ކާބުލް (ނޮވެމްބަރު 27) : އެމެރިކާއާއި އަފްޣާނިސްތާނާ ދެމެދު ސޮއިކުރުމަށް ހަމަޖެހިފައިވާ އަމަނާބެހޭ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ރައީސް ޙާމިދު ކަރުޒާއި ޝަރުތުތަކެއް ކުރިމަތިކުރައްވައިފިއެވެ.

ކަރުޒާއި ކުރިމަތިކުރެއްވި ޝަރުތުތަކުގެ ތެރޭގައި އަފްޣާނިސްތާނުގައި މިހާރު ހަރަކާތްތެރިވާ އެމެރިކާ ސިފައިން އަފްޣާން އާންމު ރައްޔިތުންގެ ގެދޮރަށް ހަތިޔާރާއެކުވަދެ ހިންގަމުން ގެންދާ އިހާނާތްކުރުމާއި އަފްޣާން ދައުލަތުގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ ހަރުކަށި އަމަލުތައް ހުއްޓާލުމާއި ތާލިބާނުންނާ ސުލްޙަ ގާއިމްކުރުމަށް އެމެރިކާ އެއްބާރުލުން ދިނުން ހިމެނެއެވެ. މީގެއިތުރުން އަންނަ މާޗްމަހު ބޭއްވުމަށް ހަމަޖެހިފައިވާ އަފްޣާން އިންތިޚާބަށްފަހުގައި ނޫނީ އެ އެއްބަސްވުމުގައި ސޮއިކުރެވެން ނޯންނާނެ ކަމަށްވެސް ކަރުޒާއި ވަނީ ވިދާޅުވެފައެވެ.

މިކަމާ ގުޅިގެން ވައިޓް ހައުސްއިން އިއްޔެ ބުނެފައިވަނީ އެމެރިކާއާއި އަފްޣާނިސްތާނާ ދެމެދު ސޮއިކުރުމަށް ހަމަޖެހިފައިވާ އަމަނާބެހޭ އެއްބަސްވުމުގައި އަވަސްގޮތަކަށް ސޮއިކުރެއްވުމަށް ރައީސް

ޙާމިދު ކަރުޒާއި ދެކޮޅު ހައްދަވާނަމަ 2014 ވަނަ އަހަރު ނިމޭހިސާބު އެމެރިކާ ސިފައިން އަފްޣާނިސްތާނުން އެއްކޮށް ބޭލުން ނޫންގޮތެއް އެމެރިކާއަށް ނޯންނާނެ ކަމުގައެވެ. ވައިޓް ހައުސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމެރިކާއާއި އަފްޣާނިސްތާނާ ދެމެދު ބާއްވަންޖެހޭ އަމަނާބެހޭ ގުޅުންތަކުގެ އެއްބަސްވުމުގައި އަވަހަށް ސޮއިކުރަންޖެހޭ ކަމަށާ މިކަމަށް ކަރުޒާއި ދެކޮޅު ހައްދަވާތަން ފެންނަމުންދާ ކަމުގައެވެ.

މިއެއްބަސްވުމުގައި ސޮއިކުރުން ލަސްކުރާކަމަށްވާނަމަ 2014 ވަނަ އަހަރު ނިމޭހިސާބު އެމެރިކާ ސިފައިން އަފްޣާނިސްތާނުން އެއްކޮށް ފައިބައިގެންދާނެ ކަމުގެ އިންޒާރުވެސް ވައިޓް ހައުސްގެ ބަޔާނުގައި ދީފައިވެއެވެ. 2014 ވަނައަހަރު އެމެރިކާ ސިފައިންގެ ބޮޑުބައެއް އަފްޣާނިސްތާނުން ފޭބުމަށްފަހު ދެގައުމުގެ ސަލާމަތީ ގުޅުންތައް ބާއްވާނެގޮތްތަކާއި އުސޫލުތައް ކަނޑައަޅާ މުޢާހަދާއަށް އަފްޣާން ގަބީލާތަކުގެ ބޮޑުންގެ މަޖިލިސް ކަމަށްވާ "ލޮޔަޖިރްކާ"އިން މިހާރުވަނީ ރުހުން ދީފައިވީ ނަމަވެސް މިއެއްބަސްވުމުގައި ރައީސް ކަރުޒާއި ސޮއިކުރެއްވުމަށް ހަމަޖެހިފައިވަނީ އަފްޣާން ޕާލަމެންޓުންވެސް މިއެއްބަސްވުން އެންޑޯސް ކުރުމަށްފަހުގައެވެ. އަފްޣާން ޕާލަމެންޓުން މިއެއްބަސްވުމަށް ރުހުންދޭނެ ކަމަށްބެލެވިފައިވީ ނަމަވެސް ކަރުޒާއިވަނީ މިއެއްބަސްވުމުގައި ސޮއިކުރެއްވުމަށް ޝަރުތުތައް ކުރިމަތިކުރައްވާފައެވެ.

މިޝަރުތުތަކުގެ ތެރޭގައި އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އެމެރިކާ ސިފައިން އަފްޣާން އާންމު ރައްޔިތުންގެ ގެދޮރަށް ހަތިޔާރާއެކުވަދެ ހިންގަމުން ގެންދާ ހަރުކަށި އަމަލުތައް ހުއްޓާލުން ހިމެނޭއިރު އެމެރިކާގެ ރައީސް ބަރަކް އޮބާމާވަނީ އަފްޣާނިސްތާނުގެ މިނިވަންކަމާއި ސިޔާދަތަށް އިހްތިރާމްކުރާނެ ކަމުގެ ޔަގީންކަން އެމެރިކާގެ ރައީސް ބަރަކް އޮބާމާއަށް ދެއްވައި ސިޓީއެއް ފޮނުއްވާފައެވެ. އެ ސިޓީގައި އޮބާމާ ވަނީ 2014 ވަނަ އަހަރަށްފަހު އެމެރިކާއާއި އަފްޣާނިސްތާނާ ދެމެދު ސަލާމަތީ

ގުޅުންތައް ބާއްވާނެގޮތްތައް ކަނޑައަޅާ މުޢާހަދާގެ ދަށުން އަފްޣާނިސްތާނުގައި ތިބޭނީ އެމެރިކާ ސިފައިންގެ މަދުއަދަދެއްގެ ބައެއް ކަމާއި އަފްޣާން ޢާންމުންގެ ގެދޮރަށް ގަދަބާރުންވަދެ ބަލައިފާސްކުރުންފަދަ އަސްކަރީ އޮޕަރޭޝަންތައް 2014 ވަނައަހަރުގެ ފަހުން އެމެރިކާ ސިފައިން ނުހިންގާނެ ކަމުގެ ޔަގީންކަން ދެއްވާފައި ކަމަށް ޚަބަރު ލިބެއެވެ.

އޮބާމާގެ ސިޓީއަށްފަހުވެސް ކަރުޒާއި ވަނީ އެމެރިކާއަކީ ބަހާއި އަމަލު ދިމާނުވާ ގައުމެއް ކަމަށް ސިފަކުރައްވައި އެމެރިކާއަށް އިތުބާރު ނުކުރައްވާކަމަށް ވިދާޅުވެ އަފްޣާން ޢާންމުންގެ ގެދޮރަށް ގަދަބާރުންވަދެ ބަލައިފާސްކުރުންފަދަ އަސްކަރީ އޮޕަރޭޝަންތައް އެމެރިކާ ހިންގަފާނެ ކަމަށް ޝައްކުކުރައްވައި ވާހަކަ ދައްކަވާފައެވެ. (ރޮއިޓާސް)