06 Dec 2010, 14:45
އިނގިރޭސިވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު، މިއަދު ހަވީރު މާލެ ވަޑައިގެންފި އެވެ.
ރައީސްގެ މިދަތުރުފުޅަކީ އެކިއެކި މައުލޫއުތަކަށް ބަހުޝް ކުރުމަށް ދުނިޔޭގައި ކުރުމަށް އުފައްދާފައިވާ ޖަމްއިއްޔާތަކުގެ ތެރެއިން އެންމެ ދުވަސްވީ އަދި އެންމެ ޝަރަފްވެރި އެއް ޖަމްއިއްޔާ ކަމުގައިވާ އޮކްސްފަޑް ޔޫނިއަންގައި ތަޤްރީރު ކުރެއްވުމަށް ލިބިވަޑައިގެންނެވި ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.
އޮކްސްފަޑް ޔޫނިއަންގައި ރައީސް ކުރެއްވި ތަޤްރީރުގައި މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކަކީ ޙަޤީޤަތެއް ނޫން ކަމަށް ބުނެ، އެޚިޔާލު ފެތުރުމަށް ކެމްޕެއިން ކުރަމުންދާ ފަރާތްތަކަށް މާލީ އެހީދޭ ތެޔޮ ކުންފުނިތަކަށް ރައީސް ނަޝީދު ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. އަދި އެފަދަ ކެމްޕެއިންތަކުގެ ފަހަތުގައި ބަލިކަށިކަމެއްވާކަން އެ މަނިކުފާނަށް އިހްސާސް ކުރެއްވޭ ކަމަށާއި އެފަދަ ނުބައި މައުލޫމާތު ފަތުރާ ކެމްޕެއިންތަކަކީ "މަރުވަމުން އަންނަ" ތެލުގެ ވިޔަފާރީގެ "ވޭނީ ހަޅޭކެއް" ކަމަށް ސިފަކުރެއްވި އެވެ.
މީގެ އިތުރުން، ދެލިނަގާ ކުންފުނިތަކުން ދެލިނެގުން ކުރިއަށް ގެންދާނެ ކަމަށާއި ތެޔޮނަގާ ކުންފުނިތަކުން ތެޔޮ ނަގަމުންދާނެ ކަމުގައި ވިދާޅުވަމުން، އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމަށް ބާރުއަޅާ ފަރާތްތަކަށް މިފަދަ ކުންފުނިތަކުން ތަފާތު ހަމަލާތައް ދިނުމަކީ ހައިރާންވާންވީ ކަމެއް ނޫން ކަމުގައި ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް އޮކްސްފަޑް ޔޫނިއަންގައި ތަޤްރީރު ކުރެއްވުމުގެ އިތުރުން، މިދަތުރުފުޅުގައި އިނގިރޭސިވިލާތުގެ ވަލީޢަހުދު ޕްރިންސް ޗާލްސް އާއި އިނގިރޭސި ޚާރިޖީ ވަޒީރު ވިލިއަމް ހޭގާއި ހަކަތައާއި މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ވަޒީރު ކްރިސް ހޫން އާވެސް ބައްދަލުކުރެއްވި އެވެ.
މީގެއިތުރުން، ބީބީސީގެ މަޝްހޫރު "ހާޑްޓޯކް" ޕްރޮގްރާމުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވި އެވެ. އަދި، ޚަބަރު ފަތުރާ ބައެއް މުހިންމު ވަސީލަތްތަކަށް އިންޓަވިއު ދެއްވި އެވެ.