27 Nov 2013, 09:27
މިއިން ދުވަހަކު މަސްވެރިކަން ރަނގަޅުވެފައި ނުވާ މިންވަރަށް ދެކުނުގެ އަތޮޅުތަކުގައި ވަނީ މަސް ބާނަން ފަށައިފަ އެވެ. މަސްވެރިން ވެސް ތިބީ ވަރަށް ފޯރިއާއެކު އެވެ. އެކަމަކު މަސްވެރިކަން ރަނގަޅުވި ނަމަވެސް މަސްވެރިންނަށް މާބޮޑު ހިތްހަމަޖެހުމެއް ނުލިބެ އެވެ.
"މި ދުވަސްވަރު އެވްރެޖްކޮށް ދޯންޏަކުން 20 ޓަނުގެ މަސް ބާނާ. އެކަމަކު މަސް ގަންނަ އަގު ކުރިޔަށް ވުރެ ދަށްވުމުން މިކަމުގެ ހަގީގީ ފައިދާއެއް ނުލިބޭ. މަސްވެރިކަމަކީ މޫސުމީ ކަމަށްވާތީ އަޅުގަނޑުމެން ބޭނުން ވަނީ އޭގެ ފައިދާ ވީއެންމެ ރަނގަޅަށް ހޯދަން،" ގއ. ކޫއްޑޫ ބަނދަރުގައި އޮތް ގެމަނަފުށީ ދޯންޏެއްގެ ކެޔޮޅަކު ބުންޏެވެ. "މިދިޔަ ހަތަރު ފަސް އަހަރު މަސްވެރިކަން ވަރަށް ދަށް. އަޅުގަނޑުމެން އުޅުނީ ވަރަށް ހާލުގައި."
މަސްވެރިކަން ރަނގަޅު ދުވަސްވަރު މަސް ގަންނަ އަގު ދަށްވުމަކީ މަސްވެރިން އަބަދުވެސް ކުރާ ޝަކުވާއެކެވެ. އެ ޝަކުވާއަށް ހައްލެއް ހޯދުމަށް މަސް ގަންނަ ކުންފުނިތަކުން ދަނީ މަސައްކަތްކުރަމުންނެވެ.
މަހުގެ އަގަށް މަސް ގަންނަ ސަރުކާރު ކުންފުނި ކޫއްޑޫ ފިޝަރީޒުން އަގަށް ބަދަލު ގެނައީ ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ވަރަށް ބޮޑަށް ވެއްޓުމާ ގުޅިގެންނެވެ. ރާއްޖެއިން އެންމެ ގިނައިން މަހުގެ ބާވަތްތައް ބޭރުކުރަމުން ގެންދިޔަ ގައުމުތަކުން ކުރިން މަސް ޓަނެއް 2،500 ޑޮލަރަށް ގަންނަ ނަމަވެސް މިހާރު މަސްޓަނެއް ގަންނަނީ 1،850 ޑޮލަރެވެ.
ދުނިޔޭގެ ބާޒާރުގައި މަސް ގަންނަ އަގަށް އައި ބަދަލާ ގުޅިގެން ރާއްޖޭގެ މަސް ގަންނަ ބޮޑެތި ކުންފުނިތަކުން ވަނީ، ކުރިން 22.50ރ. އަށް ކިލޯއެއް ގަންނަމުންދިޔަ ފިނި ކުރި މަސް 18ރ. އަށް ދަށްކޮށްފަ އެވެ. އަދި ފިނި ނުކުރާ މަސް ކިލޯއަކަށް ކުރިން 20.50ރ. ދިންއިރު މިހާރު ކިލޯއެއް ގަންނަނީ 16ރ. އަށެވެ.
މަސް ގަންނަ އަގު ދަށްކުރުމާ ގުޅިގެން މަސްވެރިން ޝަކުވާކުރަމުންދަނިކޮށް ކޫއްޑޫއިން ވަނީ މަސްވެރިންނަށް ވިއްކާ ތެލާއި އައިސްގެ އަގު ދަށްކޮށްފަ އެވެ.
ރާއްޖޭގައި އެންމެ ގިނަ އަދަދަށް މަސް ގަންނަ ކޫއްޑޫ ފިޝަރީޒުން ވަނީ އެ ކުންފުނިން ވިއްކާ ޑީސަލް ލިޓަރަކުން 25 ލާރި އަދި އައިސް ކިލޯއަކުން 20 ލާރި އަގު ހެޔޮކޮށްފަ އެވެ. އެގޮތުން ކުރިން 17.25ރ. އަށް ޑީސަލް ލިޓަރެއް ވިއްކި ޑިސަލް ލީޓަރެއްގެ އަގު ވަނީ 17ރ. އަށް ހެޔޮކޮށްފަ އެވެ. އަދި ކުރިން 1،050ރ. އަށް ވިއްކި އައިސް ޓަނެއް މިހާރު ވަނީ 850ރ. އަށް ހެޔޮކޮށްފަ އެވެ.
ކޫއްޑޫއިން ބުނީ ތެލާއި އައިސް ވިއްކާ އަގަށް ބަދަލު ގެންނަން ނިންމީ މަސްވެރިންނަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ކަމަށެވެ.
ކޫއްޑޫގައި ތެލާއި އައިސްގެ އަގަށް ގެނައި ބަދަލާ ގުޅިގެން މަސްވެރިންނަށް ވަނީ ކޮންމެ ވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބިފަ އެވެ. އަދި އެ މީހުން އުއްމީދުކުރަނީ މާގިނަ ދުވަސްތަކެއް ނުވެ މަހުގެ އަގު ވެސް ކުރިޔަށް ވުރެ ބޮޑަށް އުފުލިގެންދިއުމަށެވެ.
"މަހުގެ އަގަށް ގެނައި ބަދަލާ ގުޅިގެން ތެލަށާއި އެނޫން ހަރަދަށް ކަނޑާލުމުން މާބޮޑު އެއްޗެއް ނުލިބޭ. ނަމަވެސް ތެލުގެ އަގާއި އައިސްގެ އަގު ހެޔޮވުމުން ހަރަދުކުޑަވެގެންދާނެ. އަދި މަސްވެރިންނަށް ވެސް ކުރިޔަށް ވުރެ ރަނގަޅު އާމްދަނީއެއް ލިބޭނެ،" ގއ. ވިލިނގިލީ ދޯންޏެއްގެ ކެޔޮޅަކު ބުންޏެވެ.
ދުނިޔޭގެ ބާޒާރުގައި މަހުގެ އަގަށް އަންނަ ބަދަލާ ގުޅިގެން މަސްވެރިންގެ އަތުން މަސް ގަންނަ އަގަށް ދޭތެރެ ދޭތެރެއިން ބަދަލު ގެނެ އެވެ. ނަމަވެސް އެ ބަދަލުތައް މާގިނަ ދުވަހަކަށް ދެމިނޯވެ އެވެ. މަސްވެރިންގެ އުއްމީދަކަށް ވާނީ އެމީހުން ބާނާ މަސްކޮޅު ބޮޑު އަގުގައި ގަނެ ރަނގަޅު އާމްދަނީއެއް ލިބުމެވެ.