26 Nov 2013, 12:21
ދެހާސް ހަ ވަނަ އަހަރުން ފެށިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ފުޅާ ދާއިރާއެއްގައި އެތަކެތީގެ ވިޔަފާރިކުރާ ބޮޑު ނެޓުވޯކުގެ ވެރިޔާ މ. ލޮނުމިދިލިގޭ އިބްރާހީމް ޝަފާޒު އަބްދުއްރައްޒާގު (ސަފާ) އާއި އޭނާގެ ފަސް ބައިވެރިއަކު ދިގުމުއްދަތަކަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުމުގެ ކުށުގައި ސަފާ 18 އަހަރަށް ޖަލަށްލުމާ އެކު 75،000 ރުފިޔާ އިން ޖޫރިމަނާ ކުރުމަށް މިއަދު ވަނީ ހުކުމް ކޮށްފަ އެވެ.
އޭނާގެ މައްޗަށް ކުރި އެ ހުކުމްގައި ބުނެފައި ވަނީ 2006 ވަނަ އަހަރުން ފެށިގެން 2011 ވަނަ އަހަރާ ދެމެދު ސްރީލަންކާގެ ރައްޔިތަކާ ގުޅިގެން ސަފާ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅެފައިވާކަން އެ މައްސަލައާ ގުޅިގެން ޝަރީއަތަށް ހުށަހަޅާފައިވާ ފޯނުކޯލްތަކާއި އެއާއި ގުޅިފައިވާ ހަރުދަނާ ގަރީނާތަކުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.
ޖޫރިމަނާގެ ފައިސާ މިއަދުން ފެށިގެން އެއްމަސް ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް ދައްކައި ޚަލާސްކުރުމަށް ވެސް އެ ހުކުމް އޭނާ އަށް ވަނީ އަންގާފަ އެވެ.
ދެހާސް އެގާރަ ވަނަ އަހަރުގެ ޖޫންމަހުގެ 23 ވަނަ ދުވަހުގެ ރޭ ހ. ފަށަންގޭގެ ފަސްވަނަ ފަންގިފިލާގައި މަސްތުވާތަކެތި ގެންގުޅުމުގެ ކުށް ޝަރީއަތަށް ސާބިތުވުމުން ސަފާގެ ތިން ބައިވެރިއަކު 10 އަހަރަށް ޖަލަށްލާން ވަނީ ހުކުމްކޮށްފަ އެވެ.
އެ ހުކުމް ކޮށްފައި ވަނީ ތ. ތިމަރަފުށީ ކަރަންކާވިލާ އިސްމާއީލް ޝަހީމާއި ހ. ގަސްވާ މުހައްމަދު މީއާދާއި ގދ. ފިޔޯރީ އެވަރެސްޓް އަނަސް އަނީސްގެ މައްޗަށެވެ. އެމީހުންގެ ތެރެއިން މީއާދުގެ މައްޗަށް ހުކުމްކޮށްފައި ވަނީ އޭނާގެ ޣައިރުހާޒިރުގަ އެވެ.
ކްރިމިނަލް ކޯޓުގެ ހުކުމްގައި ބުނެފައި ވަނީ 2011 ވަނަ އަހަރުގެ ޖޫންމަހުގެ 23 ވަނަ ދުވަހުގެ ރޭ 9:30 ހާއިރު ހ. ފަށަންގޭގެ ފަސް ވަނަ ފަންގިފިލާއަށް ފުލުހުން ވަތްއިރު އެ ކޮޓަރި ތެރޭގައި އެ ތިން މީހުން ތިބިކަމަށް ހެކީންގެ ހެކިބަހުންނާއި އެމީހުންގެ އަމިއްލަ އިއުތިރާފުން އެނގެން އޮންނަ ކަމަށެވެ.
