މީގެ ދިހަ ވަރަކަށް އަހަރު ކުރިން ދުނިޔޭގައި މޮބައިލްފޯނު އުފައްދާ އެންމެ މަޝްހޫރު ކުންފުނި ބްލެކްބެރީގެ ވިޔަފާރި އަޑިއަޅާލައި ކުރިމަތިވަމުންދާ ދަތި ދުވަސްތަކުން ސަލާމަތްވުމަށް ބޮޑެތި ބަދަލުތަކެއް ކުންފުންޏަށް ގެންނަމުން އެބަ ދެއެވެ.

ބްލެކްބެރީގެ ވަގުތީ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) ޖޯން ޗެން ވަނީ ކުންފުނީގެ މައިގަނޑު ހިންގުމާ ހަވާލުވެ ހުރި ޗީފް އޮޕަރޭޓިން އޮފިސަރ (ސީއޯއޯ) ކްރިސްޓަން ޓިއަރ އާއި ކުންފުނި އިޝްތިހާރުކޮށް ކުރިއެރުވުމުގެ ވެރިއަކަށް ހުރި ޗީފް މާކެޓިން އޮފިސަރ (ސީއެމްއޯ) ފްރޭންކް ބޯލްބަން ކުންފުނި ދޫކޮށް ދިއުމަށް މަޖުބޫރު ކުރުވާފައެވެ.

އެއާ އެކު މިދިޔަ ހޯމަ ދުވަހު ބްލެކްބެރީން ބުނީ އެ ކުންފުނީގެ މާލީ ކަންކަން ބަލަހައްޓާ ވެރިޔާ، ޗީފް ފައިނޭންޝަލް އޮފިސަރ (ސީއެފްއޯ) ގެ މަގާމުގައި ހުރި ބްރަޔަން ބިޑުލްކާ ގެ ބަދަލުގައި، ކުންފުނީގެ ކުރީގެ ސީނިއަރ ވައިސް ޕްރެޒިޑެންޓް އަދި ކޮންޓްރޯލަރ ޖޭމްސް ޔަރޝް ސީއެފްއޯގެ މަގާމަށް ހަމަޖައްސާފައިވާ ކަމަށެވެ.

ވަގުތީ ސިއީއޯ ޖޯން ޗެން ބްލެކްބެރީއާ ހަވާލުވީ ތޯސްޓަން ހެއިންސް ވަކިކުރުމަށް ފަހުއެވެ. ޗެން ކުންފުންޏާ ހަވާލުވީ ކުންފުނި އަޑިއަޅާލައި، ހަރަދު ކުޑަކުރުމުގެ ގޮތުން ކެނެޑާގެ އޮންޓާރިޔޯގައި ހުންނަ ބްލެކްބެރީގެ މޮބައިލްފޯނު ހަދާ ކާރުހާނާއެއް ވިއްކާލުމުގެ ވާހަކަތައް ކުރިއަށްގެންދިއުމަށެވެ. ނަމަވެސް މިމަހުގެ ތެރޭގައި ވާހަކަތައް ފެއިލްވެ، ބެލެކްބެރީއަށް ވަނީ އެ ކާރުހާނާ ވިއްކާލެވޭ ގޮތް ނުވެފައެވެ.

ދުނިޔޭގައި ޒަމާނީ މޮބައިލްފޯނު ހަދާ އެންމެ ބޮޑު ކުންފުނީގެ ގޮތުގައި ބެލެކްބެރީ މަޝްހޫރުވެގެންދިޔައީ 1999 ވަނަ އަހަރުގަ އެވެ. މޮބައިލްފޯނު މެދުވެރިކޮށް އިންޓަނެޓަށް ވަދެ އީމެއިލް ބަލައިލެވޭ ގޮތަށް ފޯނު އުފައްދާ ފުރަތަމަ ކުންފުނީގެ ގޮތުގައި ބްލެކްބެރި ވެގެން ދިޔައެވެ. އަދި ބްލެކްބެރީގެ ފޯނުތައް ވެގެންދިޔައީ އެޒަމާނުގެ ވިޔަފާރިވެރިންގެ އެންމެ މަގުބޫލު ފޯނުތަކަށެވެ.

