ސްޓޭޓް މިނިސްޓަރުންނާއި ނާއިބުންގެ އަދަދު ދެ މީހުންނަށް ވުރެ އިތުރު ނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަންގަވައިފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާން އިބްރާހީމް މުއާޒު އަލީ ވިދާޅުވީ ސަރުކާރުގެ ވުޒާރާތަކަށް އައްޔަންކުރާ ސްޓޭޓް މިނިސްޓަރުންނާއި ނާއިބުން ދެ މީހުންނަށް ވުރެ އިތުރު ނުކުރުމަށް ރައީސް ޔާމީން ވުޒާރާތަކުގެ ވަޒީރުންނަށް އަންގަވާފައިވާ ކަމަށެވެ.

ރައީސް އެގޮތަށް އެންގެވީ ޚަރަދުކުޑަ ސަރުކާރެއް އެކުލަވާލައްވާނެ ކަމަށް އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދު ތަންފީޒު ކުރެއްވުމަށް ބޭނުންފުޅުވެ ވަޑައިގަންނަވާތީ ކަމަށް މުއާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދެ ސްޓޭޓް މިނިސްޓަރުންނާއި ނާއިބުންނަށް ވުރެ އިތުރަށް ބައެއް މިނިސްޓްރީތަކުގައި މިހާރު ބޭފުޅުން ތިއްބެވި ނަމަވެސް ސަރުކާރު އެކުލަވާލައި ނިމޭ އިރު ކޮންމެ މިނިސްޓްރީއެއްގައި ވެސް އުޅުއްވާނީ ގިނަ ވެގެން ދެ ސްޓޭޓް މިނިސްޓަރަކާއި ދެ ނައިބުން ކަމަށެވެ.