ޕަވަ ހޯސް ގައުމީ ވޮލީބޯލް ލީގުގައި ދިވެހި ސިފައި ސިފައިންގެ ކްލަބް (ޑީއެސްސީ)އާއި ޔޫތު ސްޕޯޓްސް ކްލަބް ކުޅުނު ފަހު މެޗު 3-2 ސެޓުން ޑީއެސްސީ ކާމިޔާބު ކޮށްފި އެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި މިއަދު ހަވީރު ކުޅުނު ފޯރިގަދަ މެޗު ކާމިޔާބުކޮށް ތާވަލްގެ ތިންވަނަ މަގާމްގައި އޮވެ ލީގު ނިންމާލި ޑީއެސްސީއިން މިއަދުގެ މެޗު ކާމިޔާބުކޮށްފައިވަނީ ވާދަވެރި ސެޓްތަކަކަށް ފަހު އެވެ.

މެޗުގެ ފުރަތަމަ ސެޓު 17-25 އިން ޑީއެސްސީ އިން ކާމިޔާބު ކުރި ނަމަވެސް ޔޫތުން ވަނީ ކުޅުން ރަނގަޅުކޮށް ދެވަނަސެޓު 22-25 އިން އަތުލާފަ އެވެ. އެހެން ނަމަވެސް ދެޓީމު ހަމަހަމަކޮށް ޕޮއިންޓް ނަގަމުން ދިޔަ ތިންވަނަސެޓު ސިފައިންގެ ކްލަބުން ކާމިޔާބުކުރީ 26-28 އިންނެވެ.

ޑީއެސްސީއިން މެޗުގައި ދެވަނަ ފަހަރަށް ކުރި ހޯދި ނަމަވެސް ޔޫތުން ވަނީ ފަހަތުން އަރައި ހަތަރުވަނަ ސެޓު 25-23 އިން ގެންގޮސް މެޗުގެ ނަތީޖާ އެއްވަރު ކޮށްފަ އެވެ. މެޗުގެ ނަތީޖާ ނެރުމަށް ކުޅުނު ފަސްވަނަ ސެޓް ޑީއެސްސީ ކާމިޔާބުކުރީ 16-14 އިންނެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ، ދިވެހި ސިފައިންގެ ކްލަބްގެ ބިދޭސީ ކުޅުންތެރިޔާ އަނޫޕް ޑަކޮސްޓާ އެވެ.

ގައުމީ ވޮލީބޯލް ލީގުގެ ޗެމްޕިއަންކަން ލިބޭނީ ޓީމެއް ކަށަވަރުވާނީ މިރޭ ޕީކޭއާއި ޕޮލިސް ކްލަބް ކުޅޭ ފަހުމެޗުގެ ނަތީޖާ އެނގުމުންނެވެ.