06 Dec 2010, 15:15
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި 1024 މީހަކަށް އެމްޑީޕީން ޓިކެޓްދޭން ކަނޑައަޅައި އަދި އިލެކްޝަންސަށް ފައިސާ ދެއްކުމަށް ފަހު 71 މީހެއްގެ ނަން ބާތިލްކޮށްފި އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް އެމްޑީޕީ އޮފީހުގައި މިއަދު ހަވީރު ބޭއްވި ނިއުސް ކޮންފަރެންސެއްގައި އިންތިހާބާ ބެހޭ ސިލެކްޓިން ކޮމިޓީގެ ޗެއާޕާސަން މުހައްމަދު މާހިރު ވިދާޅުވީ 71 މީހެއްގެ ނަން ބާތިލްކުރަން ޖެހުނީ، ކެންޑިޑޭޓެއްގައި ހުންނަން ޖެހޭ ގާނޫނީ ޝަތުރު ހަމަނުވެގެން ކަމަށާއި އަދި އެ ނޫން ވެސް ބައެއް މައްސަލަތަކާ ގުޅިގެން ކަމަށެވެ.
"ދެހަފްތާއެއްހާ ދުވަސްކުރިން ކެންޑިޑޭޓުންގެ ގޮތުގައި 1024 ނަން އޮތް ނަމަވެސް ގާނޫނާއި ގަވާއިދާއި އެހެނިހެން މައްސަލަތަކާ ގުޅިގެން މިހާރު ބައެއް ބޭފުޅުން ވަނީ ކެންސަލް ކުރެވިފައި. އެހެންކަމުން މިވަގުތައް ތިބީ 953 މީހުން. މިއަދަދަށް ވެސް ބަދަލު އައުން އެކަށީގެންވޭ. އެއީ ކުރިމަތި ލައްވާފައި ތިބި ބައެއް ބޭފުޅުން އެބަތިބި، ގާނޫނުން ބުނާ ޝަރުތުތަކުގެ ތެރެއިން ބައެއް ޝަރުތުތައް އެބޭފުޅުން މާނަކުރައްވާފައި އޮތް ގޮތަށް ބަލާފައި ކުރިމަތިލައްވައިފައި. އެހެންކަމުން އިލެކްޝަން ކޮމިޝަނާހަމައަށް ދާއިރު މައުލޫމާތު ސައްހަ ނުވެގެން ނުވަތަ އަޅުގަނޑުމެން ބަލާ މިންގަނޑުތަކުން ބެލީމަ، ކެންސަލް ކުރަން ޖެހޭ ބޭފުޅެއްގެ ކެންޑިޑެސީ ބަދަލުކުރަން ޖެހޭނެ،" މާހިރު ވިދާޅުވި އެވެ.
މާހިރު ވިދާޅުވީ، އެމްޑީޕީގެ އަމާޒަކީ، އިންތިހާބުގައި ކޮންމެ ގޮޑިއަކަށް ވެސް ޕާޓީގެ ކެންޑިޑޭޓަކު ނެރުން ކަމަށެވެ. ނަމަވެސް އެމްޑީޕީގެ ޓިކެޓްގައި އިންތިހާބަށް ކުރިމަތި ލުމަށް އެހެން ޕާޓީތަކުގެ މެންބަރުންނާއި ވަކި ޕާޓީއަކަށް ނިސްބަތްނުވާ މެންބަރުން އެދެމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ކައުންސިލްތަކުގެ އިންތިހާބަށް ކެންޑިޑޭޓުން ކަނޑައެޅުމަށް ބޭއްވި ޕްރައިމަރީ ކާމިޔާބުކުރި ކޮންމެ މީހަކީ އެމްޑީޕީގެ ޓިކެޓް ލިބޭނެ މީހެއް ނޫން ކަމަށާއި ޓިކެޓް ދިނުމުގައި ތައުލީމީ ފެންވަރަށާއި އުމުރާއި ތަޖުރިބާއަށް ބަލާފައިވާނެ ކަމަށް ވެސް މާހިރު ވިދާޅުވި އެވެ. އަދި ޕާޓީގެ ޓިކެޓްގައި އިންތިހާބަށް ނިކުންނަ ކެންޑިޑޭޓަކާ ވާދަކުރުމަށް ޕާޓީގެ މެންބަރަކު ނިކުމެއްޖެ ނަމަ އެ މެންބަރަކާ މެދު ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމަށާއި މިހާތަނަށް އައިއިރު އެފަދަ ފަރާތެއްގެ ޝަކުވާއެއް ހުށަހެޅިފައިވާ ކަމަށް ވެސް މާހިރު ވިދާޅުވި އެވެ.
އިންތިހާބާ ބެހޭ އެގްޒެކްޓިވް ކޮމިޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބުދުލްޢަފޫރު މިއަދު ވިދާޅުވީ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ހިމެނޭ 1096 ގޮނޑިއަށް އެމްޑީޕީގެ ޓިކެޓް ހޯދުމަށް އެ ޕާޓީގެ 1600 އަށް ވުރެގިނަ މެންބަރުން ކުރިމަތިލި ކަމަށެވެ. ނަމަވެސް މިހާތަނަށް އައިއިރު ޓިކެޓް ދިނުމަށް 953 ނަމެއް ކަނޑައަޅައި ފާސްވެފައިވާ އިރު ބާކީ އޮތް 143 ގޮނޑިއަށް ކެނޑިޑޭޓުން ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
އިންތިހާބާ ބެހޭ ކެންޕެއިން ކޮމިޓީގެ ޗެއާޕާސަން ފާތުމަތު ޝަހީދާ ވިދާޅުވީ، އެމްޑީޕީގެ ކެމްޕެއިން ރަސްމީކޮށް ލޯންޗް ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ ލ. ގަމު މަތިމަރަދޫ ގަތަރު އަމީރު ސްކޫލްގައި ބާއްވާ ހާއްސަ ޖަލްސާއަކުން ކަމަށެވެ. އަދި މި އިންތިހާބުގެ ޝިއާރު އާއްމުކުރުން އޮންނާނީ ވެސް އެ ޖަލްސާގައި ކަމަށާއި އެމްޑީޕީގެ ހުރިހާ ކެންޑިޑޭޓުން އިންތިހާބުގެ ކަންތައް ކުރިއަށް ގެންދާނީ އެ ޝިއާރުގެ ދަށުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި މި އިންތިހާބުގެ ކެމްޕެއިން ކުރިއަށްދާނީ ވެސް ވޭތުވެދިޔަ އިންތިހާބުތަކުގައި އެމްޑީޕީން ބޭނުންކުރި އޮނިގަނޑުގެ ދަށުން ކަމަށް ވެސް ޝަހީދާ ވިދާޅުވި އެވެ.