26 Nov 2013, 18:17
ސިފައިން ކުރާ ކުށްތައް ތަހުގީގުކޮށް ދައުވާކުރުމާއި ކުށުގެ އަދަބު ކަނޑައެޅުމަށް މިލިޓަރީ ޖަސްޓިސް ސިސްޓަމް ގާއިމްކޮށް، މިލިޓަރީ ކޯޓެއް ހެދުމާ ބެހޭ ބިލެއް މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމައިފި އެވެ.
އެގޮތަށް ހަމަޖައްސައިފައި ވަނީ ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް ސިފައިން ކަނޑައަޅާފައިވާ ތަރައްގީގެ މަޝްރޫއުތަކާ ބެހޭ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގަ އެވެ. މިލިޓަރީ ކޯޓެއް ހެދުމަށް ހަމަޖައްސާފައި ވަނީ ގައުމީ ދިފާއީ ބާރުގެ ފަރާތުން ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ކުރުމަށް ކަނޑައަޅާފައިވާ ކަންކަމުގެ ތެރޭގަ އެވެ.
އެ ޕްލޭންގެ ދަށުން މިލިޓަރީ ޖަސްޓިސް ސިސްޓަމެއް ގާއިމްކޮށް ސިފައިންގެ ޑިސިޕްލީން އެކްޓް ފާސްކުރުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅުން ނުވަތަ އެ ގާނޫނު ސިފައިންގެ ގަވާއިދެއްގެ ގޮތުގައި ތައާރަފްކޮށް، ޖަޖް އެޑްވޮކޭޓް ޖެނެރަލް (ޖޭއޭޖީ) ބްރާންޗެއް ގާއިމްކުރުމަށް ވަނީ ރާވާފަ އެވެ.
ސިފައިންގެ މީޑިއާ އޮފިޝަލް ހުސައިން އަލީ ސަންއަށް މިއަދު ވިދާޅުވީ މިފަދަ ބިލެއް މަޖިލީހަށް ފޮނުވުމުގެ ބޭނުމަކީ ދުނިޔޭ އެހެން އަސްކަރިއްޔާތަކުގައި ވެސް އަމަލްކުރަމުން އަންނަ އުސޫލުގެ ދަށުން ސިފައިން ކުރާ އެކިއެކި ކުށްތައް ބަލައި ފިޔަވަޅު އެޅުމާ ބެހޭ ނިޒާމެއް ސިފައިންގެ ތެރޭގައި އުފެއްދުމަށެވެ.
"މިފަދަ ނިޒާމެއް ގާއިމް ކުރުމުން ތަހުގީގީ މަރުހަލާއިން ފެށިގެން ތަންފީޒީ މަރުހަލާއާ ހަމަޔަށް މުޅި ޕްރޮސެސްދާނީ މި ނިޒާމުގެ ތެރެއިން. މިސާލަކަށް މަސްތުވާތަކެއްޗާއި ބެހޭ ނުވަތަ ވައްކަމުގެ މައްސަލައެއް ނަމަ، މިހާރު ބަލަމުން ގެންދާނީ އެ އޮންނަ އާއްމު އުސޫލުގެ ތެރެއިން ފުލުހުން ތަހުގީގު ތެރެއިން، ނަމަވެސް ސިފައިންގެ މީހެއް ޑިސިޕްލީނަރީ މައްސަލައެއް ވެއްޖެއްޔާ ސިފައިންގެ ގަވާއިދުގެ ދަށުން މިހާރު ވެސް ސިފައިންގެ ތެރޭގައި ބަލާނެ،" ހުސެއިން އަލީ ވިދާޅުވި އެވެ.
ހުސެއިން އަލީ ވިދާޅުވީ މިލިޓަރީ ޖަސްޓިސް ސިސްޓަމެއް ގާއިމް ކުރުމާ ބެހޭ ބިލް ކަމާ ބެހޭ ފަރާތްތަކުގެ ލަފަޔާއި އިރުޝާދުގެ ދަށުން ކުރަމުން އަންނަ ކަމަށާއި އާ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ރޯޑްމެޕުގައި ތެރޭގައި އެ ބިލް މަޖިލީހަށް ހުށަހެޅޭނެ ކަމަށެވެ.
