26 Nov 2013, 13:49
ޑީއާރްޕީ މިވަގުތު އޮތީ އައިސީޔޫގައި ކަމަށާއި އެ ޕާޓީގެ ދަރަނި 10 މިލިއަން ރުފިޔާއަށް އަރާ ކަމަށް ލަފާކުރެވޭ ކަމަށް އެ ޕާޓީގެ ވަގުތީ ލީޑަރު ކަމަށް އައްޔަންކޮށްފައިވާ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) ވިދާޅުވެއްޖެ އެވެ.
ޑީއާރްޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ޑީއާރޕީގެ ޕަލަމެންޓުރީ ގުރޫޕުގެ އެތައް މެމްބަރަކާއި ލީޑާޝިފްގެ އިސްފަރާތްތަކެއް އެ ޕާޓީ ދޫކޮށްފައި ގޮސްފައިވާއިރު ކުރިއަށް އޮތްތަނުގައި ވެސް އެ ޕާޓީން މެމްބަރުން ކެނޑޭނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި މިވަގުތު ޑީއާރްޕީ އޮތީ އައިސީޔޫގައި ކަމަށް އޭނާ ވިދާޅުވި އެވެ.
"ޕާޓީ އޮތީ އައިސީޔޫގަ، ޕާޓީއޮތީ އައިސީޔޫގައި، އެހެންނަމަވެސް ޕާޓީގެ ކަންތައް ބަލާ ޑޮކްޓަރެއްގެ ހައިސިއްޔަތުން އަޅުގަނޑު ބުނާނީ އަޅުގަނޑު އުންމީދު ކަނޑައެއް ނުލަމޭ އަޅުގަނޑަށް ޔަގީނޭ ޕާޓީ ގަދަވާނޭ" ނަޝީދު ވިދާޅުވި އެވެ.
ޑީއާރްޕީ ޕާލަމެންޓުރީ ގުރޫޕުގެ ގިނަ މެމްބަރުންތަކެއް ކެނޑެމުން ދިއުމުގެ ސަބަބުން މިވަގުތު އެޕާޓީގައި ތިބީ ތިން މެމްބަރުންނެވެ. އެއީ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އާއި ކެލާ ދާއިރާގެ މެމްބަރު ޑރ. އަބުދުއްﷲ މައުސޫމް އާއި ވިލިނގިލީ ދާއިރާގެ މެމްބަރު މުހައްމަދު ރާމިޒެވެ. ފުރަތަމަ މަޖިލިސް އިންތިހާބު ކުރެވުނު އިރު އެންމެ ގިނަ ގޮނޑި ކާމިޔާބުކުރި ޕާޓީއަކީ ޑީއާރްޕީއެވެ.
ނަޝީދު ވިދާޅުވީ އެ ޕާޓީއިން ބުރަވާ ކޮޅަކީ މަޖިލީހުގައި ކަންކަން ނިންމުމަށް ވަރަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމަށެވެ.
"ކުރިއަށްވުރެ ވެސް އަޅުގަނޑުމެންނަކީ ޖަވާބު ދާރީ ކުރުމާއި ޒިންމާދާރު ކުރުމުގައި ބޮޑު ޕާޓީއަކަށް ވެއްޖެ ކަމަށް އަޅުގަނޑުމެން ގަބޫލް ކުރަނީ، އެހެން މި ދަންނަވަނީ ވަޒީރުންނަށް ރުހުންދިނުން ކަމުގައިވިޔަސް ބަޖެޓް ފާސްކުރުން ކަމުގައިވިޔަސް" ނަޝީދު ވިދާޅުވި އެވެ.
"ސަން"އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ނަޝީދު ވިދާޅުވީ ޑީއާރްޕީ ދޫކޮށް ލީޑާ ޝިޕްގެ އިސްފަރާތްތައް ދިޔައީ ސިޔާސީ މަގުސަދުތަކަށް ކަމަށާއި ޑީއާރްޕީއައިގެން ކުރިއަށްދެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
ޕާޓީގެން ދިޔަ ބޭފުޅުންގެ ތެރެއިން ބައެއް ބެފުޅުންގެ އަތުގައި އެޕާޓީގެ ޑާޓާ ބޭސް ތަކާއި "އަތް ނުލެވެ މުދާ"ތައް ގެންގޮސްފައިވާއިރު ހަރު މުދާތައް ބައެއް އެހެން ޕާޓީތަކަށް ބަދަލުކޮށްފައިވާއިރު އެތަކެތި ހޯދުމަށް ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަލުތައް އަޅާނެ ކަމަށެވެ. އަދި އެ ޕާޓީ އޮޑިޓް ކުރުމުގެ މަސައްކަތް ކުރިއަށްއޮތް 23 ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށާއި މިހާރު ލަފާކުރެވޭ ގޮތުގައި އެޕާޓީގެ ދަރަނި 10 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.
ނަޝީދު ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލްއާއި މަޖިލީހުގެ އިންތިހާބިގެ ހުރިހާ ގޮނޑިއަކަށް އެ ޕާޓީއިން ކުރިމަތިނުލާނެ ކަމަށެވެ. އަދި މާލޭގެ ދާއިރާތަކަށް ކުރިމަތިލައި މާލޭގެ މޭޔަރުކަން ހޯދޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ވިދާޅުވި އެވެ.