27 Nov 2013, 12:22
އަންނަ އަހަރުގެ ޖެނުއަރީ 18ގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަށް ކައުންސިލަރު ކަމަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ކުށުގެ ރެކޯޑު ސާފު ކުރާ އިދާރާތަކަށް މީހުން "ފުނި ޖެހިއްޖެ" އެވެ.
ކައުންސިލަރު ކަމަށް ކުރިމަތިލާ މީހުންގެ ދަރަނީގެ ރެކޯޑާއި ކުށުގެ ރެކޯޑް ސާފު ކުރުމަށް ދާންޖެހެނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި ޑިޕާޓްމަންޓް އޮފް ފެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަން ސާވިސް (ޑީޕީއާރްއެސް) އާއި ސުޕްރީމް ކޯޓާއި ހައި ކޯޓުގެ އިތުރުން ކްރިނަލް ކޯޓުންނެވެ.
ކްރިމިނަލް ކޯޓުން ބުނީ ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލުމަށް މިދިޔަ ހޯމަ ދުވަހު ހުޅުވާލުމާއެކު ކުށުގެ ރެކޯޑު ސާފު ކުރުމަށް ދުވާލެއްގެ މައްޗަށް 350 އާއި 400 އާ ދެމެދުގެ އަދަދަކަށް މީހުން އެ ކޯޓަށް މިހާރު އަންނަ ކަމަށެވެ. ކުރިން އެ ކޯޓަށް ކުށުގެ ރެކޯޑު ސާފު ކުރުމަށް ދުވާލެއްގެ މައްޗަށް އަންނަނީ ތިރީހަކަށް މީހުންނެވެ.
ދަރަންޏާއި ކުށުގެ ރެކޯޑު ސާފު ކުރުމަށް ސަރުކާރުގެ އިދާރާތަކަށް ދާން ޖެހެނީ ކައުންސިލަރު ކަމަށް ކުރިމަތިލާ މީހުންނަށް އިލެކްޝަންސް ކޮމިޝަނުން ދޫކުރާފޯމްހިފައިގެންނެވެ.
ފެބްރުއަރީ 5، 2011، ގައި ބޭއްވި ކައުންސިލް އިންތިހާބުގައި ކުށުގެ ރެކޯޑެއް ނެތް ކަމަށް އެއްބަސްވެ އިލެކްޝަނަށް ހުށަހެޅުމުން އެ މީހެއްގެ ކެންޑިޑެންސީ ސައްހަ ކަމަށް އެ ކޮމިޝަނުން ނިންމަ އެވެ. ނަމަވެސް މިފަހަރު ކައުންސިލަރު ކަމަށް ކުރިމަތިލާ މީހުން ފޯމާއިއެކު ކުށު ރިކޯޑުތައް ކޯޓުތަކުން އަމިއްލައަށް ސާފުކޮށްގެން އިލެކްޝަނަށް ހުށަހަޅަންޖެހެ އެވެ. އަދި އެ ލިޔުންތައް ހުށަހެޅާތާ 48 ގަޑިއިރު ތެރޭގައި އިލެކްޝަނުން އޭނާގެ ކެންޑިޑެންސީގެ ސައްހަކަމާމެދު ގޮތެއް ނިންމާނެ އެވެ.
ލާމަރުކަޒީ ގާނޫނުގެ ދަށުން 2011 ވަނަ އަހަރު ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ކައުންސިލް އިންތިހާބަށް ކުރިމަތިލި ގިނަ ކެންޑިޑޭޓުންގެ މައްޗަށް ސާބިތު ދަރަންޏާއި ޖިނާއީ ބޮޑެތި ކުށް ސާބިތުވެފައި ހުރުމުން ސުޕްރީމް ކޯޓުން ވަނީ އެ މީހުންގެ ކެންޑިޑެސީ ބާތިލްކޮށްފަ އެވެ.
އެ ކުށްތައް ސާބިތުވެގެން ކައުންސިލް އިންތިހާބުގައި ގޮނޑިތައް ކާމިޔާބު ކުރި ބައެއް ކައުންސިލަރުންގެ ކައުންސިލްކަމުގެ ގޮނޑިވެސް ގެއްލިފައިވެ އެވެ.