ގައުމީ ދިފާއީ ބާރުގެ ކުރިއަށް ފަސް އަހަރަށް ކަނޑައަޅާފައިވާ ތަރައްގީގެ މަޝްރޫއުތަކާ ބެހޭ އެކްޝަން ޕްލޭންގައި މައިގަނޑު ހަތަރު ސިޔާސަތެއް ކަނޑައަޅައިފައިވެ އެވެ.
އެގޮތުން ދިވެހިރާއްޖޭގެ ގައުމީ ސަލާމަތީ އޮނިގަނޑު ހަރުދަނާކުރުމާއި ދިފާއީ ނިޒާމްވަރު ގަދަކުރުމާއި އަދި ސިފައިން ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމާއި ދައުލަތުގެ ބަޖެޓަށް މުޅިން ބަރޯސާނުވެ ސިފައިންގެ ވެލްފެއާ ހަރުދަނާ ކުރުމާއި ސިފައިންގެ އިންޕްރާސްޓްރަކްޗާ ބިނާކޮށް ސިފައިންގެ ދިރިއުޅޭ އަދި މަސައްކަތުގެ ވެށި ތަރައްގީ ކުރުމުގެ އިތުރުން ދިވެހި ސިފައިންނަށް ތައުލީމާއި ތަމްރީނު ދިނުމުގެ ނިޒާމު ހަރުދަނާކޮށް ފުޅާކުރުމާ އެކު ސިފައިންނަކީ ގާބިލް ޕްރޮޕެޝަނަލް ބަޔަކަށް ހެދުން ހިމެނެ އެވެ.
އާ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ރޯޑްމެޕްގައި ގައުމީ ދިފާއީ ބާރުގެ ފަރާތުން ހާސިލްކުރަން ބޭނުންވާ އިތުރު ލަނޑުދަނޑިތަކުގެ ތެރޭގައި ރާއްޖޭގެ ސަރަހައްދުތަކުގައި ގާއިމްކޮށްފައިވާ އޭރިޔާ ކޮމާންޑްތަކުގެ ކޮމާންޑް ސެންޓަރުތަކާއި ޖޭއޯސީ އާއި ގުޅާލެވޭނެވަރުގެ ނެޓްވޯކް ނިޒާމެއް ގާއިމް ކުރުން ހިމެނެ އެވެ. އަދި ކޯސްޓްގާޑަށް އިތުރު އެއް ހެލިކޮޕްޓަރު ހޯދައި މެޑިކަލް އިވެކުއޭޝަން އަދި ސާޗް އެންޑް ރެސްކިއު ހިދުމަތް ހަރުދަނާ ކުރުމަށް ވެސް ވަނީ ކަނޑައަޅައިފަ އެވެ.
ރާއްޖޭގައި އަލިފާނާ ބެހޭ ގާނޫނެއް ފާސްކުރުމަށް މަޖިލީހަށް ބިލެއް ހުށަހެޅުމާއި ސެނަހިޔާއިން ސިފައިންގެ އާއިލާތަކަށާއި ސިފައިންނަށް ދެވޭ ހިދުމަތުގެ ފެންވަރު މިހާރަށްވުރެ ރަނގަޅުކޮށް ފުޅާކުރުން ހިމެނެ އެވެ. އަދި މާލޭގައި ދިރިއުޅެވެން ނެތް ކޮންމެ ސިފައިންގެ މީހަކަށް އެކޮމޮޑޭޝަން ހަމަޖައްސައިދިނުމާއި އައްޑަނަ ޓީވީ ޗެނަލް ސިފައިންނަށް ތައާރަފްކުމާއި ކުރީގެ ޕޯސްޓަލް އިމާރާތުގައި ސިފައިންގެ ފެމިލީ އެސޯސިއޭޝަނެއް ގާއިމްކޮށް އެތަނުގައި ޑޭކެއާ ސެންޓަރެއް ގާއިމް ކުރުން ހިމެނެ އެވެ. އަދި ކޯސްޓްގާޑަށް އުތުރުގައި ބަނދަރެއް ހެދުމާއި ސެކިއުރިޓީ ގާޑުން ތަމްރީން ކުރުމާއި ވެސް ހިމެނެ އެވެ.