މިހާރު ކުރިއަށްދާ ޕަވާ ހޯސް ގައުމީ ވޮލީބޯލް ލީގުގެ ޗެމްޕިއަން ޓީމު ކަށަވަރުކުރުމަށް ކުޅޭ ފަހު މެޗުގައި ލީގުގެ އެއްވަނައިގައި އޮތް ކްލަބް ޕީކޭ އާއި ލީގުގެ ދެވަނަ މަގާމްގައި އޮތް ޕޮލިސް ކުލަބު މިރޭ ވާދަކުރާނެ އެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި މިރޭ 9:00ގައި ފެށުމަށް ހަމަޖެހިފައިވާ މިމެޗުގައި ދެ ޓީމަށްވެސް ލީގު ހޯދުމުގެ ފުރުސަތުވަނީ ހުޅުވިފަ އެވެ.

ދެ ޕޮއިންޓްގެ ލީޑަކާއެކު ކްލަބު ޕީކޭ މި މެޗަށް ނުކުންނައިރު ހުރިހާ އެޓްވާންޑޭޖެއް އެޓީމަށް އޮތްނަމަވެސް ކްލަބު ޕީކޭ އަތުން ސީދާ ތިން ސެޓުން ނުވަތަ 3-1 ސެޓުން މޮޅުވެއްޖެނަމަ ލީގު ޗެމްޕިއަންކަން ލިބިގެންދާނީ ޕޮލިސް ކުލަބަށެވެ.

މިރޭގެ މެޗު 5 ސެޓަށް ގޮސް 3-2 ސެޓުން ޕޮލިސް ކުލަބު މޮޅުވި ނަމަވެސް ލީގު ޗެމްޕިއަންކަން ލިބިގެންދާނީ ކްލަބު ޕީކޭއަށެވެ.

މިރޭގެ މުހިންމު މެޗަށް ނުކުންނަ އިރު ޕޮލިސް ކުލަބަށް ލިބޭނެ ހިތްވަރަކީ ލީގުގެ ދެވަނަ ބުރުގައި މި ދެޓީމު ވާދަކުރި މެޗުން ޕޮލިސް ކުލަބު މޮޅުވެފައިވުމެވެ. ލީގުގެ ދެވަނަ ބުރުގައި ކްލަބް ޕީކޭ އަތުން ޕޮލިސް ކުލަބު މޮޅުވެފައިވަނީ 3-1 ސެޓުންނެވެ.