26 Nov 2013, 22:18
ނިމިދިޔަ ފުޓްބޯޅަ ސީޒަންގެ އެންމެ ކާމިޔާބު ކުލަބް ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބަށް ކުޅެމުންދާ ގައުމީ ފުޓްބޯޅަ ޓީމުގެ ތަޖުރިބާކާރު ފޯވާޑް މުހައްމަދު އުމެއިރު އެ ކްލަބުގައި މަޑުކުރަން ނިންމައި ކޮންޓްރެކްޓް އާކޮށްފި އެވެ.
ނިމިދިޔަ ފުޓްބޯޅަ ސީޒަންގައި 30 ގޯލް ކާމިޔާބު ކޮށްފައިވާ އުމެއިރު ނިއުގައި މަޑުކުރަން ނިންމާފައި ވަނީ އަންނަ 2015 ވަނަ އަހަރުގެ ނިޔަލަށެވެ.
ނިއުގެ ކޮންޓުރެކްޓު އުމައިރު އާކޮށްފައި ވާއިރު، އެޓީމުގެ އެއްނަންބަރު ފޯވާޑް އަލީ އަޝްފާގް (ދަނގަޑޭ) ދާދި ފަހުން ވަނީ މެލޭޝިއާގެ ޕްރިމިއާލީގު (ދެވަނަ ޑިވިޝަން) ކްލަބެއް ކަމަށްވާ ޕޮލިސް ޑި-ރާޖާ މެލޭސިއާ އެފްއޭއަށް ސޮއިކޮށްފަ އެވެ.
ނިއުގެ އިސް އޮފިޝަލަކު "ސަން"އާ ވާހަކަ ދައްކަމުން ވިދާޅުވީ، އަންނަ ސީޒަންގައި ވެސް ނިއު ނިކުންނާނީ ވަރުގަދަ ސްކޮޑަކާއެކު ނިމިދިޔަ ސީޒަންގެ ކާމިޔާބީ ތަކުރާރު ކުރުމުގެ އުންމީދުގައި ކަމަށެވެ. އެހެން ކަމުން މިހާރުން ފެށިގެން ކްލަބުން މަސައްކަތް ފަށާފައި ވަނީ މޮޅެތި ކުޅުންތެރިން ހޯދުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ފޯވާޑެއް ހޯދުމުގައި ކުލަބުން ބޮޑަށް ބަލަނީ ޔޫރަޕް ހިސާބުގެ ފޯވާޑެއް ގެނެވޭތޯ ކަމަށާއި މިހާރު ވެސް ދެ ތިން ކުޅުންތެރިންނާ ވާހަކަ ދައްކަމުން އަންނަ ކަމަށެވެ.
އަންނަ ސީޒަނަށް ނިއުގެ ސްކޮޑް ވަރުގަދަ ކުރުމުގެ މަސައްކަތް ދުރާލާ އެކުލަބުން ފަށާފައި ވާއިރު، ރޭ އެކުލަބުން އެފްއޭއެފް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަންނަ ސީޒަނުގައި އެކުލަބަށް ގެންނަން ނިންމާފައިވާ ކޯޗުގެ މައުލޫމާތު ވަނީ މީޑިއާގައި ހިއްސާކޮސްފަ އެވެ.
ރާއްޖޭގެ ޗެމްޕިއަން ނިއުގެ ކޯޗު ކަމަށް ރޭ ހަމަޖައްސާފައި ވަނީ ސްޕެއިންގެ ރެއާލް މެޑްރިޑްގެ ކުރީގެ ޑިފެންޑަރު އެންޖަލް ޕެރޭޒް ގާސިއާ އެވެ. އަދި ޕެރޭޒް ގާސިއާ ނިއުގެ ކޯޗުކަމަށް ހަމަ ޖައްސާފައިވަނީ 2014 ވަނަ އަހަރުގެ ފުޓްބޯޅަ ސީޒަން ނިމެންދެނެވެ.
މިއަހަރުގެ ފުޓްބޯޅަ ސީޒަންގައި 100 ޕަސެންޓް މޮޅުވުމުގެ ރެކޯޑަކާ އެކު ސީޒަންގެ ހުރިހާ ތައްޓެއް ކާމިޔާބު ކުރި ނިއުގެ ކޯޗު ކަމަށް ޕެރޭޒް ގާސިއާ ހަމަޖައްސާފައި މިވަނީ، ސީޒަން ނިމެން ކައިރިވެފައި ވަނިކޮށް އެޓީމުގެ ކުރީގެ ކޯޗު ބަލްގޭރިޔާގެ ވެލިޒާ ޕޮޕޯފް އޮމާންގެ ސޫރު ސްޕޯޓްސް ކްލަބާ ހަވާލުވުމަށް ނިއުގެ ކޯޗު ކަމުން ވަކިވުމުން އެމަގާމް ހުސްވެފައި އޮތުމުންނެވެ.