26 Nov 2013, 11:49
އިޓާލިއަން ލީގުގައި ރޭ ކަލިއާރީއާ ދެކޮޅަށް ކުޅެ ލަނޑެއް ނުޖެހި އެއްވަރުވި މެޗާއެކު ޖެހިޖެހިގެން ތިން މެޗުން އެއްވަރުވެ ލީގު ތާވަލުގެ އެއްވަނަ މަގާމް އޭއެސް ރޯމާއަށް ގެއްލިއްޖެ އެވެ.
ތާވަލުގެ ދެވަނައިގައި 33 ޕޮއިންޓާއެކު ރޯމާ އޮތް އިރު އިއްޔެރޭ ރަށުން ބޭރުގައި ލިވޯނޯ އަތުން 2-0 އިން މޮޅުވެ އެއްވަނައިގައި 34 ޕޮއިންޓާއެކު އޮތީ ޗެމްޕިއަން ޔުވެންޓާސް އެވެ.
ރޯމާގެ ދަނޑުގައި ކުޅުނު ފޯރިގަދަ މެޗުގައި ކަލިއާރީގެ ގޯލް ހުޅުވައިލާނޭ ރަނގަޅު ފުރުސަތު ތަކެއް ލިބުނު ނަމަވެސް ރޯމާއަށް މެޗުގައި ލަނޑެއް ކާޔާބު ނުކުރެވުނު އިރު ހޫނު ވެގެންދިޔަ މެޗުގައި ރޯމާއާ ދެކޮޅަށް ބައެއް ނިންމުންތައް ނިންމާފައިވާ ކަމަށް ބުނެ މައްސަލަ ޖެއްސުމުން އެމެޗުގެ ރެފްރީ ވަނީ ރޯމާގެ ކޯޗް ރުޑީ ގާސިއާއި އޭނާގެ އެހީތެރިން ބެންޗުން ފޮނުވައިލާފަ އެވެ.
ލީގު ކާމިޔާބު ކުރުމަށްޓަކައި ރޯމާއިން ކުރަންމުން ގެންދާ މަސައްކަތުގައި އަންނަ ހަފްތާގެ އާދިއްތަދުވަހު އެޓީމު ވާދަކުރަން ޖެހޭނީ ރަށުން ބޭރުގައި އެޓްލާންޓާއާ އެވެ.
އިޓަލީ ލީގުގައި ކޮންމެ ޓީމެއް ވެސް މިހާތަނަށް 13 މެޗު ކުޅެފައިވާ އިރު ތިންވަނައިގައި 28 ޕޮއިންޓާއެކު އޮތީ ނަޕޯލީ އެވެ. އަދި 26 ޕޮއިންޓާއެކު ހަތަރުވަނައިގައި އިންޓަމިލާން އޮތްއިރު ފަސްވަނައިގައި އޮތް ފިއޮރެންޓީނާއަށް ލިބިފައިވަނީ 24 ޕޮއިންޓެވެ.