26 Nov 2013, 16:17
ގުރުއާން މަޖުބޫރު މާއްދާއަކަށް ހެދުމަށް އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ މީގެ ދެ އަހަރު ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވި ގަރާރު، ކޮމެޓީން ދިރާސާކޮށް ތަޅުމަށް ހުށަހެޅުން މަޖިލީހުގެ ގިނަ މެންބަރުން އެކަމަށް ތާއިދުކޮށް ވާހަކަފުޅު ދައްކަވައިފި އެވެ.
އަފްރާޝީމް އަވަހާރަކޮށްލުމުގެ ކުރިން ޖުލައި 20، 2011ގައި މަޖިލީހަށް އެމަނިކުފާނު ހުށަހަޅުއްވި ގަރާރުގައި ބުނެފައި ވަނީ ފަށާ ތައުލީމާއި މެދުމަދުރަސީ ތައުލީމުގެ މަރުހަލާގައި ކީރިތި ގުރުއާން މަޖުބޫރު މާއްދާއެއްގެ ގޮތުގައި ކިޔަވައި ދިނުމަށާއި ސާނަވީ މަރުހަލާގައި ކީރިތި ގުރުއާނުގެ އިލްމު މަޖުބޫރު ބައެއްގެ ގޮތުގައި ކަނޑައެޅުމަށެވެ.
މަޖިލީހުގެ މިއަދުގެ ބަހުސްގައި ބައިވެރިވި ހުރިހާ މެންބަރުންގެ ގުރުއާން މަޖުބޫރު މާއްދާއަށް ހެދުމަށް ތާއިދުކޮށް ވާހަކަފުޅު ދެއްކެވީ، އަފްރާޝީމްގެ ގަރާރު ގައުމީ ތަރައްގީގެ ކޮމެޓީން ދިރާސާކޮށް ނިންމައި އިސްލާހުތަކަކާއެކު މަޖިލީހަށް ހުށަހެޅުއްވުމުންނެވެ.
މަޑަވެލި ދާއިރާގެ މުހައްމަދު ނާޒިމް ވިދާޅުވީ ގުރްއާނާއި ދީނީ މާއްދާތައް ރަނގަޅަށް ކިޔަވައި ދެވޭނީ ގުރްއާނާއި ފިގުހު އިލްމު ލިބިފައިވާ މުދައްރިސުން އުފައްދައިގެން ކަމަށާއި އެކަމާ ނުލައި ގުރްއާން މަޖުބޫރުކޮށްގެން ކުރާނެ ފައިދާއެއް ނޯންނާނެ ކަމަށެވެ. ނަމަވެސް އަވަހާރަކޮށްލާފައިވާ އަފްރާޝީމްގެ ހަނދާނުގައި ވެސް އެ ގަރާރު ފާސްކުރަންޖެހޭ ކަމަށް ނާޒިމް ވިދާޅުވި އެވެ.
މާވަށު ދާއިރާގެ އަބްދުލްއަޒީޒް ޖަމާލު އަބޫބަކުރު (އަޒީ) ވިދާޅުވީ އަފްރާޝީމް އެ ގަރާރު ހުށަހެޅުއްވި ގޮތާ ހިލާފަށް ކޮމިޓީން ބަދަލުކޮށްފައިވާ ކަމަށާއި އަފްރާޝީމް ހުށަހަޅުއްވީ ތައުލީމުގެ ހުރިހާ މަރުހަލާއެއްގައި މަޖުބޫރު މާއްދާއަކަށް ގުރުއާން ހެދުމަށެވެ.
އަޒީ ވިދާޅުވީ ކޮމިޓީން އިސްލާހުކުރި އިރު ގަރާރުގައި އޮތީ ފަށާ ތައުލީމާއި މެދުމަދަރުސީ ތައުލީމުގައި ގުރްއާން ކިޔަވައިދޭ ގޮތަށް ކަމަށާއި ސާނަވީ މަރުހަލާގައި ގުރްއާން ކިޔަވައިދިނުން ނެތް ކަމަށެވެ. އޭގެ ބަދަލުގައި އޮތީ ގުރްއާނުގެ އިލްމު އެކަނި ކިޔަވައިދިނުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.