި 60 ވަނަ މިނިޓުގައި އެޓީމުގެ ދެވަނަ ލަނޑު ޖަހައިދިނީ ޔަކޫބް ބްލަސްޗިކޮވްސްކީ އެވެ. އަދި އެޓީމުގެ ތިންވަނަ ލަނޑު 78 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ޕިއެރޭ އެމްރިކް އައުބަމަޔަންގެވެ. މި މެޗުގައި ނަޕޯލީ ކާމިޔާބުކުރި ހަމަ އެކަނި ލަނޑު 71 ވަނަ މިނިޓުގައި ޖަހައިދިނީ ލޮރެންޒޯ އިންސިގްނޭ އެވެ.

ގްރޫޕް އެފްގެ މި ނަތީޖާ ތަކާއެކު 12 ޕޮއިންޓް ހޯދައިގެން ތާވަލުގެ އެއްވަނައިގައި އާސެނަލް އޮތްއިރު ދެވަނައިގައި އޮތް ޑޯޓްމަންޑާއި ތިންވަނައިގައި އޮތް ނަޕޯލީއަށް ވެސް ލިބިފައިވަނީ، ނުވަ ޕޮއިންޓެވެ. ޑޯޓްމަންޑަށް ކުރިލިބެނީ ލަނޑުގެ ތަފާތުންނެވެ. މި ގްރޫޕްގެ ފުލުގައި ޕޮއިންޓެއް ނުލިބި އޮތް މާސޭއަށް ވަނީ ދެވަނަ ބުރުގެ ފުރުސަތު ގެއްލިފަ އެވެ.

ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި އަންނަ މަހުގެ 11 ވަނަ ދުވަހު ނަޕޯލީއާ ދެކޮޅަށް ކުޅެން ޖެހޭއިރު ޑޯޓްމަންޑް ކުޅެންޖެހޭނީ މާސޭއާ ދެކޮޅަށެވެ. އެހެން ކަމުން މި ގްރޫޕްގައި ކުރީގައި އޮތް ތިން ޓީމަށްވެސް 12 ޕޮއިންޓްގައި ގްރޫޕް ސްޓޭޖް ނިންމާލުމުގެ ފުރުސަތު އޮތްއިރު ގަދަ 16 ކަށަވަރުވާނީ އެ މެޗުތަކުގެ ނަތީޖާ ނުކުންނަ ގޮތަކުންނެވެ.

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން ޖެހިޖެހިގެން 14 ވަނަ ފަހަރަށް ޖާގަ ހޯދުމަށް އާސެނަލްއަށް އޮތް ފުރުސަތު ގެއްލޭނީ ގްރޫޕް ސްޓޭޖްގެ ފަހުމެޗުގައި ނަޕޯލީ އަތުން 3 ލަނޑު ނުވަތަ އެއަށްވުރެ ބޮޑު ތަފާތަކުން ބަލިވެގެންނެވެ.