އިޓަލީގައި އުމުރުން ސާދަ އަހަރުގެ އަންހެން ކުއްޖެއްގެ ކުލާސްމޭޓަކު އެ އަންހެން ކުއްޖާގެ ފޭސްބުކް އެކައުންޓަށް ވަދެ ޕޯސްޓު ކުރި ކޮމެންޓަކާ ވިދިގެން، ދިހަ މީހުންގެ ގޭންގަކުން އެ ކުއްޖާ ތަކުރާރުކޮށް އެތައް ފަހަރަކު ރޭޕް ކުރި މައްސަލައިގެ ޝަރީއަތް ފަށައިފިއެވެ.

އަންހެން ކުއްޖާ ރޭޕް ކުރުމުގެ ހާދިސާ ހިނގައިފައި ވަނީ އިޓަލީގެ ބާރީއާ ގާތުގައި އޮންނަ މޮލްފެޓާ ކިޔާ އަވަށެއްގައި، 2012 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައެވެ.

އަންހެން ކުއްޖާގެ ކުލާސްމޭޓު، އެ ކުއްޖާގެ ފޭސްބުކް އެކައުންޓުގައި ޕޯސްޓު ކުރި ކޮމެންޓުގައި ލިޔެފައި ވަނީ "އެންމެންނަށް ލިބޭ ގޮތަށް" މިހެންނެވެ. މީގެ އިތުރަށް އެ ކުއްޖާގެ ފޮޓޯ ފޭސްބުކަށް ލައި، މޯބައިލް ނަންބަރު ވެސް ކޮމެންޓުގައި ލިޔެފައި ވެއެވެ. ކުލާސްމޭޓުގެ މި އަމަލަކީ ދެ ކުދީންގެ ދެމެދުގައި ޖެހުނު މައްސަލައަކާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުން އޭނާ ކުރި ކަމެއް ކަމަށް ވެއެވެ. ކުލާސްމޭޓަށް މިކަން ކުރުމުގެ ފުރުސަތު ލިބިފައި ވަނީ، އަންހެން ކުއްޖާ ކޮމްޕިއުޓަރުން ފޭސްބުކް ބޭނުން ކުރާން އިނދެފައި، ލޮގް އޯފް ނުކޮށް ކޮންމެވެސް ތަނަކަށް ދިޔަ ދަނޑިވަޅުގައެވެ.

ފޭސްބުކްގައި ޝާއިއު ކުރެވުނު ކޮމެންޓާ ވިދިގެން އެތައް ބަޔަކު އަންހެން ކުއްޖާއަށް ގުޅައި، ފޯނުން ގޯނާ ކޮށްފައި ވާ ކަމަށް އޮފިޝަލުން ބުނެއެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލިހުގައި ޕްރޮސެކިޔުޓަރުން ބުނި ގޮތުގައި، އަންހެން ކުއްޖާ ރޭޕް ކޮށްލައިފައި ވަނީ ބޭރުވެށި ތިއޭޓަރެއްގެ އިމާރާތުގެ ތެރޭގައެވެ. އެތަނަށް އެ ކުއްޖާ ގެންދިޔަ ކަމަށް ވަނީ ބިރު ދައްކައިގެން ސްކޫޓަރަކަށް އަރުވައިގެންނެވެ. އެތަނަށް އޭނާ ގެންދިޔުމަށް ފަހު، ގޭންގުގައި ތިބި ދިހަ މީހުންގެ ތެރެއިން ހަތަރު މީހަކު ތަކުރާރުކޮށް އޭނާ ރޭޕް ކުރި އިރު، އަނެއް ހަ މީހުން ތިބީ މީހަކު އާދޭތޯ ބަލާށެވެ.

ޕްރޮސެކިޔުޓަރުން ބުނި ގޮތުގައި، އަންހެން ކުއްޖާ ރޭޕް ކުރި ގޭންގުގައި ހިމެނޭ މީހުން އެކަން ކުރީ، ފޭސްބުކްގައި ޝާއިއު ކުރެވުނު ކޮމެންޓް ފެނިފައި، "މިއީ އަތުއަޅުވައިލާން ފަސޭހަ ކުއްޖެއް" ކަމަށް ގަބޫލު ކޮށްގެންނެވެ.