ވަޒީރުންގެ މަޖިލީހުން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ މެމްބަރެއްގެ ގޮތުގައި ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ކަނޑައަޅުއްވައިފި އެވެ.

ރައީސް އޮފީހުން ބުނީ ލާމަރުކަޒީ ގާނޫނުގެ 62 ވަނަ މާއްދާގެ ދަށުން އެކުލަވާލާ އެލްޖީއޭ ބޯޑުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމަށް ޢައްޔަންކުރައްވާ މެމްބަރަކީ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުޙަންމަދު ނާޡިމް ކަމަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވެސް އަދި ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި ވެސް ރައީސްގެ ފަރާތްޕުޅުން އެލްޖީއޭއަށް އައްޔަން ކުރައްވާފައިވަނީ އޭރަކު ހުންނަނަވާ ހޯމް މިނިސްޓަރެވެ.

އެލްޖީއޭ ބޯޑުގައި ހިމެނެނީ ނުވަ މެމްބަރުންނެވެ. އެއީ ރައީސް އައްޔަން ކުރައްވާ ވަޒީރަކާއި މާލޭ ސީޓީ ކައުންސިލުން އައްޔަން ކުރާ މެމްބަރަކާއި އަތޮޅު ކައުންސިލްތަކުން އިންތިހާބު ކުރާ ހަތަރު މެމްބަރަކާއި މަޖިލީހުން ހޮއްވަވާ މަދަނީ ޖަމިއްޔާއެއްގެ މެމްބަރަކާއި އާންމުންގެ ތެރެއިން މަޖިލީހުން ހޮއްވަވާ މީހަކާއި ސިޓީ ކައުންސިލްތަކުން އިންތިހާބު ކުރާ މެންބަރެކެވެ.