ކޫއްޑޫ ފިޝަރީޒްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މުއްތޮލިބު އެ މަގާމުން މިއަދު ވަކިކޮށްފި އެވެ.

ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކަމަށް އައްޔަންކުރެއްވި މުއްތޮލިބު ވިދާޅުވީ އޭނާ މަގާމުން ވަކިކުރެއްވީ އެހެން ކުންފުންޏަކަށް ބަދަލުކުރެއްވުމަށް ކަމަށެވެ.

"އަޅުގަނޑު ކޫއްޑޫއާ ހަވާލުވިފަހުން މިއިން ދުވަހަކު ނާންނަވަރުގެ ކުރިއެރުން ވަނީ ހޯދާފައި. އެގޮތުން އެތަނުގައި ކޯލްޑް ސްޓޯރޭޖް ހަދައި ރަށް ރަށުގައި އައިސް ޕްލާންޓްތައް ވަނީ ހިންގަން ފަށާފައި. މީގެ އިތުރުން ވެސް ބޮޑެތި މަޝްރޫއުތަކެއް އެހެރީ ފެށިފައި،" އޭނާ ވިދާޅުވި އެވެ.

މުއްތޮލިބު ވިދާޅުވީ އޭނާ މަގާމުން ވަކިވިއިރު އެ ކުންފުންޏަކީ ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން މިވަގުތު އެންމެ ފައިދާވާ އެއް ކުންފުނި ކަމަށެވެ،

"އަޅުގަނޑު ދެކޭ ގޮތުގައި ވޭތުވެދިޔަ 18 ވަރަކަށް މަސް ދުވަހުގެ ތެރޭގައި އެ ކުންފުނިން ވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދާފައި. އަދި ކުރިޔަށް އޮތްތަނުގައި ވެސް ހޯދޭނެ،" އޭނާ ވިދާޅުވި އެވެ.

މުއްތޮލިބަކީ މަޖިލީހުގެ ފަރެސް މާތޮޑާ ދާއިރާގެ މެމްބަރު އިބްރާހިމް މުއްތޮލިބުގެ ކޮއްކޮއެކެވެ.