ދެވަނަ ބުރުގެ ފަހު މެޗުގައި ޕޮލިސް ކްލަބާ ވާދަކޮށް 3-2 ސެޓުން މެޗު ކާމިޔާބުކޮށްގެން ކްލަބް ޕީކޭ، 2013 ވަނަ އަހަރުގެ ޕަވަހޯސް ގައުމީ ވޮލީބޯލް ލީގުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ދެ ޓީމުގެ ސަޕޯޓަރުން ވަދެ ފުރިބާރު ވެފައިއޮތް ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި މިރޭ ކުޅުނު ފޯރިގަދަ މެޗުގެ ފުރަތަމަ ސެޓް ޕީކޭ ކާމިޔާބުކުރީ 25-16 އިންނެވެ. އެހެން ނަމަވެސް މެޗުގެ ދެވަނަ ސެޓާއި ތިންވަނަ ސެޓް ކާމިޔާބުކޮށް ޕޮލިސް ކްލަބުން ކުރި ހޯދިއެވެ. އެގޮތުން ދެވަނަ ސެޓް ޕޮލިސްކުލަބުން ކާމިޔާބުކުރީ 25-27 އިންނެވެ. އަދި ތިންވަނަ ސެޓް ކާމިޔާބުކުރީ 21-25 އިންނެވެ.

މެޗު އިތުރަށް ފޯރިގަދަވެގެން ދިޔައީ، ޕީކޭއިން ހަތަރުވަނަ ސެޓް ދަމައިގަތް ހިސާބުންނެވެ. އެގޮތުން ޕީކޭ އެ ސެޓް ގެނައީ 25-20 އިންނެވެ. 2-2 ސެޓުން ދެޓީމް އެއްވަރުވުމުން ނަތީޖާ ނެރުމަށް ކުޅުނު ފަސްވަނަ ސެޓް ޕީކޭއިން ކާމިޔާބުކުރީ 15-11 އިންނެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ، ކްލަބް ޕީކޭގެ ބިދޭސީ ކުޅުންތެރިޔާ ޖަނިތަ ސުރަތު އެވެ.