06 Dec 2010, 15:14
އާއިލާއެއްގެ ތެރޭގައި ވެސް އަދި ސިޔާސީ ޕާޓީތަކުގެ ތެރޭގައި އުފެދިފައިވާ އެކިއެކި މައްސަލަތައް ހައްލުކޮށް، އެއް މިސްރާބަކަށް ދަތުރުކުރުމުގެ މަގު ފަހިވެފައި އޮތުމަކީ، ރާއްޖެ މިއަދު ދެކެމުންމިދާ ހަގީގީ ކުރިއެރުމަށް ވާސިލުވުމަށް އެޅޭނެ ވަރަށް މުހިންމު ބިންގަލެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ ހިޖުރީ އާ އަހަރު ފެށުމުގެ މުނާސަބަތުގައި ރާއްޖޭގެ ރައްޔިތުންނަށް، ފޮނުއްވެވި ތަހުނިޔާގެ ހިތާބުގަ އެވެ. ރައީސް ފޮނުއްވާފައިވާ ތަހުނިއްޔާގެ ހިތާބުގައި ވަނީ ހިޖުރީ އާ އަހަރަކާ ކުރިމަތިލާއިރު، މިއަދު އަޅުގަނޑުމެންގެ ތެރޭގައި އޮންނަންވާ އެއްބައިވަންތަކަމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް މިއީ ލިބޭ ވަރަށް މުހިންމު ފުރުސަތެއް ކަމަށް ވިދާޅުވެފަ އެވެ.
އެމަނިކުފާނުގެ ދުއާއަކީ މި ފެށުނު ހިޖުރީ އާ އަހަރަކީ ހުރިހާ ގޮތަކުން ވެސް އަޅުގަނޑުމެންނަށް ބާއްޖަވެރި އަހަރެއް ކަމުގައި ލެއްވުން ކަމަށް ވެސް ވިދާޅުވެފަ އެވެ.
ހިޖުރީ އައު އަހަރުގެ މުނާސަބަތުގައި ރާއްޖެއާ ރަޙްމަތްތެރި ޤައުމުތަކާއި ބައިނަލްއަޤްވާމީ ޖަމާއަތްތަކުގެ ވެރިންނަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ތަހުނިޔާ ފޮނުއްވައިފަ އެވެ. އަދި ރާއްޖެއާ ރަހްމަތްތެރި ޤައުމުތަކުގެ އިސްވެރިންނާއި ބައިނަލްއަޤްވާމީ ޖަމާއަތްތަކުގެ އިސްވެރިން ވެސް މި ފެށުނު އައު އަހަރުގެ މުނާސަބަތުގައި ރައީސްގެ އަރިހަށް ތަހުނިޔާ ފޮނުއްވަމުން ގެންދަވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.