27 Nov 2013, 12:19
އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މާލޭގެ ގޮނޑިއަކަށް ވާދަ ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ނިންމަވައިފި އެވެ.
މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވާދަ ކުރެއްވުމަށް ނިންމަވާފައިވަނީ އަންނަ އަހަރު އަލަށް އުފައްދާ މާލޭގެ ހެންވޭރު އުތުރު ދާއިރާއަށެވެ.
"ސަން" އަށް ދެއްވި އިންޓަވިއުއެއްގައި ޝާހިދު ވިދާޅުވީ އެމަނިކުފާން ހެންވޭރު އުތުރު ދާއިރާ އަށް ވާދަކުރެއްވުމަށް ނިންމެވީ އެ ދާއިރާގެ ވަރަށް ގިނަ އަދަދެއްގެ ޒުވާނުން އެދެމުން ދާތީ ކަމަށެވެ. އަދި އެ ދާއިރާއަކީ އެމަނިކުފާން އުޅެ ބޮޑުވި ދާއިރާ ކަމަށްވެފައި އެ އެ ދާއިރާއަށް ވާދަކުރުމުގެ މަގުސަދަކީ ގާތް އެކުވެރި ގުޅުމެއް އޮންނަ ރައްޔިތުންތަކަކަށް ހިދުމަތް ކުރައްވަން ބޭނުންފުޅުވާތީ ކަމަށެވެ.
"އަޅުގަނޑު ހެންވޭރު އުތުރު ދާއިރާއަށް ވާދަ ކުރުމަށް ނިންމީ ދާއިރާގެ ވަރަށް ގިނަ އަދަދެއްގެ ރައްޔިތުން އެދެމުން ދާތީ. ހާއްސަކޮށް ދާއިރާގެ ޒުވާނުން އަޅުގަނޑާއި ބައްދަލުކޮށް އަޅުގަނޑު ކުރިމަތި ލުމަށް އެދެމުން ދާތީ އަޅުގަނޑި ނިންމީ އެމްޑީޕީގެ ޓިކެޓުގައި މި ދާއިރާ އަށް ވާދަކުރަން،" ޝާހިދު ވިދާޅުވި އެވެ.
އެމަނިކުފާން އިތުރަށް ވިދާޅުވީ ވ. ކެޔޮދޫ ރައްޔިތުން ވެސް އެމަނިކުފާން އެ ދާއިރާއަށް ކުރިމަތިލެއްވުމަށް އެދިފައިވާ ކަމަށެވެ. އެހެން ނަމަވަވެސް އެ ދާއިރާއަށް ކުރިމަތި ނުލިކަމުގައި ވިޔަސް އެ ދާއިތާގެ ރައްޔިތުންނާއި އަބަދުވެސް އޮންނަ ގާތް ގުޅުން ބާއްވާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގައި ޝާހިދު މިހާރު ތަމްސީލް ކުރައްވަނީ ވ. ކެޔޮދޫ ދާއިރާ އެވެ.
މަޖިލީހުގެ ރައީސްގެ ގޮތުގައި މިހާރު ހުންނެވި އަބްދުﷲ ޝާހިދު މަޖިލީހުގެ މެންބަރަކަށް ވެވަޑައިގަތީ ރައީސް މައުމޫންގެ ވެރިކަމުގައި ރައީސުލްޖުމްހޫރީއްޔާގެ މެންބަރެއްގެ ގޮތުގަ އެވެ. އެއީ 1995 ވަނަ އަހަރު އެވެ. އޭގެ ފަހުން ވ. އަތޮޅުގެ މެންބަރުކަން ކުރެއްވުމަށް ފަހު ވ. ކެޔޮދޫ މެންބަރަކަށް ވެވަޑައިގަތީ އާ ގާނުނު އަސާސީގެ ދަށުން އިންތިހާބު ކުރެވުނު 17 ވަނަ ރައްޔިތުންގެ މަޖިލީހުގަ އެވެ.