އަންނަ ޖެނުއަރީ މަހު ރާއްޖޭގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި އަލަށް ވާދަކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ހަމަޖައްސައިފި އެވެ.

ލޯކަލް ގަވާންމަންޓް އޮތޯރިޓީން ބުނީ މި ޕްރޮގްރާމަކީ "ބޭސިކް ޓްރޭނިންގް އޮން ޑީސެންޓްރައިލައިޒޭޝަން އެންޑް ލޯކަލް ގަވާނަންސް"ގެ ނަމުގައި ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ތަމްރީން ޕްރޮގްރާމެއް ކަމަށެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖައްސައިފައިވަނީ ޑިސެމްބަރު މަހުގެ ދެ ވަނަ ދުވަހުން ފެށިގެން ފަހެއްގެ ނިޔަލަށް ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ޓްރޭނިންގް ހޯލުގަ އެވެ. މި ތަމްރީންގައި ބައިވެރިވުމުގެ ފުރުސަތު މާދަމާގެ ނިޔަލަށް ވަނީ ހުޅުވައިލައިފަ އެވެ.

އެލްޖީއޭއިން ބުނީ މި ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމަށް އެއްވެސް ފީއެއް ދައްކަން ނުޖެހޭ ކަމަށާއި މި ތަމްރީން ފުރިހަމަ ކުރުމުން ގަވާނަންސް އާއި ލާމަރުކަޒީ ނިޒާމުގެ އިތުރަށް ދިވެހި ރާއްޖޭގެ ލާމަރުކަޒީ ނިޒާމާއި ލީޑާޝިޕް އަދި ޓީމްވާކް އާ ގުޅޭ އެކި މައުލޫމާތު ކޯހުގެ ބައިވެރިންނަށް ލިބިގެންދާނެ ކަމަށެވެ.

ޖެނުއަރީ 17 ގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ޖުމްލަ 1118 މީހުން އިންތިހާބު ކުރަން ޖެހޭއިރު އެ އިންތިހާބުގައި 4000 އަށްވުރެ މީހުން ކުރިމަތިލާނެ ކަމަށް ވަނީ ބެލެވިފަ އެވެ.