ޕަވާ ހޯސް ގައުމީ އަންހެން ވޮލީބޯލް މުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ ފާއިތުވި ހަ އަހަރުގެ ޗެމްޕިއަން ޕޮލިސް ކުލަބުން ހޯދައިފި އެވެ.

ޕޮލިސް ކުލަބުން މި މުބާރާތުގެ ފައިނަލުން ޖާގަ ހޯދާފައިވަނީ އެޓީމް ރޭ ކުޅުނު މެޗުގައި ނައިފަރު ޖުވެނައިލް އާއި ވާދަކޮށް ސީދާ ތިން ސެޓުން މެޗު ކާމިޔާބުކޮށް މުބާރާތުގެ އެއް ވަނަ ޓީމުގެ ގޮތުގަ އެވެ.

ރޭގެ މެޗުގެ ސެޓްތައް ޕޮލިސް ކުލަބުން ކާމިޔާބުކޮށްފައިވަނީ 25-15، 25-11 އަދި 25-9 އިންނެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައިވަނީ ޕޮލިސް ކްލަބުގެ ހައްވާ ރާޝިދާ އެވެ.

މިމުބާރާތުގެ ފައިނަލުގެ އަނެއް ޖާގަ ލިބިގެންދާނީ މާދަމާ ހަވީރު 4:30 ގައި، މުބާރާތުގެ 2 ވަނަ ޓީމް ވެލޯޒިޔާ އާއި ތިން ވަނަ ޓީމް ސިފައިންގެ ކުލަބުގެ މެދުގައި ކުޅޭ ސެމީ ފައިނަލް މެޗުން މޮޅުވާ ޓީމަކަށެވެ.

މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވާ ހުކުރު ދުވަހުގެ ރޭ 9:00 ގައި ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައެވެ.