26 Nov 2013, 15:56
އެހެން މީހުން ޕާސްޕޯޓް ހިފަހައްޓާކަމުގެ ގިނަ ޝަކުވާތަކެއް ލިބެމުންދާ ކަމަށާއި އެފަދަ ފަރާތްތަކަށް ދެކޮޅަށް ފިޔަވަޅު އަޅަމުންދާނެ ކަމަށް ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންއިން ބުނެފި އެވެ.
އެޑިޕާޓްމަންޓުން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ޕާސްޕޯޓްގެ ވެރިފަރާތް ނޫން އެހެން ފަރާތެއްގެ ބެލުމުގެ ދަށުގައި ޕާސްޕޯޓް ބާއްވައިގެން ނުވާނެ ކަމަށެވެ.
އެހެން ފަރާތަކުން ޕާސްޕޯޓް ހިފަހައްޓައިފިނަމަ، އިމިގްރޭޝަން ޑިޕާޓްމަންޓަށް ހާޒިރުވުމުން ޕާސްޕޯޓް އަލުން ހަދައިދޭނެ ކަމަށް ވެސް އިއުލާންގައި ބުނެފައިވެ އެވެ.
އިމިގްރޭޝަނުން ބުނީ ޕާސްޕޯޓް ހިފަހައްޓައިގެން ގިނަ ޝަކުވާތަކެއް ލިބެމުންދާ ކަމަށާއި މީގެ ތެރެއިން އެންމެ ގިނައިން ލިބޭ ޝަކުވާ އަކީ ގިނަ އަދަދެއްގެ ފައިސާ ދެއްކުމުން ނޫނީ ޕާސްޕޯޓް ނުދޭނެ ކަމަށް ބުނެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމަށް ބުނެ ކުރާ ޝަކުވާތައް ކަމަށެވެ.
"ޕާސްޕޯޓުގެ ވެރިފަރާތުގެ ރުހުމަކާއި ނުލާ، މިގޮތަށް ޕާސްޕޯޓް ހިފަހައްޓަމުން ގެންދާ ނަމަ، އެފަދަ ފަރާތްތަކަށް މިޑިޕާޓްމަންޓުން ދޭ ބިދޭސީން ރާއްޖެ ގެނައުމަށް ދޫކުރާ ހުއްދަ ދޫނުކުރާ ގޮތަށް ހަމަޖައްސާނަން" އިމިގްރޭޝަންގެ އިއުލާންގައިވެ އެވެ.