ނަމަވެސް ބްލެކްބެރީ އަޑިއަޅައިލައިގެން ދިޔައީ ހީނުކުރާހާ ވެސް އަވަހަށެވެ. 2007 ވަނަ އަހަރު އެމެރިކާގެ އެޕަލް ކުންފުނިން އައިފޯނު ތައާރަފް ކުރުމާ ގުޅިގެން އީމެއިލް ބެލުމަށް ވުރެ މާ ގިނަ ކަންކަން ޒަމާނީ ފޯނުތަކުން ކުރެވޭކަން އާއްމުވެގެން ދިޔައެވެ. އަދި އޭގެ ދުވަސްކޮޅެއް ފަހުން ނުކުންނަން ފެށި އެންޑްރޮއިޑްފޯނުތައް މޮބައިލްފޯނުގެ ބާޒާރުގެ ބޮޑު ބައެއް ހިއްސާކުރަން ފެށިއެވެ.

އަބަދުމެ ބަދަލުވަމުން އަންނަ މޮބައިލް ފޯނު މާކެޓާ އެއް ހަމައެއްގައި ހިފަހައްޓައިނުލެވުމުގެ ނަތީޖާއަކަށްވީ ބެލެކްބެރީގެ ނަމަކީ ދުވަސްވީ، މުސްކުޅި ފޯނެއް ގޮތުގައި ސިފަވާން ފެށުމެވެ. އަދި ބްލެކްބެރީން އެންމެ ފަހުން ނެރުނު ބްލެކްބެރީ 10 ސިސްޓަމް ސްމާޓްފޯނަށް އާއްމުންގެ ގިނަ ބަޔަކު ފޮނި އުއްމީދު ތަކެއް ކުރި ނަމަވެސް ވީ ފްލޮޕަކަށެވެ.

ބްލެކްބެރީން ބުނިގޮތުގައި ނުވިކިހުރި ފޯނުތަކުގެ ސަބަބުން ސެޕްޓެމަބަރު މަހު އެކަނިވެސް އެ ކުންފުންޏަށް އެއް ބިލިއަން ޑޮލަރުގެ ގެއްލުން ވިއެވެ. އަދި އެހެނިހެން ގޮތްގޮތުން ކޮންމެ ތިން ކުއާޓަރެއްގައި އިތުރު އެއް ބިލިއަން ޑޮލަރުގެ ގެއްލުން ވަމުންދާ ކަމަށް ބުނެޏެވެ. ދާދި ފަހަން އެ ކުންފުނިން ވަނީ 4500 މުއައްޒަފުން ވަޒީފާއިން ވަކިކޮށްފައެވެ. އެއީ މުޅި ކުންފުނީގެ ޖުމްލަ މުއައްޒަފުންގެ 40 އިންސައްތައެވެ.

ވަގުތީ ސީއީއޯ ޗެން ބުނީ ކުންފުންޏަށް އިތުރު ބަދަލުތައް ގެންނާނެ ކަމަށެވެ. ނަމަވެސް ވިޔަފާރިތަކަށް ލަފާދޭ އެމެރިކާގެ ކުންފުނި ބޮސްޓަން ކޮންސަލްޓިން ގްރޫޕް (ބީސީޖީ) ގައި ދިރާސާ ކުރާ މާހިރެއް ކަމަށްވާ ކޮލިން ގިލްސް ވަނީ ވަގުތީ ސީއީއޯ ޖޯން ޗެން، އެނާގެ ސީއޯއޯ އާއި ސީއެފްއޯ މަގާމުން ދުރުކުރުވުމުން ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. ސީއީއޯއެއްގެ މައިގަނޑު މަސްއޫލިއްޔަތަކީ ކުންފުނީގެ ހިންގުން ރަނގަޅުކުރުމަށް ޓަކައި މޮޅު ވެރިންގެ ޓީމެއް އެކުލަވާލައި އެ ޓީމު ގޮވައިގެން ކުރިއަށް ދިއުންކަމަށް އެނާ ބުންޏެވެ. އަދި މިގޮތަށް ކަންކަން ނުކޮށް، ވެރިންތައް މަގާމުން ދުރުކުރާނަމަ ޖޯން ޗެން އޭނާގެ “ވަގުތީ” ސީއީއޯކަން ދޫކޮށްލައި ފުރިހަމަ ސީއީއޯ މަގާމާ ހަވާލުވާންވީ ކަމަށް ގިލްސް ބުންޏެވެ.

