26 Nov 2013, 12:39
މިއުނިކްގައި 1958 ވަނަ އަހަރު ހިނގި މަތިންދާ ބޯޓު ވެއްޓުމުގެ ހިތާމަވެރި ހާދިސާގައި ސަލާމަތްވި މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކެޕްޓަން ބިލް ފައުކްސް އުމުރުން 81 އަހަރުގައި މަރުވެއްޖެ އެވެ.
މިއުނިކް ހާދިސާއަށް ފަހު ޔުނައިޓެޑްގެ ކެޕްޓަން ބޭންޑާ ހަވާލުވި ބިލް ފައުކްސް ވަނީ، އެޓީމަށް 688 މެޗު ކުޅެދީފަ އެވެ. އޭނާއަށް ވުރެ ގިނަ މެޗު ޔުނައިޓެޑަށް ކުޅެފައިވަނީ އެންމެ ތިން ކުޅުންތެރިންނެވެ. އެއީ ސަރ ބޮބީ ޗާލްޓަންއާއި ރަޔާން ގިގްސްގެ އިތުރުން ޕައުލް ސްކޯލްސް އެވެ.
ބިލް ފައުކްސް އަކީ "އާދަޔާ ހިލާފް މޮޅު ޑިފެންޑަރެއް"ގެ ގޮތުގައި ސާ ބޮބީ ޗާލްޓަން ސިފަކޮށްފައިވާއިރު، އޭނާއާ ބެހޭގޮތުން ޔުނައިޓެޑްގެ ވައިސް ޗެއާމަން އެޑް ވުޑްވާޑް ބުނީ ފައުކްސްގެ "ހަނދާންތައް ފޮހިވިގެން ނުދާނޭ" ކަމަށެވެ.
ބަލްގްރޭޑުން ފުރައިގެން 6 ފެބްރުއަރީ 1958ގައި އިންގްލެންޑަށް ދިޔަ މަގުމަތީގައި މިއުނިކް ވައިގެ ބަނދަރުން ބޯޓަށް ތެޔޮ އެޅުމަށްފަހު ފުރަން އުޅުމުގެ ތެރޭގައި ހިނގި ނުރަށްކާތެރި ހާދިސާގައި އެބޯޓުން ދަތުރުކުރި 23 މީހުން މަރުވެފައިވެ އެވެ. ޔުނައިޓެޑްގެ އަށް ކުޅުންތެރިންނާއި އަށް ނޫސްވެރިންނާއި އަދި ހަތް ސްޓާފުން މަރުވި އެ ހިތާމަވެރި ހާދިސާގައި ފައުކްސް ވަނީ އޭނާގެ ނަފުސު ސަލާމަތް ކުރުމަށް ފަހު އެހެން މީހުން ސަލާމަތްކުރުމަށްވެސް އެހީތެރިވެދީފަ އެވެ.
"އެ ހާދިސާ ހިނގިވަގުތު ފަހަތުން ވިއްސައިގެން އައި އެއްޗެހިތައް އަހަންނަށް ފެނުނު. ވިއްސައިގެ އައި އެއްޗެހި ތަކުން އަހަރެންގެ ބޮލުގައި ޖެހުނު،" 2008 ވަނަ އަހަރު މިއުނިކް ހާދިސާއާ ބެހޭގޮތުން ވާހަކަ ދައްކަމުން ފައުކްސް ބީބީސީއަށް ބުންޏެވެ. "އަހަރެން ދުވެފައި ދިޔައިން މެޓް ސަލާމަތްކުރަން. އޭނާގެ ހަށިގަނޑުގެ ދަށުގައި އަހަރެމެން އޯވަކޯޓެއް އެޅިން. އޭގެ މަތީގައި ބަނޑުފުއް މައްޗަށް ވާގޮތަށް ފުރޮޅިލުމަށްފަހު ފުން ނޭވާއެއްލާފައި، އޭނާ މިދުނިޔެ ދޫކުރީ."
http://www.sun.mv/albums/l_21489.jpg
މިއުނިކް ހާދިސާއަށް ފަހު ޔުނައިޓެޑްގެ ކެޕްޓަން ކަމާ ހަވާލުވި ފައުކްސް ވެގެން ދިޔައީ އެޓީމު އަލުން ބިނާކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެއް "ތަނބު" ކަމުގައެވެ.
އޭނާ ވަނީ ޔުނައިޓެޑާއެކު ހަތަރު ފަހަރު ލީގު ކާމިޔާބުކޮށް، އެފްއޭ ކަޕް އެއްފަހަރު ހޯދައިފަ އެވެ. އަދި ޔުނައިޓެޑުން 1968 ވަނަ އަހަރުގެ ޔޫރަޕިއަން ކަޕް އުފުލައިލި އިރު އެޓީމުގައިވެސް އޭނާ ހިމެނުނެވެ.
ފައުކްސް އެންމެ ފުރަތަމަ ޔުނައިޓެޑަށް ކުޅުނުނީ 1952 ވަނަ އަހަރުގެ ޑިސެންބަރު މަހު ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އަދި އޭގެ ފަހުން ޔުނައިޓެޑަށް އޭނާ ކުޅުނު ހުރިހާ މެޗެއްގައި ޖުމުލަ ނުވަ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދީފައި ވެއެވެ. އެހެން ނަމަވެސް އޭނާއަށް އިންގްލެންޑް ޓީމަށް ކުޅުމުގެ ފުރުސަތު ލިބުނީ އެންމެ ފަހަރަކު އެވެ. އެއީ 1954ގަ އެވެ.
ބިލް ފައުކްސް ވަނީ 1970ވަނަ އަހަރު ޔުނައިޓެޑް ދޫކޮށް ދިއުމަށްފަހު އެމެރިކާއާއި ނޯވޭގެ ޓީމުތަކަށް ކޯޗުކަން ކޮށްދީފަ އެވެ.