ކުރިން މިނިސްޓްރީ އޮފް ޓޫރިޒަމް އާޓްސް އެންޑް ކަލްޗާގެ ދަށުން ހިންގަމުން ގެންދިޔަ އާޓްސް އެންޑް ކަލްޗާ ޔޫތު މިނިސްޓްރީގެ ދަށަށް ރައީސް އަބްދުﷲ ޔާމީން މިއަދު ބަދަލުކުރައްވައިފި އެވެ.

އާ ސަރުކާރު ހަވާލުވުމަށްފަހު ވަޒީރުން އައްޔަންކުރެއްވިއިރު ޓޫރިޒަމް މިނިސްޓްރީގެ މެންޑޭޓްގެ ތެރޭގައި އާޓްސް އެންޑް ކަލްޗާ ހިމަނާފައެއްނުވެ އެވެ. އެ މިނިސްޓްރީގެ ދަށުގައި އާޓްސް އެންޑް ކަލްޗާ ހިމަނާފައި ވަނީ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގަ އެވެ.

ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވީ އާޓްސް އެންޑް ކަލްޗާ އެ މިނިސްޓްރީގެ ދަށަށް ބަދަލުކުރުމާ ގުޅިގެން ދާރުލް އާސާރާއި ނޭޝަނަލް ސެންޓަ ފޯދި އާޓްސް ހިނގަމުންދާނީ އެ މިނިސްޓްރީގެ ދަށުން ކަމަށެވެ.

"އާޓްސް އެންޑް ކަލްޗާއަކީ ޒުވާނުންވާ ވަރަށް ބޮޑަށް ގުޅުން ހުރި ދާއިރާއެއް. އެހެންވެ ސަރުކާރުން ނިންމީ އާޓްސް އެންޑް ކަލްޗާ އެ މިނިސްޓްރީގެ ދަށަށް ބަދަލުކުރަން. މި ބަދަލާ ގުޅިގެން ޒުވާނުންނަށް އަމާޒުކޮށްގެން ހާއްސަ ޕްރޮގްރާމްތަކެއް ސެންޓަ ފޯ ދި އާޓްސް އިން ހިންގާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ޕީޕީއެމްގެ މެނިފެސްޓޯގައި ވެސް އެންމެ ބޮޑު އިސްކަމެއްދޭން ކަނޑައަޅާފައިވާ ޒުވާނުންގެ ދާއިރާ ތަރައްގީކުރުމަށް އަންނަ އަހަރު 300 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅުއްވަން ރައީސް ޔާމީން ވަނީ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދަށް ވެސް އަންގަވައިފަ އެވެ.