26 Nov 2013, 13:12
މުބާރާތް ކާމިޔާބުކުރާ ފަރާތަކަށް އަންނަ އަހަރުގެ އޭއެފްސީ ކަޕްގައި ރާއްޖޭގެ ޗެމްޕިއަން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ރަށުން ބޭރުގައި ކުޅޭ މެޗެއް ބަލާލުމަށްޓަކައި ޓީމާއެކު ދަތުކުރަން އިނާމެއްގެ ގޮތުގައި ޓިކެޓެއް ދޭގޮތަށް ޕްލޭ ސްޓޭޝަން ފުޓްބޯޅަ މުބާރާތެއް ބާއްވަން ނިއުއިން ހަމަޖައްސައިފި އެވެ.
ނިއުގެ ކޯޗަކަށް ރެއާލް މެޑްރިޑްގެ ކުރީގެ ޑިފެންޑަރު ޕެރޭޒް ގާސިއާ ހަމަޖެއްސިކަން އިއުލާނުކުރުމަށް ރޭ އެޓީމުން އެފްއޭއެމްގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި އެޓީމުގެ ޗެއާމަން އަލީ ވަހީދު (ބަލަކް) ވިދާޅުވީ، އެފަދަ މުބާރާތެއް ބޭއްވުމަށް ކްލަބްގެ ބޯޑުން ނިންމީ ފުޓްބޯޅައަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ވީހާވެސް ބޮޑަށް ތަނަވަސް ކޮށްދީ، އަދި ޓީމުތަކުގެ މެނޭޖްމަންޓަށް ވެސް އޭގެ ސަބަބުން ފައިދާއެއް ލިބިދާނޭ ކަމަށް ވިސްނާފައި ކަމަށެވެ.
"ވަރަށް ގިނަ ޒުވާނުން ކުޑައިރުއްސުރެން ފެށިގެން 40 އަހަރު ވީމަވެސް އޮފީސް ނިންމާފައި އައިސް އެބަ ކުޅޭ ފީފާއާއި ވިނިން އިލަވަންއާ އެއްޗިހި. އެހެން ވީމާ އަޅުގަނޑުމެން މިއުޅެނީ ނިއު ރޭޑިއަންޓް ޗެލެންޖެއް ހުޅުވާލަން. އޭގެ މުބާރާތެއް ބާއްވަން. އެގޮތުން މިއަންނަ އަހަރުގެ އޭއެފްސީ ކަޕް މެޗެއް ބަލައިލުމުގެ ފުރުސަތުދޭން މި ވިސްނަނީ އެ މުބާރާތުން މޮޅުވާ ޒުވާނަކަށް. ދެން އަދި ދެވަނަ ތިން ވަނައަށް ވެސް ރަނގަޅު އިނާމުތަކެއް ލިބޭނެ،" ބަލަކް ވިދާޅުވި އެވެ. "ދެން މީގެ އެންމެ ބޮޑު ބޭނުމަކީ، އެބަ ޖެހޭ ފުޓްބޯޅަ އެންޖޯއީ ކުރަން އަދި އަޅުގަނޑުމެން ރާއްޖޭގެ މިފަދަ ބޮޑެތި ކްލަބްތަކާ ހަވާލުވެގެން މިހިސާބަށް އާދެވިފައި މިތިބީ ހަމަ ޖޮއިސްޓިކް ހިފައިގެން ތިބެ. އެހެން ވީމާ އަޅުގަނޑުމެން މި ބަލަނީ އެކަހަލަ މުބާރާތެއް އެ ނަގާލެވެނީ ވަރަށް ވަރުގަދަ ސިކުނޑިތަކަކަށޭ."
ނިއު ރޭޑިއަންޓްގެ "ޕްލޭ ސްޓޭޝަން ފުޓްބޯލް ޓޯނަމަންޓް"ގައި ބައިވެރިވުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް ކްލަބުން ހާމަކޮށްފައިވާއިރު އެ މުބާރާތުގައި ބައިވެރި ވުމަށް 500 ރުފިޔާ ހޭދަކުރަން ޖެހޭނޭ ކަމަށް ވެސް ބަލަކް ވިދާޅުވި އެވެ.
ބަލަކް ވިދާޅުވީ މިފަދަ މުބާރާތެއް ބޭއްވުމުން، ކްލަބްގެ ސަޕޯޓަރުންނާ އިތުރަށް ގުޅުން ހަރުދަނާވެ، އަދި ރާއްޖޭގެ ފުޓްބޯޅަ ސީޒަން މެދުކެނޑިފައި އޮންނަ ދުވަސްވަރު މިފަދަ ފުރުސަތެއް ލިބުމަށް އެދިއެދި ތިބި ގިނަ ބަޔަކަށް އޭގެ ފައިދާ ކުރާނޭ ކަމަށް ކްލަބްގެ ބޯޑުން ދެކޭ ކަމަށެވެ.
"މި ޗުއްޓީގައި ވެސް ގިނަ ޒުވާނުން މިތިބެނީ ކުރާނޭ ކަމެއް ނެތިފައި. ދެން ކޮންމެ އޮފް ސީޒަނަކަށް އަޅުގަނޑުމެން މި މުބާރާތް މި ރާވަނީ. ދެން މީ ފުރަތަމަ ފަހަރު. ފެށީމަ އަޅުގަނޑުމެންނަށް އެނގޭނީ މިއީ ކިހާވަރެއްގެ ތަރުހީބެއް އޮތް ކަމެއްކަން،" ބަލަކް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ، ނިއު ރޭޑިއަންޓްގެ "ޕްލޭ ސްޓޭޝަން ފުޓްބޯލް ޓޯނަމަންޓް" އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި އަދި މުބާރާތުގެ ވަނަތައް ހާސިލްކުރާ ފަރާތްތަކަށް އިނާމު ދިނުން އޮންނާނީ، ޖެނުއަރީ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ނިއުގެ އެވޯޑް ނައިޓްގައި ކަމަށެވެ.