ތައިލެންޑުގެ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރާ ފަރާތްތައް އެ ގައުމުގެ މާލީ ވުޒާރާ އާއި ޚާރިޖީ ވުޒާރާ ހުންނަ އޮފީސް އިމާރާތްތަކަށް ވަދެ އެ ތަންތަނުގެ ބައެއް ސަރަހައްދުތައް އެމީހުންގެ ބާރުގެ ދަށަށް ގެނައުމާ ގުޅިގެން، އެ ގައުމުގައި ސަލާމަތީ ކަންކަމާ ބެހޭ އިމަޖެންސީ ގާނޫނު ހިންގާން ފަށައިފިއެވެ.

ތައިލެންޑުގައި މުޒާހަރާ ކުރާ މީހުންގެ އަމާޒަކީ ބޮޑުވަޒީރު ޔިންގލަކް ޝިނަވަޓްރާގެ ސަރުކާރު ވައްޓައިލުމެވެ. މުޒާހަރާ ކުރާ މީހުން ސަރުކާރުގެ ދެ ވުޒާރާއެއްގެ ތެރެއަށް ވަދެގަތީ ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. އެމީހުން ވަނީ އެ ދެ ވުޒާރާގެ އިމާރާތްތަކުގެ ބޮޑު ބަޔަކުން ކަރަންޓު ކަނޑައިލައިފައެވެ.

ބޮޑުވަޒީރު ޝިނަވަޓްރާ މިއަދު އިއުލާން ކުރެއްވި ގޮތުގައި، ވެރިރަށް ބެންގކޮކާއި ޝަހަރުގެ ވަށައިގެން އޮންނަ ސަރަހައްދުތަކުގައި މިއަދުން ފެށިގެން "އެތެރޭގެ ސަލާމަތީ ކަންކަމާ ބެހޭ ގާނޫނު" ހިންގޭނެއެވެ.

މި ދިޔަ އޯގަސްޓު މަހުން ފެށިގެން، ބެންގކޮކުގެ ޚާއްސަ ތިން ސަރަހައްދެއްގައި "އެތެރޭގެ ސަލާމަތީ ކަންކަމާ ބެހޭ ގާނޫނު" ދަނީ ހިންގަމުންނެވެ. މި ގާނޫނު ހިންގާ ދާއިރާ މުޅި ވެރިރަށާއި ވެރިރަށުގެ ވަށައިގެން އޮންނަ ސަރަހައްދަށް ފުޅާ ކުރާން ސަރުކާރުން ނިންމީ ސަރުކާރާ ދެކޮޅު ހަރަކާތްތައް މާބޮޑަށް ވަރުގަދަ ވަމުން ދާތީއެވެ.

އާދީއްތަ ދުވަހު އެކަނިވެސް، ބެންގކޮކްގެ މަގުތަކަށް 150000 މީހުންނަށް ވުރެ ގިނައިން މީހުން ނުކުމެ، ސަރުކާރާ ދެކޮޅަށް އަޑު އުފުލައިފައި ވެއެވެ.

ތައިލެންޑުގެ "އެތެރޭގެ ސަލާމަތީ ކަންކަމާ ބެހޭ ގާނޫނު" އަކީ އާދައިގެ ހާލަތުތަކުގައި އާއްމުންނަށް ލިބިދޭ ހައްގުތައް ހަނި ކޮށް، ސަލާމަތީ ޚިދުމަތްތަކަށް ލިބިދޭ އިޚުތިޔާރުތަކާއި ބާރުތައް އިތުރު ކޮށްދޭ ގާނޫނެކެވެ. މި ގާނޫނު ހިންގެނީ ގައުމުގެ ސަލާމަތާއި އަމަންއަމާންކަމަށް ނުރައްކާ ވާ ހާލަތުތަކުގައި އެކަނި ހިންގޭ ގާނޫނެކެވެ. މި ގާނޫނު ހިންގާން ފެށުމުން، އެއްވެސް ހުދޫދެއް ނެތި މަގުތައް ބަންދު ކުރުމާއި، ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ފެންނަ ކޮންމެ ކަމަކާ މެދު ވަގުތުން ފިޔަވަޅު އެޅުމާއި، ކާފިއު އިއުލާން ކުރުމާއި، ކަނޑައެޅިފައި ވާ ސަރަހައްދުތަކެއްގައި އިލެކްޓްރޯނިކް އާލާތްތައް ބޭނުން ކުރުން މަނާ ކުރުން ފަދަ އެތައް ކަމެއް ކުރުމަށް ފުލުހުންނަށް ބާރު ލިބިދެއެވެ. ނަމަވެސް ސުލްހަވެރި ގޮތުގައި މުޒާހަރާ ކުރުން މި ގާނޫނު ހިންގުމަކުން މަނައެއް ނުވެއެވެ.