27 Nov 2013, 10:42
ފިލިޕީންސްއަށް ކުރިމަތިވި ބާރުގަދަ ތޫފާން ހައިޔާންގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް ދިވެހި ރެޑް ކުރެސެންޓް (އެމްއާރުސީ)ގެ ވޮލަންޓިއަރެއް މިއަދު ފިލިޕީންސްއަށް ފުރަން ހަމަޖެހިއްޖެ އެވެ.
ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ވަގުތީ ހިޔާވަހިކަން ފޯރުކޮށްދިނުމަށް އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ދަ ރެޑް ކުރޮސް އެންޑް ރެޑް ކުރެސެންޓް ސޮސައިޓީސް (އައިއެފްއާރުސީ) އިން އެކުލަވާލާފައިވާ ހާއްސަ ޓީމާ ގުޅުމަށް ދާ ދިވެހި ވޮލަންޓިއަރަކީ މ. ބުރެހިމާގޭ މޫސާ ޝިފާޒު، 20، އެވެ.
އެމްއާރުސީއިން ބުނީ ސަރަހައްދީ ފެންވަރުގައި ހިނގާ ކާރިސާތަކަށް އިޖާބަދޭ މިޓީމުގައި ހިމެނެނީ ކާރިސާތަކަށް އިޖާބަދިނުމަށް (އެމާޖެންސީ ރެސްޕޯންސް)ގެ ރޮނގުން ހާއްސަ ތަމްރީންތަކެއް ހަދާފައިވާ ރެޑް ކުރޮސް އަދި ރެޑް ކުރެސެންޓް ޖަމާއަތްތަކުގެ ހޮވާލެވޭ މުއައްޒަފުންނާއި ވޮލަންޓިއަރުން ކަމަށެވެ.
ފިލިޕީންސްއަށް ދިއުމަށް މޫސާ ޝިފާޒު މިރޭ ފުރާއިރު، ފިލިޕީންސްގައި ހަރަކާތްތެރިވާ އެމާޖެންސީ ރެސްޕޯންސް ޓީމާއެކު އޭނާ ދެ މަސް ދުވަހު ހޭދަކުރާނެ އެވެ.
މޫސާ ޝިފާޒަކީ ރީޖަނަލް ޑިޒާސްޓާ ރެސްޕޯންސް ޓީމް (އާރުޑީއާރުޓީ) ގެ ސެލްޓާ ޓުރެއިނިންގް ފުރިހަމަކޮށްފައިވާ ވޮލަންޓިއަރެކެވެ. މީގެ އިތުރުން ރާއްޖޭގައި ދިވެހި ރެޑް ކުރެސެންޓުން އެކުލަވާލާފައިވާ އެމަޖެންސީ ފަސްޓް ރެސްޕޯންސް ޓީމް (އީއެފްއާރުޓީ) އަދި އިމަޖެންސީ ރެސްޕޯންސް ޓީމް (އީއާރުޓީ) ގެ ތަމްރީންތައް އޭނާ ފުރިހަމަކޮށްފައިވާއިރު، މޫސާ ޝިފާޒަކީ ފަސްޓް އެއިޑް މާސްޓާ ޓްރެއިނަރެކެވެ.
މިމަހުގެ ކުރީކޮޅު ފިލިޕީންސްއަށް އެރު ތޫފާން ހައިޔާނަކީ ފިލިޕީންސްގެ ތާރީހުގައި އެގައުމަށް ކުރިމަތިވި އެންމެ ނުރައްކާތެރި ގުދުރަތީ ކާރިސާ އެވެ. ތޫފާން ހައިޔާންގެ ސަބަބުން 5،500 މީހުން މަރުވެފައިވާއިރު މިލިއަނެއްހާ މީހުން ގެދޮރުނެތިފައިވާ ކަމަށް ބީބީސީއިން ބުނެ އެވެ. މިކާރިސާގެ ސަބަބުން ލިބިފައިވާ ގެއްލުން 1.4 ބިލިއަން އެމެރިކާ ޑޮލަރަށް އަރާނެ ކަމަށް ވަނީ ލަފާކުރެވިފަ އެވެ.
މިކާރިސާއާ ގުޅިގެން 34 ގައުމަކުން ފިލިޕީންސްއަށް މާލީ އަދި ފަންނީ އެހީ ފޯރުކޮށްދީފައިވާއިރު، ބައިނަލްއަގުވާމީ ޓީމުތަކުން ދަނީ ރެސްޕޯންސް އަދި ރިކަވަރީގެ މަސައްކަތްތައް ކުރިއަށް ގެންދަމުން ނެވެ.