26 Nov 2013, 21:17
އެފްރިކާގެ މެދުހުޅަނގު ސަރަހައްދުގައި، ބައްރުގެ އައްސޭރީގައި އޮންނަ ކްރިސްޓިއަން ދައުލަތެއް ކަމަށް ވާ އެންގޯލާގައި އިސްލާމް ދީން މަނާ ކޮށް، އެ ގައުމުގައި ހުރި ހުރިހައި މިސްކިތްތަކެއް ބަންދު ކުރާން އެ ގައުމުގެ ސަރުކާރުން އަމުރު ކޮށްފިއެވެ.
އެންގޯލާގެ މިނިސްޓަރ ރޯޒާ ކްރޫޒް ވިދާޅުވެފައި ވަނީ އިސްލާމް ދީނަކީ އެންގޯލާގެ އާދަކާދަތަކާއި ސަގާފަތާ ފުށުއަރާ "ކަލްޓެއް" ކަމަށާއި، އެހެންކަމުން އިސްލާމް ދީނަށް އުޅުމުގެ ހުއްދަ އެ ގައުމުގައި ދެން ނުދެވޭނެ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ ސަރުކާރުގެ އިތުރު އަމުރެއް އަންނާންދެން އެންގޯލާގެ މިސްކިތްތައް ހުންނާނީ ބަންދު ކުރެވިފައި ކަމަށެވެ.
އިސްލާމް ދީނުގެ ޝަރީޢަތަކީ އެންގޯލާގެ އަދުލުއިންސާފާ ބެހޭ ވުޒާރާ އާއި އިންސާނީ ހައްގުތަކުގެ މިންގަނޑުތަކަށް ނުފެތޭ ޝަރީއަތެއް ކަމަށް ވެސް ކްރޫޒް ވިދާޅުވިއެވެ.
އެންގޯލާގެ އެންމެ ބޮޑު އެއް ނޫސް ކަމަށް ވާ "އޮސަން ޑިފެންސް" އަށް ދެއްވި ބަސްދީގަތުމެއްގައި އެ ގައުމުގެ ރައީސް ހޯސޭ އެޑުއާރޑޯ ސަންޓޯސް ވިދާޅުވީ "މިއީ އިސްލާމް ދީނުގެ ނުފޫޒު އަހަރެމެންގެ މި ގައުމުން އަބަދުގެއަބަދަށް ނެތިގެން ދިޔުން" ކަމަށެވެ. އަދި އިސްލާމް ދީނުގެ އެއްވެސް ނުފޫޒެއް ދެން އެންގޯލާއަށް އަޔަނުދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެންގޯލާގެ ކަންކޮޅުތަކުގައި ހުރި ހުރިހާ މިސްކިތްތަކެއް ތަޅައި ސުންނާފަތި ކުރުމުގެ ހަރަކާތްތަކެއް މިހާރު ކުރިޔަށް ދާ ކަމަށް ވެސް އިންޓަރނޭޝަނަލް ބިޒްނަސް ޓައިމްސްގެ މުރާސިލުން ރިޕޯޓު ކުރެއެވެ. ނަމަވެސް މި ރިޕޯޓުތައް މިހާތަނަށް އެހެން ފަރާތަކުން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.
އެންގޯލާ އަކީ 19 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ގައުމެކެވެ. އެ ގައުމުގެ އާބާދީގައި މުސްލިމުންގެ ނިސްބަތަކީ 1 އިންސައްތައެވެ. އެ ގައުމުގައި މުސްލިމުން ބޭނުން ކުރާ 80 ވަރަކަށް މިސްކިތް އެބަހުއްޓެވެ. އަދި ވެއަތުވެދިޔަ އަހަރުތަކުގައި އެންގޯލާގައި އިސްލާމް ދީން ވަނީ މަޑުމަޑުން ފެތުރެމުން އައިސްފައެވެ.
ދުނިޔޭގެ އެންމެ ބޮޑެތި އިސްލާމީ ގައުމުތައް ކަމަށް ވާ އިންޑޮނީޝިއާ އާއި ޕާކިސްތާނާއި ބަންގްލަދޭޝާއި މިޞުރާއި ސީރިއާ ފަދަ ގައުމުތަކުގައި ވެސް ގިނަ އަދަދަކަށް ކްރިސްޓިއަނުން އުޅެއެވެ. ނަމަވެސް މި ގައުމުތަކުގައި ކްރިސްޓިއަނުންނަށް ހަމަލަ ދީ، ކްރިސްޓިއަން ދީނަށް ފިއްތުންތައް ކުރިމަތި ކުރުމުގެ ރަސްމީ އެއްވެސް ސިޔާސަތުތަކެއް ނުގެންގުޅެވެއެވެ.
ފަހަކަށް އައިސް ފަރަންސޭސި ވިލާތް ފަދަ ބައެއް ކްރިސްޓިއަން ގައުމުތަކުގައި މުސްލިމް އަންހެނުން ބުރުގާ އެޅުން މަނާ ކޮށްފައި ވާއިރު، ކްރިސްޓިއަން ވަރަށް ގިނަ ގައުމުތަކުގައި މުސްލިމުންނާ ދެކޮޅަށް ދެވޭ އަނިޔާވެރި ހަމަލަތައް ވެސް ދަނީ އާއްމު ވަމުންނެވެ.