އެ ހުކުމްގައި ބުނެފައި ވަނީ އެ ކޮޓަރިތެރެއިން ފެނުނު މަސްތުވާތަކެތީގެ ޒިންމާ އުފުލުމަށްފަހު އެކޮޓަރީގައި ދެން ތިބި މީހުން އެތަކެތީގެ ޒިންމާ އުފުލަން ނުޖެހޭނެ ކަމަށް މީއާދު ބުނިނަމަވެސް ފުލުހުން އެތަނަށް ވަތް އިރު އެވަގުތު އެމީހުން ދިޔައީ މަސްތުވާތަކެތި ބަންދުކުރުމުގެ މަސައްކަތް ކުރަމުން ކަމަށް އެތަނުގެ ހާލަތާއި ފެނުނުތަކެތިން ދޭހަވާކަމަށް ސީނަށް ދިޔަ ފުލުހުންގެ ހެކިބަހުން އެނގޭ ކަމަށެވެ. އަދި ފުލުހުން ކޮޓަރިތެރެއަށް ވަތް އިރު އެމީހުންގެ އަމަލުތައް ހުރިގޮތަށް ބަލާއިރު އެ ކުށުގެ ޒިންމާ އެ އެންމެން އުފުލަންޖެހޭނެ ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.
ސަފާ ހައްޔަރުކުރި ވަގުތު އޭނާ ހުރީ ކޮޓަރިން ބޭރުގައި ކަމަށްވައިރު އެވަގުތު އެތަނުގައި އެތަކެއް ބަޔަކު ތިބިކަމަށް ސަފާ ބުނާތީއާއި އެގޭތެރެއިން ސަފާގެ ފިންގާ ޕްރިންޓް ފެނުނު އެއްވެސް އެއްޗަކުން މަސްތުވާތަކެތި ފެނިފައިނުވާތީ ކޮޓަރީގައި ތިބި މަސްތުވާތަކެއްޗަކީ އޭނާއާ ގުޅުންހުރިތަކެތިކަން ޝަރީއަތަށް ސާބިތުނުވާ ކަމަށް ވަނީ ހުކުމް ކޮށްފަ އެވެ.
އެ ނެޓްވޯކްގައި ހިމެނޭ މީހުންގެ ތެރެއިން މ. ކުދެހިގޭ ހުސައިން އާތިފާއި ހދ. ކުޅުދުއްފުށީ ގުލާބީގޭ އަބްދުއްސައްތާރު އަލީއާ ގުޅިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅެފައިވާކަން އެދެމީހުންގެ ފޯންކޯލް ރެކޯޑިން އަޑުއެހުމުން އެނގޭ ކަމަށެވެ. އެ ފޯންކޯލް އަޑުއެހި އިރު މަސްތުވާތަކެތި ގަންނާނެ ގޮތާއި އެތަކެތީގެ ކޮލެޓީއާ ބެހޭގޮތުން އެ ދެ މީހުން ވާހަކަދައްކާފައިވާއިރު އެނޫން އެއްވެސް ވާހަކައެއް ފޯންކޯލްގައި އެދެ މީހުން ދައްކާފައިނުވާ ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ. މަސްތުވާތަކެތި އެތެރެކުރަން އުޅުމުގެ ކުށް އެދެ މީހުންގެ މައްޗަށް ސާބިތުވާތީ 18 އަހަރަށް ޖަލަށްލުމާ އެކު 75،000ރ. އިން ޖޫރިމަނާކޮށް މިއަދުން ފެށިގެން އެމަސް ދުވަހުގެ ތެރޭގައި އެ ފައިސާ ކްރިމިނަލް ކޯޓަށް ދައްކައި ޚަލާސްކުރުމަށް ވެސް ވަނީ ހުކުމްކޮށްފަ އެވެ.
ވެސްޓަންސް ޔޫނިއަނާއި އޭޖޭއޭ އެމްޕޯރިއަމް މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވިކަމަށް ބުނެ ދައުލަތުން ދައުވާ ކުރި މ. ފެހިއައްސޭރި ހުސައިން އަތީކުގެ މައްޗަށް އެއްވެސް ހެއްކެއް ލިބިފައިނުވާތީ އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ވަނީ ހުކުމް ކޮށްފަ އެވެ.
އެ ނެޓްވޯކް ފުލުހުން ހޯދާފައި ވަނީ 2009 ވަނަ އަހަރުން ފެށިގެން "އޮޕަރޭޝަން ޗެލެންޖް"ގެ ނަމުގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގަ އެވެ.
ފުލުހުން ބުނީ ސަފާ އަކީ މަސްތުވާތަކެތި ބޭނުންކުރުމުގެ މައްސަލައިގައި މީގެކުރިން ރިހެބުން ފަރުވާ ވެސް ހޯދާފައިވާ މީހެއް ކަމަށެވެ.