"ކްރިކެޓް ފޯ ދަ އިޔާ 2000 އެންޑް ބިއޯންޑް ޕްރޮގްރާމް"ގެ ދަށުން ރާއްޖޭގެ ކްރިކެޓް ބޯޑުގެ 14 އަހަރުން ދަށުގެ ކްރިކެޓް ޑިވެލޮޕްމަންޓް ޓީމް ސްރީލަންކާގައި އިއްޔެ ކުޅުނު ދެމެޗުގެ ތެރެއިން ފުރަތަމަ މެޗުން ބަލިވި ނަމަވެސް އެޓީމް ކުޅުނު ދެވަނަ މެޗު ކާމިޔާބުކޮށްފި އެވެ.

މި މަހުގެ 24 އިން 30އަށް ރާއްޖޭގެ 14 އަހަރުން ދަށުގެ ކްރިކެޓް ޓީމް ސްރީލަންކާގައި ކުޅެން ހަމަޖެހިފައިވާ އެކުވެރިކަމުގެ މެޗުތަކުގެ ތެރެއިން ފުރަތަމަ މެޗްގައި ބައްދަލުކުރީ ސްޓެފަޑް އިންޓަނޭސަނަލް ސްކޫލްގެ 14 އަހަރުން ދަށު އުމުރުފުރާގެ ޓީމާއެވެ. އެ މެޗު 45 ލަނޑުން ކާމިޔާބުކުރީ ސްފެޑް އިންޓަނޭސަނަލް ސްކޫލް އެވެ.

ޓޮސް ދިމާވުން ސްޓެފަޑް އިންޓަނޭސަނަލް އިން ކުޅެންއަރައި 20 އޯވަރުގެތެރޭގައި ހަތް ކުޅުންތެރިން ނުބައިވެގެން 142 ލަނޑު ހަދާފައިވާއިރު ޖަވާބުގައި ރާއްޖޭގެ ޓީމް ކުޅެންއަރައި 20 އޯވަރުގެތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 97 ލަނޑެވެ.

އިއްޔެ ކުޅުނު ދެވަނަ މެޗްގައި ރާއްޖޭގެ ޓީމް ވާދަކުރީ ލޭސް އިންޓަނޭސަނަލް ސްކޫލްގެ 14 އަހަރުން ދަށުގެ ޓީމާއެވެ. ރާއްޖޭގެ ޓީމް އެ މެޗު ކާމިޔާބުކުރީ އަށް ވިކެޓުންނެވެ.

ޓޮސް ދިމާވުމުން ލޭސް ކުޅެންއަރައި 19 އޯވަރުގެތެރޭގައި ހުރިހާ ކުޅުންންތެރިން ނުބައިވެގެން ހެދުނީ 93 ލަނޑެވެ. ޖަވާބުގައި ރާއްޖޭގެ ޓީމް ކުޅެންއަރައި 16 އޯވަރުގެ ތެރޭގައި ދެކުޅުންތެރިން ނުބައިވެގެން 94 ލަނޑު ހަމަކުރި އެވެ. އެ މެޗުގައި އެންމެ ރަގަޅަށް ކުޅުނީ ޓީމްގެ ކެޕްޓަން ތުސާރު ޖަސްނާނީ އެވެ. އޭނާ 26 ލަނޑު ހެދިއިރު ދެވަނައަށް އެންމެ ރަނގަޅަށް ކުޅުނު ޔޫސުފް އަޒިޔާން 20 ލަނޑު ހެދިއެވެ.

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން ބުނީ، ރާއްޖޭގެ 14 އަހަރުން ދަށުގެ ކްރިކެޓް ޓީމް މިއަދުވެސް ދެ މެޗު ކުޅުމަށް ހަމަޖެހިފައިވާ ކަމަށެވެ.