ސިފައިންގެ އިންޓެލިޖެންސްގެ ވެރިޔާގެ މަގާމަށް ލެފްޓިނެންޓް ކާނަލް އަބްދުއްރައޫފް ހަމަޖައްސައިފި ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.

"ސަން" އާ ވާހަކަދައްކަވަމުން އެމްއެންޑީއެފްގެ މީޑީއާ އޮފިސަރު މޭޖާ ހުސައިން އަލީ ވިދާޅުވީ ލެފްޓިނެންޓް ކާނަލް އަބްދުއްރައޫފް އެ މަގާމަށް ހަމަޖެއްސެވީ ކުރިން އެ މަގާމުގައި ހުންނެވި ބްރިގޭޑިއާ ޖެނެރަލް އަހުމަދު ޝާހިދު އެ މަގާމުން ވަކި ކުރުމަށް ފަހުގައި ކަމަށެވެ.

"ބްރިގޭޑިއާ ޖެނެރަލް އަހުމަދު ޝާހިދުގެ ބަދަލުގައި މިހާރު ސިފައިންގެ އިންޓަލިޖެންސްގެ އިސްވެރިޔާގެ މަގާމަށް ހަމަޖައްސާފައި ވަނީ ލެފްޓިނެންޓް ކާނަލް އަބްދުއްރައޫފް،" ހުސައިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޝާހިދު އެ މަގާމުން ވަކިކުރި ނަމަވެސް އޭނާ ހުންނާނީ ކުރިން ވެސް މަސައްކަތް ކުރަމުން އައިތަނުގައި ކަމަށެވެ. އެގޮތުން މިހާރު ޝާހިދު ހަމަޖައްސާފައި ވަނީ ކޯސްޓްގާޑުގެ ކޮމަޑާންޓުގެ މަގާމުގަ އެވެ.

ހުސައިން އަލީ ވިދާޅުވީ ސިފައިންގޭގައި އެއް ޔުނިޓުން އަނެއް ޔުނިޓަށް އޮފިސަރުން ބަދަލު ކުރުމަކީ އަބަދުވެސް ކުރަމުން އަންނަ ކަމެއް ކަމަށެވެ. އެގޮތުން ޝާހިދުގެ ބަދަލުގައި އަބްދުއްރައޫފް ސިފައިންގެ އިންޓަލިޖެންސްގެ އިސް ވެރިޔާގެ މަގާމަށް ވެސް ހަމަޖެއްސީ އެގޮތުގެ މަތިން ކަމަށެވެ.

ބްރިގޭޑިއާ ޖެނެރަލް އަހުމަދު ޝާހިދުގެ ކުރިން ސިފައިންގެ އިންޓަލިޖެންސްގެ އިސްވެރިޔާގެ މަގާމުގައި ހުންނެވީ ބްރިގޭޑިއާ ޖެނެރަލް އަހުމަދު ނިލާމް އެވެ. އެހެން ނަމަވެސް ނިލާމް މިހާރު ވަނީ ސިފައިންގެ ވަޒީފާއިން ވަކިކޮށްފަ އެވެ.

ނިލާމް ސިފައިންގެ ވަޒީފާއިން ވަކިކޮށްފައި ވަނީ އޭނާ ސިފައިންގެ ވާޖިބު އަދާކުރުމުގައާއި އަދި ސިފައިންގެ އޮފިސަރެއްގެ ހުންނަން ޖެހޭ އަހުލާގީ މިންގަޑުން ބޭރުވެފައިވާތީ ކަމަށް ބުނެ އެވެ. އޭނާ ވަޒީފާއިން ވަކިކޮށްފައި ވަނީ އޭނާގެ ރޭންކޮ ދައްކުރުމަށް ފަހުގަ އެވެ. އެގޮތުން އޭނާ ވަޒީފާއިން ވަކިކުރީ ކާނަލް އެއްގެ ރޭންކަށް ދަށްކުރުމަށް ފަހުގަ އެވެ.