ދުނިޔޭގެ ބާޒާރުގައި ކަނޑުމަހުގެ އަގު ދަށްވުމުގެ ސަބަބުން ރާއްޖޭގައި މަސް ގަންނަ އަގު އިއްޔެ ދަށްކޮށްފައި ވާތީ، މަސްވެރިންނަށް އޭގެ ނޭދެވޭ އަސަރު ކުޑަކުރުމަށް ސަރުކާރުގެ މަސް ކުންފުނި ކޫއްޑޫ ފިޝަރީޒް މޯލްޑިވްސްއިން މަސްވެރިނަށް ވިއްކާ ތެލާއި އައިސްގެ އަގު ހެޔޮކޮށްފި އެވެ.

ކޫއްޑޫ ފިޝަރީޒް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މުއްތޮލިބު މިއަދު "ސަން"އަށް ވިދާޅުވީ އެ ކުންފުނިން ތެލާއި އައިސްގެ އަގަށް ބަދަލު ގެންނަން ނިންމީ، ދުނިޔޭގެ ބާޒާރުގައި ކަނޑުމަހުގެ އަގު ދަށްވި ނަމަވެސް އޭގެއިން ރާއްޖޭގެ މަސްވެރިންނަށް ކޮށްފާނޭ ނޭދެވޭ އަސަރު ކުޑަކުރުމަށް ކަމަށެވެ.

"އަޅުގަނޑުމެން މި ބަލަނީ ދުނިޔޭގެ ބާޒާރުގައި ކަނޑު މަހުގެ އަގު ވަރަށް ބޮޑަށް ދަށްވުމާ ގުޅިގެން ރާއްޖޭގައި މަސްގަންނަ އަގު ދަށްކުރަން މަޖުބޫރު ވުމުން އޭގެ ނޭދެވޭ އަސަރު މަސްވެރިންނަށް ނުފޯރާނޭ ގޮތެއް ހޯދަން. އެގޮތުން ފުރަތަމަ ކަމަކަށް އައިސް އަދި ޑީސަލްގެ އަގު ހެޔޮކުރީ،" މުއްތޮލިބު ވިދާޅުވި އެވެ.

ކޫއްޑޫ ފިޝަރީޒް މޯލްޑިވްސްއިން ވަނީ އެ ކުންފުނިން ވިއްކާ ޑީސަލް ލިޓަރަކުން 25 ލާރި އަދި އައިސް ކިލޯއަކުން 20 ލާރި އަގު ހެޔޮކޮށްފަ އެވެ. އެގޮތުން ކުރިން 17.25ރ. އަށް ޑީސަލް ލިޓަރެއް ވިއްކި ނަމަވެސް މިއަދުން ފެށިންގެ އެ ކުންފުނިން 17ރ. އަށް ޑީސަލް ލީޓަރެއް ލިބޭނެ އެވެ. އަދި ކުރިން 1050ރ. އަށް ވިއްކި އައިސް ޓަނެއް މިހާރު 850ރ. އަށް ލިބޭނެ އެވެ.

ރާއްޖެއިން އެންމެ ގިނައިން މަހުގެ ބާވަތްތައް ބޭރުކުރަމުން ގެންދިޔަ ގައުމުތަކުން ކުރިން މަސް ޓަނަކަށް 2500 ޑޮލަރު ދީފައިވާއިރު މިހާރު މަސްޓަނެއް ގަންނަ އަގަކީ 1850 ޑޮލަރެވެ. ރާއްޖޭގެ މަސް ގަންނަ ބޮޑެތި ކުންފުނިތަކުން ވަނީ، ކުރިން 22.50ރ. އަށް ކިލޯއެއް ގަންނަމުންދިޔަ ފިނި ކުރި މަސް 18ރ. އަށް ދަށްކޮށްފަ އެވެ. އަދި ފިނި ނުކުރާ މަސް ކިލޯއަކަށް ކުރިން 20.50ރ. ދިންއިރު މިހާރު ކިލޯއެއް ގަންނަނީ 16ރ. އަށެވެ.

މުއްތޮލިބު ވިދާޅުވީ، މަސްވެރިންނަށް އިތުރު ލުއިގޮތްތައް ހޯދައިދިނުމަށް އެކުންފުނިން މަސްވެރިންނަށް ފޯރުކޮށްދޭ ބައެއް ހިދުމަތްތަކުގެ އަގު ދައްކުރުމަށް ވެސް ވިސްނަމުން ގެންދަވާ ކަމަށެވެ.

"އަޅުގަނޑުމެން މިހާރު ވެސް މިދަނީ މަސްވެރިނަށް ލުއިފަސޭހަގޮތްތައް ހޯދައިދިނުމަށް ކޮށްދެވޭނެ ކަންތައްތައް ބަލަމުން. އެގޮތުން އަޅުގަނޑުމެން މަސްވެރިންނަށް ފޯރުކޮށްދޭ ބައެއް ހިދުމަތްތައް ކަމަށްވާ ދޯނިފަހަރުގެ އިންޖީނު މަރާމާތުކުރުން ފަދަ ހިދުމަތްތަކަށް ނަގާ ފީ ކުޑަކުރުމަށް ވެސް ނިންމާފައި މިވަނީ،" މުއްތޮލިބު ވިދާޅުވި އެވެ.

މިހާރު މަހުގެ އަގު ދަށްކޮށް ހުރި ނަމަވެސް ކުރިއަށް އޮތް ދެ މަހެއްހައި ދުވަހުގެ ތެރޭގައި މަހުގެ އަގަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އަދި މަސް ބޭރުކުރުމަށް އިތުރު މާކެޓްތައް ހޯދަމުގެ މަސައްކަތް ވެސް ކުރިއަށް ގެންދާ ކަމަށް ވެސް މުއްތޮލިބް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެންމެ ގިނައިން މަސް ބޭރުކުރާ އެއް މާކެޓަކީ ތައިލެންޑް. ކުރިއަށް އޮތް ދެމަހެއްގެ ތެރޭގައި އެތަނަށް ވެސް މަސް ގަންނަ އަގު ރަނގަޅުވާނޭ ކަމަށް އަޅުގަނޑުމެން މިބަލަނީ. އަދި މިހާރު މަސް ބޭރުކުރާ މާކެޓްތައް ނޫން ތަންތަނުން ވެސް ރަނގަޅު އަގެއް ލިބޭތޯ ބަލަމުން މިގެންދަނީ. ދުނިޔޭގެ ބާޒާރުން ރަނގަޅު އަގެއް ލިބެން ފަށާއިރަށް އަޅުގަނޑުމެން ވެސް ގަން އަގު ރަނގަޅު ކުރާނަން،" މުއްތޮލިބް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ، މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެހެނިހެން ކުންފުނިތަކާ މަޝްވަރާ ކޮށްގެން މަސްވެރިންނަށް ލުއިފަސޭހަ ގޮތްތައް ހޯދުމަށް މަސައްކަތް ކުރެވެމުންދާ ކަމަށާއި އަދި މިހާރުވެސް ކޫއްޑޫ ފިޝަރީޒް މޯލްޑްވްސް އިން ތެލާއި އައިސްގެ އަގުހެޔޮ ކުރުމާ ގުޅިގެން ބޮޑެތި އެހެން ކުންފުނި ތަކުން ވެސް އެ ބަދަލު ގެންނަން ފަށާފައިވާ ކަމަށެވެ.