“މި ކަހަލަ ނިންމުން ތަކަކީ ސީއީއޯ އަކަށް އަންނާނެ މީހަކަށް ދުކޮށްލަން ޖެހޭ ނިންމުންތަކެއް. އަހަންނަށް އުނދަގޫ ވަނީ އޭނާ ކަންތައްކުރާ ގޮތުން. ހީވަނީ މަގާމަށް މީހަކު ހޯދަން އުޅޭ އުޅުން އެއީ ދެއްކުމެއްހެން. އެނާއަށް މިހާރުވެސް [އަހަރަކު] 80 މިލިއަން ޑޮލަރުގެ މުސާރަ ޕެކޭޖެއް ލިބޭ. އެތާ ތިބި ހުރިހާ ވެރިން ބޭރުކުރުން، އެއީ ވަގުތީ ސީއީއޯއަކަށް ނިންމޭނެ ނިންމުން ތަކެއް ނޫން،” ކޮލިން ގިލްސް، ބްލެކްބެރީގެ ވަގުތީ ސީއީއޯ ޖޯން ޗެން ކަންތައް ކުރަމުން ގެންދާ ގޮތާ މެދު ނުރުހުން ފާޅުކޮށް ބުންޏެވެ.

ގިލްސް ބުނީ ޑިސެމްބަރު 20 ވަނަ ދުވަހު ބްލެކް ބެރީގެ ތިންވަނަ ކުއާޓާގެ އާމްދަނީ އިއުލާނުކުރުމާ އެކު ޖޯން ޗެން ކުންފުނީގެ ރަސްމީ ސީއީއޯގެ ގޮތުގައި ހަމަޖެހިގެން ދާނެ ކަމަށް ލަފާކުރާކަމަށެވެ.

ޖޯން ޗެންގެ ތަޖުރިބާ ހުރީ ސޮފްޓްވެއާ އުފައްދާ ވިއްކުމުގެ ދާއިރާގައެވެ. އެހެންކަމުން ކުރިއަށް އޮތްތާންގައި ބްލެކްބެރީ ބޮޑަށް ސަމާލުކަން ދޭނީ މޮބައިލްފޯނު ހެދުމުގެ ބަދަލުގައި ފޯނުގެ ސޮފްޓްވެއަރ ހަދައި ވިއްކުމަށް ކަމަށް ވަނީ ބަލެވިފައެވެ.

މި މަހުގެ ކުރީކޮޅު އެސޯސިއޭޓަޑް ޕްރެސްއަށް ޗެން ދެއްވި އިންޓަވިއުއެއްގައި ބުނީ ބްލެކްބެރީގެ ރަސްމީ ސީއީއޯއެއްގެ މަގާމު ދޭނީ ސޮފްޓްވެއަރ ހަދައި ވިއްކުމާއި ހިދުމަތްފޯރުކޮށްދިނުމުގެ ތަޖުރިބާ ހުރި މީހަކަށް ކަމަށެވެ.

އަދި އޭނާ ބުނީ ކުރިޔަށް އޮތްތާންގައި ބްލެކްބެރީގެ މަޝްހޫރު ސޮފްޓްވެއަރ، ބްލެކްބެރީ މެސެންޖަރ އިން ލާރި ހޯދޭނެ ގޮތްތައް ހޯދައި، އެ ސޮފްޓަވެއަރ “މަނިޓައިޒް” ކުރާންކަމަށެވެ.

ކޮލިން ގިލްސް ބުނީސޮފްޓްވެއަރ ކުންފުންޏަކަށް ބްލެކްބެރީ ބަދަލުކޮށްލަން ބޭނުންވާ ކަހަލަ ހިޔާލުތަކެއް ޗެން ގެންގުޅޭ ކަމަށެވެ. އަދި އެހެންކަމުން، ކުރިޔަށް އޮތް ތާންގައި ބްލެކްބެރީން މޮބައިލްފޯނު ހެދުން ހުއްޓާލައި، ހަމައެކަނި ސޮފްޓްވެއަރ ހަދާ ކުންފުންޏަކަށް ބަދަލުވުން އެކަށީގެންވާ ކަމަށް ގިލްސް ބުނެޏެވެ.