07 Dec 2010, 06:34
ރާއްޖޭގައި އަލްގައިދާގެ ނެޓްވޯކެއް ހަރަކާތްތެރިވާ ކަމަށް ވިކިލީކްސްނ އިން ފަޅާއަރުވާލުމުން އަލްގައިދާއާ ގުޅުންހުރި ދިވެހިންގެ މައުލޫމާތު ސާފުކުރުމުގެ މަސައްކަތް އެމްއެންޑީއެފް އިން ފަށައިފި ކަމަށް އެފަރާތުން ބުނެފި އެވެ.
އަލްގައިދާގެ ހަރަކާތްތައް ރާއްޖޭގައި ފުޅާކޮށް ހިންގާ ހަތަރު ދިވެހިންގެ ނަން، އެމެރިކާގެ ހާރިޖިއްޔާއާ ހަވާލާދީ، ވިކިލީކްސް އިން ފަޅާއަރުވާލުމާ ގުޅިގެން ސަން އޮންލައިނުން ދެންނެވި ސުވާލެއްގެ ޖަވާބުގައި އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް މޭޖާ އަބްދުއްރަހީމް މިއަދު ވިދާޅުވީ އެ މީހުންނާ ބެހޭ މައުލޫމާތެއް އެމްއެންޑީއެފަށް ލިބިފައި ނުވާކަމަށާއި ރާއްޖޭގައި ފުޅާދާއިރާއެއްގައި އަލްގައިދާގެ ހަރަކާތްތައް ހިންގާކަން އެނގިވަޑައިގެންފައި ވެސް ނުވާކަމަށެވެ.
"ތި ލީކްކޮށްލި އެއްޗިހީގެ (ލިޔުންތަކުގެ) ތެރޭގައި ދުނިޔޭގެ ސެކިއުރިޓީ އާ ގުޅުން ހުރި ވަރަށް ގިނަ ތަކެތި ލީކްކޮށްލާފައި އެބަހުރި. އެގޮތުން އެގައުމަށް (އެހެން ގައުމުތަކަށް) ވެސް ނޭންގޭ އެތައް އެއްޗެއް އެބަހުރި ލީކްކޮށްލައިފައި،" އަބްދުއް ރަހީމް ވިދާޅުވި އެވެ.
އެމެރިކާގެ ހާރިޖިއްޔާގެ ސިއްރު އެ ލިޔުމުގައި ވާ މީހުންނާ ގުޅޭ ގޮތުން މައުލޫމާތު ސާފު ކުރުމަށް އެމްއެންޑީއެފުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި ރާއްޖެ އަށް ނުރައްކަލެއް ކުރިމަތި ވެދާފަދަ ކަންކަން އަބަދު ވެސް ކައިރިން ބަލަމުންދާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
"މައުލޫމާތެއް ލިބިއްޖެ ކަމަށް ވަންޏާ މާ ބޮޑަށް އެކަމެއް ބަލާނަން. އަޅުގަނޑުމެންނަށް ކޮންސާން އޮތް އެއްވެސް ކަމެއް އޮތްކަމަށް ވަންޏާމުން އެކަމެއްގެ މައުލޫމާތު ހޯދެން އޮތް ހުރިހާ ގޮތްތަކުން ހުރިހާ ދިމާލަކުން ހޯދާނަން." އަބްދުއް ރަހީމް ވިދާޅުވި އެވެ.
އެމެރިކާގެ ހާރިޖިއްޔާ އިން 2008 ވަނަ އަހަރުގެ ނޮވެމްބަރު 11ގައި ތައްޔާރުކުރި އެ ލިޔުމުގައި ވާގޮތުން މޯލްޑިވްސް ޕޮލިސް ސާވިސް އިން އެ ހަތަރު މީހުންނަށް ފާރަލައި ތަހުގީގުތަކެއް ހިންގި އެވެ.
ޕޮލިސްގެ މީޑިއާ ކޯޑިނޭޓާ ސަބް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމު މިއަދު ވިދާޅުވީ ވިކިލީކްސް އިން ލީކް ކޮށްލި ލިޔުންތަކުގައި ހުރި އެއްވެސް ކަމަކާ ގުޅޭ ގޮތުން ފުލުހުން އެއްވެސް އެއްޗެއް ބުނަން ބޭނުންނުވާ ކަމަށެވެ.
ވިކިލީކްސް އިން ލީކްކޮށްލި އެމެރިކާގެ ހާރިޖިއްޔާގެ 250،000 ޑޮކިއުމަންޓްތަކުގެ ތެރޭގައި ހިމެނޭ އެ ލިޔުމުގައި ރާއްޖޭގައި ޓެރަރިޒަމްގެ ހަރަކާތްތަކެއް ހިންގާ ކަމަށް ދުހުމަތުކުރެވޭ ހަތަރު މީހެއްގެ ނަމާއި އެމީހުންނާ ގުޅުން ހުރި ޓެރަރިސްޓް ޖަމާއަތްތަކުގެ ނަންތައް ލިޔެފައިވެ އެވެ.
ރާއްޖޭގައި ޓެރަރިޒަމްގެ ހަރަކާތްތައް އިތުރުވަމުން އަންނަ ކަމަށްވެސް އެ ލިޔުމުގައިވެ އެވެ.
ވިކިލީކްސް އިން ލީކްކޮށްލި އެ ސިއްރު ޑޮކިއުމަންޓުގައި ވާ ގޮތުން ޕާކިސްތާނުގެ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ ލަޝްކަރީ ތޮއިބާ އަށާއި ކަޝްމީރަށް އަސްކަރީ ތަމްރީނުތައް ހޯދުމަށް ދިވެހިން ފޮނުވުމުގައި އިސްކޮށް ހަރަކާތްތެރި ވަނީ އަހުމަދު ޒަކީ ކިޔާ ދިވެއްސެކެވެ. އޭނާގެ އިތުރުން ޔޫސުފު އިއްޒުއްދީ އާއި އީސާ އަލީ އާއި ހަސްނައިނު އަބްދުލްހަމީދު ކިޔާ މީހަކު ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އަލްގައިދާގެ ހަރަކާތްތައް ހިންގާ ކަމަށް އެ ލިޔުމުގައިވެ އެވެ.
ވިކިލީކްސް ގެ ވެރިއާ ޖޫލިއަން އަސާނޭ މިއަދު ވިދާޅުވީ އޭނާ އާ ދޭތެރޭ އެއްވެސް ފިޔަވަޅެއް ސަރުކާރުތަކުން އަޅައިފި ނަމަ އެމެރިކާގެ ހާރިޖިއްޔާގެ އިތުރު ލިޔެކިއުންތަކެއް ފަޅާއަރުވާލާނެ ކަމަށެވެ.