އެގޮތުން މި އަހަރުގެ އޯގަސްޓު މަހުގެ 12 ވަނަ ދުވަހު، ފަރަންސޭސި ވިލާތުގެ ޕެރިހުގައި، ކްރިސްޓިއަން ފިރިހެނުންގެ ބަޔަކު ވަނީ އުމުރުން 16 އަހަރުގެ މުސްލިމް އަންހެން ކުއްޖަކާ މަގުމަތީން ދިމާކޮށް، އޭނާގެ ބުރުގާ ވީދާލައި، އޭނާގެ މޭމަތީގައި ހިފައި، ކަޓަރަކުން އޭނާގެ މޫނުގެ ތަންތަން ކަނޑައި ޒަޚަމް ކޮށްލައިފައެވެ.
އޭގެ ދެ މަސް ކުރީން، މި އަހަރުގެ ޖޫން މަހުގެ 13 ވަނަ ދުވަހު، ޕެރިހުގައި ކްރިސްޓިއަން ފިރިހެނުންގެ ދެ މީހަކު ވަނީ އުމުރުން 21 އަހަރުގެ މާބަނޑު މުސްލިމް އަންހެން ކުއްޖަކަށް ވެސް ހަމަލަ ދީފައެވެ. އެ ދެ މީހުން އެ ކުއްޖާގެ ބުރުގާ އާއި ހެދުން ވީދައިލައި، އޭނާގެ ބޮލުގެ އިސްތަށިގަނޑު ބުރި ކޮށްލުމަށް ފަހު، އޭނާ ރޮއިފައި "އަހަންނަކީ މާބަނޑު މީހެކޭ" ބުނުމުން، އޭނާގެ ބަނޑުގައި ވެސް ކޮޅުފައިން ތަޅައިފައި ވެއެވެ. މި ހަމަލައިގައި ލިބުނު އަނިޔާގެ ސަބަބުން، އޭގެ ފަސް ދުވަސް ފަހުން، އޭނާގެ ދަރިފުޅު ވަނީ ބައިގެން ގޮސްފައެވެ.
ހަމަ މި އަހަރުގެ އޯގަސްޓު މަހުގެ 16 ވަނަ ދުވަހު، ނޯރވޭގައި ވެސް މާބަނޑު މުސްލިމް އަންހެން ކުއްޖަކަށް، ކްރިސްޓިއަނުންގެ ބަޔަކު ވަނީ ހަމަލަ ދީފައެވެ. ހަމަލަ ދިން މީހުން ވަނީ އެ އަންހެން ކުއްޖާގެ ބުރުގާއަށް ދަމައި، އޭނާގެ ބޯ ކާރެއްގައި އެތައް ފަހަރަކު ތަޅައި، ހުތުރު ބަހުން އިސްލާމް ދީނަށް ނިސްބަތް ކޮށް އެއްޗެހި ގޮވައިފައެވެ.
ފަހަކަށް އައިސް ހިނގި މިފަދަ އެންމެ ހިތާމަވެރި އެއް ހާދިސާގައި، 2009 ވަނަ އަހަރު،ޖަރުމަނުގައި މުސްލިމް އަންހެނެއް ކަމަށް ވާ މަރްވާ ޢަލީ އައްޝަރްބީނީ ޝަހީދު ކޮށްލެވުނީ އެ ގައުމުގެ ކޯޓެއްގެ ތެރޭގައެވެ. މަރްވާއާ ދިމާޔަށް "އިސްލާމީ ޓެރަރިސްޓޭ" ކިޔައިގެން އެއްޗެހި ގޮވައި ބިރުދެއްކި ކްރިސްޓިއަން ފިރިހެނަކާ ދެކޮޅަށް އޭނާ ކުރި ދައުވާގެ އަޑުއެހުމެއް ކުރިޔަށް ދަނިކޮށް، އެ ފިރިހެން މީހާ މަރުވާ ޝަހީދު ކޮށްލައިފައި ވަނީ އޭނާގެ ހަށިގަނޑުގެ އެކި ތަންތަނަށް 15 ފަހަރަށް ވުރެ ގިނަ ފަހަރު ވަޅި ހަރައިލައިގެންނެވެ. އެއިރު މަރްވާގެ ފިރިމީހާގެ އިތުރުން، އެ ދެމަފިރީންގެ 3 އަހަރުގެ ކުޑަ ދަރިފުޅު ވެސް ކައިރީގައި ހުއްޓެވެ. މި ހަމަލާގައި އެ ކުޑަކުއްޖާ ވެސް ޒަޚަމް ވިއެވެ.
މިދިޔަ އަހަރުގެ މާރިޗު މަހުގެ ތެރޭގައި އެމެރިކާގައި ހިނގި މިފަދަ ހާދިސާއެއްގައި، ޑިއަރބޯރންގައި ދިރިއުޅުނު މުސްލިމް އަންހެނެއްގެ ގެއަށް ކްރިސްޓިއަނުންގެ ބަޔަކު ވަދެ، އޭނާގެ ގައިގައި ތަޅައި އަނިޔާކޮށް ޝަހީދު ކޮށްލައިފައި ވެއެވެ.