26 Nov 2013, 13:41
ޏ. ފުވައްމުލަކުގައި ފެނާއި ނަރުދަމާ ގާއިމް ކުރުމުގެ ލޯނަށް ބަދަލު އައުމުން، އަލުން އެ ލޯނު ނެގުމުގެ ހުއްދަ މަޖިލީހުން މިއަދު ދީފި އެވެ. މަޖިލީހުން މިއަދު ހުއްދަ ދިނީ 3.2 މިލިއަން ދީނާރު (11،227،00 ޔޫއެސް ޑޮލަރު)ގެ ލޯނެއް ނެގުމަށެވެ.
ފުވައްމުލަކުގައި ފެނާއި ނަރުދަމާ ގާއިމް ކުރުމަށް މަޖިލީހުން މިދިޔަ އަހަރު ބަޖެޓް ފާސްކުރިއިރު ކުވޭތު ފަންޑުން 15 މިލިއަން ޔޫއެސް ޑޮލަރަށް ޖެހޭ ކުވެއިތު ދީނާރުގެ ލޯނު ނެގުމަށް މަޖިލީހުން ހުއްދަ ދިނެވެ.
މާލިއްޔަތު ކޮމެޓީން މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވާ ރިޕޯޓުގައިވާ ގޮތުން ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ލިޔުންތަކުން އެނގޭ ގޮތުން އެ ލޯނުގެ ތަފްސީލުތަކަށް ބަދަލު އައިސްފައިވެ އެވެ. އެގޮތުން 15 މިލިއަން ޑޮލަރުގެ ލޯނު، 11.2 މިލިއަން ޑޮލަރަށް ދައްވެފައިވެ އެވެ. އެއީ 3.2 މިލިއަން ދީނާރުގެ ލޯނެވެ.
ލޯނަށް ބަދަލު ގެނައި ގޮތަށް، އެ ލޯނު ނެގުމުގެ ހުއްދަ މަޖިލީހުން ދީނީ، މާލިއްޔަތު ކޮމެޓީން މަޖިލީހުން ތަޅުމަށް ހުށަހެޅި ރިޕޯޓަށް ވޯޓަށް އަހައި ފާސްވުމުންނެވެ.
ފުވައްމުލަކުގައި ފެނާއި ނަރުދަމާ އެޅުމުގެ ލޯނު ނެގުމަށް ހުއްދަ މަޖިލީހުން ދިނުމަށް މާލިއްޔަތު ކޮމެޓީން ފޮނުވި ރިޕޯޓް ފާސް ކުރުމަށް ތަޅުމުގައި ވޯޓަށް އެހުމުން ޖަލްސާއަށް ހާޒިރުވި 57 މެންބަރުންގެ އިއްތިފާގުން އެ ލޯނު ނެގުމަށް ވޯޓު ދެއްވި އެވެ.
ކުވޭތު ފަންޑުން ރާއްޖެއަށް ދޭ ލޯނުގެ އަނބުރާ ދެއްކުމަށް 25 އަހަރުގެ މުއްދަތެއް ކުރިން ދީފައި އޮތަސް، ލޯނަށް ބަދަލު އައުމުން، ލޯނު ނަގާ ތާރީހުން ފެށިގެން، އަނބުރާ ލޯނު ދެއްކުމަށް 24 އަހަރަށް ކުޑަވެ، ގްރޭސް ޕީރިއަޑްގެ ގޮތުގައި ހަތަރު އަހަރު ހިމަނާފައިވެ އެވެ.
ލޯނު ދެއްކުމަށް ދިގު ދެންމިދާނެ ކަމަށް މާލިއްޔަތު ކޮމެޓީގެ ރިޕޯޓުގައިބުނެ އެވެ.